Last Updated: March 29, 11:09
Friday, March 29, 2024
ކޮލަމް

އެ ޖަނގިޔަލުގެ ސިއްރު 7

މައްސަލައިގެ ތެރެއަށް ޖާއިޒު މަނިއްޕުޅު ވަނުން

އެކްސްވައިޒެޑު ކުންފުނީގެ ކޮރަޕްޓް ތިން ހިއްސާދާރުން ޖާއިޒު
މަނިއްޕުޅުގެ ކިބައިން އެދުނީ މިކަން އެމީހުންނާއި ނުބައްސައި މިއީ
ޖާއިޒުގެ އަމިއްލަ ވީޑިއޯއެއްކަމަށް ދައްކައިގެން ވަލީ މަހީދުއާ
މުއާމަލާތް ކުޅައުމަށެވެ. މި މަސައްކަތުގެ އުޖޫރައެއްގެ ގޮތުން މިލިއަން
ދީނާރު ދޭނެކަމަށް ވެސް ބުންޏެވެ. މިހެން ބުނެފައި އެއްކަލަ ދީންވެރި
ހިއްސާދާރަށް އަންގައިފައި އޮތީ ވަލީ މަހީދުގެ ވަތުބަތާނުގެ ވީޑިއޯއެއް
ޖާއިޒުގެ އަތުގައި އޮވެގެން އެ ވީޑިއޯގެ ބާރުގައި ވަލީ މަހީދުއާ
މުއާމަލާތްތަކެއް ހިންގަން ޖާއިޒު މަސައްކަތްތަކެއް ކުރަމުންދާ ވާހަކަ
އެވެ. މިކަމާ މީނާ ވަރަށް ހިތާނުވެ ތިޔަކަން ތިމަންނާ އެއްގޮތަކުން
ނުވިއްޔާ އަނެއް ގޮތަކުންވިޔަސް ހުއްޓުވާނަމޭ ބުންޏެވެ.

ޖާއިޒުގެ އަތުގައި މި ވީޑިއޯ އޮތްކަން ވަލީ މަހީދަށް އެންގުމަށްޓަކައި
އެންމެ ފުރަތަމަ ކުރި ކަމަކީ ވަލީ މަހީދުގެ އެޖެންޓު ޖަނީބަށް ވީޑިއޯ
ދެއްކުމެވެ. މިކަން އިންތިޒާމު ކުޅައީ އެކްސްވައިޒެޑުންނެވެ. ވީޑިއޯ ބެލީ
ފަރުހަތުގެ ދުއްކާނުގެ ދެވަނަ ބުރީގައި ބަހައްޓާފައި ހުރި
މޮނިޓަރަކުންނެވެ. އޭރު ފަރުހަތުވީ ކޮޅުނބުގަ އެވެ. އޭނާގެ ފަރާތުން
މިކަމުގައި އެހީތެރިވެދިނީ އިބުނި ގާދިރެވެ. ޖަނީބަށް ވީޑިއޯ
ދެއްކިއިރުވެސް ޖާއިޒުގެ އަތުގައި އޮތީ ޓީވީ މޮނިޓަރެއްގެ މަތިން
ނަގާފައި އޮތް ސާޅީސް ސިކުންތުގެ ވީޑިއޯ ކޮޅެކެވެ. އެނޫން އެއްޗެއް
މީނާގެ އަތުގައި ނެތެވެ. އެހެންވެގެން ފަރުހަތުގެ ދުއްކާނުގައި އެޅުވީ
އެކްސްވައިޒެޑުން ގެނައި ވީޑިއޯއެކެވެ. މި ވީޑިއޯ ބަލާފައި ޖަނީބު
އިސްދަށަށް ޖެހިގޮތަށް ދެން އެދުވަހު އިސްނޫފުލާކަމަށް ވެއެވެ. މިކަން
ކުރުމަށްފަހު ޖާއިޒުގެ އަތަށް ނުދީ އަނެއްކާވެސް އެކްސްވައިޒެޑުން ވީޑިއޯ
ގެންގޮސްފި އެވެ.

ވަލީ މަހީދާއި ޖާއިޒުގެ ބައްދަލުވުން

ޖަނީބަށް ވީޑިއޯ ދެއްކި ދުވަސް ނޫން އަނެއް ދުވަހު ޖާއިޒުގެ ފޯނަށް ވަލީ
މަހީދު ގުޅައިފައި ބައްދަލުކުރާން އެދިގެންފި އެވެ. ތިމަންމިހިރީ
އިސްބަގޫލު ކޯޓުގައޭ މިތަނަށް ވަޑައިގަންނަވާންވީ ނޫންތޯއޭ ކިޔައިގެން
އާދޭސްތަކެއް ކޮށްފި އެވެ. ދެން ލަސްތަކެއް ނުވެ ޖާއިޒުވެސް ހަރުކޮށް
ހިނގާފައި މީނާޔާ ބައްދަލުވާން ކަމަށް އިސްބަގޫލު ކޯޓަށް ހިގާއްޖެ އެވެ.

