Last Updated: April 25, 12:03
Thursday, April 25, 2024
ކުޅިވަރު

ސްޓޭޑިއަމްގައި އަނެއްކާވެސް 'ވަރަށް އަވަހަށް' ލައިޓް ޖަހަނީ!

އައްޑޫ ފުޓްބޯޅަ ސްޓޭޑިއަމްގައި ވަރަށް އަވަހަށް ލައިޓް ޖަހައި، އެތަނުގެ މަސައްކަތް ވެސް އެއްކޮށް ފުރިހަމަކޮށް ނިންމައިލެވޭނެ ކަމަށް ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް އަނެއްކާވެސް ވިދާޅުވެއްޖެއެވެ.

ހިތަދޫ ފުޓްސަލް ދަނޑު ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ ހިތަދޫ ސްޓޭޑިއަމްގައި ލައިޓް ޖަހާނެ ބަޔަކު ހޯދަން ސްރީ ލަންކާގެ ސަރުކާރާއި ލަންކާގެ ކުންފުންޏަކާ ވެސް މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. އެހެންވެ ލައިޓްތަކަށް ހަރަދު ވާނެ އަގު ވެސް ވަރަށް އަވަހަށް އެނގޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ނަމަވެސް ޔޫތް މިނިސްޓްރީގައި މަސައްކަތް ކުރާ މުވައްޒަފަކު ނަން ހާމަނުކުރުމަށް ޝަރުތުކޮށް 'އައްޑޫލައިވް' އަށް މައުލޫމާތު ދެމުން ބުނިގޮތުގައި އައްޑޫ ސްޓޭޑިއަމްގެ ލައިޓްތަކާއި ބެހޭ މަޝްވަރާތަކެއް އެއްވެސް ފަރާތަކާއި ކުރެވެމުން ނުދާ ކަމަށެވެ.

މަލީހު ރޭގެ ޖަލްސާގައި މިގޮތަށް ވިދާޅުވެފައިވާއިރު މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި 'އައްޑޫލައިވް' އަށް ދިން އިންޓަވިއުއެއްގައި ސްޓޭޑިއަމްގެ ލައިޓް ޖެހޭނެ ވަކި ދުވަހެއް އަދި ދަންނަވަން ނޭގޭ ކަމަށާއި، ދެ ފަރާތަކާއި މަޝްވަރާކޮށް މަސައްކަތަށް ހިގާނެ ހަރަދު ބަލަމުން އަންނަ ކަމަށް ވަނީ ވިދާޅުވެފައެވެ.

އޭރު މަލީހު ވިދާޅުވީ ވާހަކަ ދައްކަމުން ދަނީ ސްޓެލްކޯ އާއި އޭރު އައްޑޫ ސްޓޭޑިއަމްގައި ވަގުތީ ލައިޓް ޖަހައިދިން ލަންކާ ކުންފުންޏާ ކަމަށެވެ.

މިދިޔަ އަހަރު ބޭއްވި އޭއެފްސީ ޗެލެންޖް ކަޕްގެ އެއް ގްރޫޕްގެ މެޗުތައް އައްޑޫ ސްޓޭޑިއަމްގައި ކުޅުނީ ވަގުތީ ގޮތުން ލަންކާ އިން ކުއްޔަށް ގެނައި ލައިޓް ސިސްޓަމެއް ބަހައްޓައިގެންނެވެ. މުބާރާތް ނިމުމާ އެކު އެ ލައިޓް ސިސްޓަމް ވަނީ ގެންގޮސްފަ އެވެ.

އައްޑޫ ސްޓޭޑިއަމްއަށް އަލަށް އިތުރު ކުރި ބައިގެ ބޮޑު ބައެެއްގެ ސިމެންތި ގަނޑު ކަޑައިގެން ބޮޑެތި ރެނދުލާފައި އެ ތަނުގެ ފާޙާނާ ޖަންކްޝަން ތަކުން އަރާ ނަޖިސް ބޭރުވާ މައްސަލާގައި އައްޑޫގެ ގިނަ ބައެއްގެ ފާޑު ކިއުންތައް މިނިސްޓްރީ އަށް ވަނީ އަމާޒުވެފައެވެ.