އިސްބަގޫލު ކޯޓުގެ ތެރެއަށް ޖާއިޒު ވެއްދީ އެތާގެ ވަލު ދޮރާށިންނެވެ.
މީނާ އެތަނަށް ދިޔައިރު ހަވާލުވާނެ މީހަކު ދޮރާށި ބުޑުގައި ހުއްޓެވެ. މި
މީހަކު ޖާއިޒު ގޮވައިގެން ވަދެ ތަންކޮޅަކަށް ހިނގައިލައިފައި ބުންޏެވެ.
އަހުރެންނަށް އިޒުނަ ލިބިގެންވާ ހިސާބަށް އާދެވުނީ އެވެ. މިއަށްވުރެ
ދުރަށް ދިއުމުގެ އިޒުނައެއް ނެތެވެ. ކުރިމަތީގައި އެހެރަ ދޮރުން
އެތެރެއަށް ވަޑައިގަންނަވާށެވެ. ދެންފަހެ ޖާއިޒު އެދޮރު ހުޅުވައިލައިފައި
އެތެރެއަށް ވަނުމާއެކު އެހެން މީހަކު އައިސް ޖާއިޒުއާ ހަވާލުވެގެން
ކުރިއަށް ދާން ފަށައިފި އެވެ. މީނާވެސް ތަންކޮޅަކަށް ހިނގައިލައިފައި
ކުރިމަތީގައި ހުރި ދޮރެއް ދައްކައިލައިފައި ތިމަންނާއަށް އިޒުނަ
ލިބިގެންވާ ހިސާބަށް އާދެވުނީއޭ ބުނެފި އެވެ. އެދޮރުން ޖާއިޒު
އެތެރެވުމާއެކު އަނެއްކާވެސް އާ މީހަކު އައިސް ހަވާލުވެއްޖެ އެވެ. މިހެން
ގޮސް ހައެއްކަ މީހުން ހައެއްކަ މަރުހަލާގައި ޖާއިޒުއާ ހަވާލުވި އެވެ.
ކޮންމެ މީހަކުވެސް ދަނީ އެމީހަކަށް ކަނޑައެޅިގެންވާ އިމާއި ހަމައަށެވެ.
އެތަނުން ދެން އެހެން މީހަކު އައިސް ހަވާލު ވަނީ އެވެ.

އެންމެ ފަހު މަރުހަލާގައި ޖާއިޒުއާ ހަވާލުވީ އަންހެނެކެވެ. މީނާ ޖާއިޒު
ގޮވައިގެންގޮސް ވަނީ ނިކަން ހައިބަތު ހުރި ބޮޑު ކޮޓަރިއަކަށެވެ. ޖާއިޒު
ހިތަށް އެރިއެވެ. އަހުރެން ހަމަ ހޭލައި ހުއްޓާ މިހިރަގެން ހިންގެވުމެއް
ހިންގެވެނީ އެވެ. މިހިރަ މިހިރަ ކަންކަމަކީ އާދައިގެ ކަންތަކެއްވާ
ނޫނެވެ. ދެން މިކަހަލަ ޚިޔާލެއްގައި ހުރެގެންގޮސް އެ ކޮޓަރިއަށް ވަދެވުނު
އިރު މީނާގެ އިސްތިގުބާލުގައި ވަލީ މަހީދު ހުއްޓެވެ.

ވަލީ މަހީދުގެ ކުޅަދާނަ އެކްޓިންގ

ޖާއިޒު ހަމަފެނުމާއެކު އަނހާ އަނހާ ޔާ އަޚީއޭ ފެނިވެސް ނުލާތާ ހާދަހާ
ގިނަދުވަހެއް ވެއްޖެއޭ ހާލު ކިހިނަކުން ކިހިނަކުންހޭ އަހައި ވަރަށްވެސް
އިއްޒަތްތެރިވެގެންވާ އިސްތިގުބާލު ކުޅައުމަކުން އިސްތިގުބާލު ކޮށްފި
އެވެ. ދެންފަހެ ވަލީ މަހީދުގެ ގަހުރަމާނު ކަމަނާ ގާތުގައި މި
މަނިއްޕުޅަށް އަވަހަށް ސައިފޮދު ތައްޔާރު ކުރާށޭ މި އިންނެވީ ދައުލަތުގެ
ވަޒީރު ފެންވަރުގެ ބޭފުޅެކޭ މި ބޭބޭފުޅުންނަށް ޚިދުމަތް ކުޅައުމަކީ
އަހުރެމެން މިކަހަލަ ތަންތަނުގައި ތިބުމުގެ ހިކުމަތޭ ކިޔައިގެން
ހާސަރުތަކެއް ވެސް އަމުނައިފި އެވެ.

ސައި ތައްޔާރުކުރާން ވެގެން ގަހުރަމާނު ކަމަނާ ހަމަ ދޮރުން ބޭރުވުމާއި
އެކު ކަނޑައި ވައްޓައިލި ރުއްގުޅިއެއްގެ މިސާލުގައި ޖާއިޒުގެ
ފައިތިލައިގެ މައްޗަށް ވަލީ މަހީދު ވެއްޓިގެންފި އެވެ. ޖާއިޒުގެ ބޫޓުގައި
ބޮސްދީދީފައި ރޮއިރޮއިފައި މީނާ ކިޔަން ފެށީ މިހެންނެވެ. މިކަމަކާއި
ޖެހިގެން އަހުރެން މުޅިން ބަލި މީހަކަށް ވެއްޖެ އެވެ. ނުނިދެ އެވެ.
ނުކެވެ އެވެ. މިހައިރު މިނި ހާޓްއެޓޭކެއް ވެސް ޖެހިއްޖެ އެވެ. މިނި
ހާޓްއެޓޭކެކޭ މީނާ އެބުނީ މައިނަރ ހާޓްއެޓޭކެކޭ ބުނަންވެގެން ކަމަށް
ހީވެއެވެ.

އަދިވެސް ބުންޏެވެ. މަނިކުފާނޫވޭ އަހުރެންގެ ހިތު ތެރޭގައި ބުރުހާނަކަށް
ވެސް އަދި ގޯލްޑަންރޭ ދައީސަކަށް ވެސް އެއްވެސް ބުރަކަމެއް ނެތެވެ.
އަހުރެންގެ ހިތް ހަމަ ބިއްލޫރިކޮޅެއްހާ ސައުފެވެ. ކޮންމެހެން މި
ދުނިޔެއަކު ނޫނެވެ. އާޚިރަތުގައިވެސް އަހުރެންގެ ހިތް ހަމަ ސައުފުވާނެ
އެވެ. އެހެންވީމާ މި ވާހަކަ އެއުރެންނަށް ނަންގަނެ ދޭށެވެ. މިތަނަށް
ތިޔަވަޑައިގަތީ އެއުރެންގެ ފަރާތުން ނޫން ހެއްޔެވެ. އިންސާނަކަށް ކުށެއް
ކުރެވިދާނެ އެވެ. އެގޮތުން އަހުރެންނަށް ވެސް ކުށެއް ކުރެވިއްޖެ އެވެ.
ވަތުބަތާނައިގެ ތައުޒީރު ކުރުމަކުން ތައުޒީރު ކުރެވިއްޖެވެސްމެ އެވެ. މި
ގައުމުގައި ކޮންމެ ދުވަހަކު އެތައް ބަޔަކު ހަމަ އަހުރެންފަދައިން
ތައުޒީރު ކުރާކަމީ އެންމެންވެސް ދަންނަ ކަމެކެވެ. އެހެނެއްކަމަކު
ވޭންތަކެއް ތަހައްމަލު ކުރަން މިޖެހެނީ އަހުރެންނަށެވެ. މި އިސްބަގޫލު
ކޯޓުގައި މިވަރުގެ ކަމެއްވެސް ކުރެވޭ މީހަކަށް ހުރީ މަ ވިއްޔާއޭ ދެން
އެންމެންގެ މަތިން މިކަން ކުރާން ޖެހުނީމާ އަޅާ ވޭން ގަދަވުމަކީ
ތަބައީކަމަކީވެސް ތޯއްޗެކޭ އެކަމަކު އަހުރެން އެކަމަށް ތައުބާ
ވެއްޖައިމެވެ. މި ދުނިޔެމަތީގައި މި ލިބެމުންދާ އަޒާބުގެ ވޭން
ހައުދަހައިވާ ގަދަ އެވެ. އަޒާބު ފުދި އިތުރުވެސް ވެއްޖެ އެވެ. މިކުރަނީ
އާދޭހެވެ. އަހުރެންނަށް މާފުކޮށްފައި ދޫކޮށްލާށެވެ. ތިޔަހެން ނުހަދާށެވެ.
މަނިކުފާނު ފަދައިން އަހުރެންނަކީވެސް ހަމަ އައްޑުސްތާނުގެ މީހަކީމެވެ.
އެ ހައްގަށްޓަކައިވެސް އަހުރެން ދޫކޮށްލާށެވެ.

މިހިސާބަށް ދިޔައިރު މި ޖާއިޒުގެ ލިބާހުގެ ޖީބުތެރޭގައި އޮތް ފޯނަކުން
ވަލީ މަހީދުގެ އާދޭސް ކުރުންތަކާއި ފައިތިލައިގައި ބޮސްދެމުން ދިޔަ
މަންޒަރާއި މީނާގެ ކަރުނައިން ޖާއިޒުގެ ބޫޓު ތެމި ފޯވާ މަންޒަރު ދިޔައީ
ރިކޯޑު ކުރަމުންނެވެ. ޖާއިޒު ބުނެފި އެވެ. އަނހާ އަނހާ އަދި ތިހިސާބަށް
ނިކަމެތިވާކަށް ނުޖެހޭ ނޫންތޯއޭ މިކަމުގައި ގޯލްޑަންރޭ ދައީސާއި
ބުރުހާނުގެ ދައުރަކީ ފަހެ ކޮބައިތޯ އެވެ. އަހުރެން މިތަނަށް އައީ
އެމީހުން ބުނެގެނެއް ނޫނެވެ. މިހެން ބުނީމާ މި ވީޑިއޯގެ ސިއްރު އެއްވެސް
ފޮރުވުމަކާއި ނުލައި ވަލީ މަހީދު ވެސް ޖާއިޒަށް ކިޔައިދީފި އެވެ. އަދި
ބުންޏެވެ. މިނިކާރާއްޖޭގައި އަހުރެން ނޫނީ ހުދު ޖަންގިޔަލެއް ލައި އުޅުނު
މީހަކުވެސް ނެތްކަމަށް ބަޔަކު ހިތައިފިއޭ މިއީ ދެން ކިހައި ލަދު
ކަމެއްކަން އެނގޭނީ ދެންވެސް ހުދުޖަނގިޔާ ލައިފި މީހަކަށެވެ. މިލަދަކީ
ކުޑަކަމެއްކަމަށް އަހުރެން ނުދެކޭ ކަމުންތާއޭ މިހައިރު ޖަނގިޔާލުން ވެސް
އަހުރެން މިހިރީ ހަރާމް ކޮށްގެންނެވެ.

ޖާއިޒު ބުނެފި އެވެ. މިހައިރު ގަހުރަމާނު ކަމަނާ ވެސް ސައި ހިފައިގެން
އަންނާން އުޅޭނެ އެވެ. އެހެންވީމާ ދެން ކަރުނަ ފުހެލައި މޫނުމަތިވެސް
ކުޑައިކޮށް ތާޒާކޮށްލަން އުޅޭށެވެ. އެހެން ނޫނީ ކަންތައް ވަރަށް
ގޯސްވެދާނެ އެވެ. ޖާއިޒު މިމޭރުމުން ވާހަކަ ދެއްކީ މިއީ އިސްބަގޫލު
ކޯޓުކަމަށް ވެފައި މި ކޯޓު ތެރޭގައި ވަލީ މަހީދަށް ގޮތެއް ވެއްޖެނަމަ
އިސްބަގޫލު ކޯޓުތެރޭގައި އިސްބަގޫލު ފަނޑިޔާރަކު މަރައިލިކަމުގެ ކުށް
މީނާގެ ބޮލުގައި އެޅިދާނެ ކަމުގެ ބިރަށްޓަކަ އެވެ. އެހެން ނުވާންވީ
ސަބަބެއްވެސް ނެތްތާއޭ މީނދަ މީހާ އެކިޔަނީ ބަރިބަރިއަށް މިނި
ހާޓްއެޓޭކުވެސް ޖެހޭ ވާހަކަ އެވެ. ކޮންމެއަކަސް މިބަސް ގަބޫލުކޮށް ވަލީ
މަހީދުވެސް ތެދުވެ މީނާގެ މޭޒުމަތީން ލޯކަޅު އައިނެއް ނަގައި އޭތި
އަޅައިފައި ބުންޏެވެ. މިހައިރު އެންމެ ރަނގަޅު ދޮތަ އެވެ. ހަމަގައިމުވެސް
ގަހުރަމާނު ކަމަނާއަށް ދެން ލޮލެއް ނުފެންނާނެ އެވެ. މިހެން ބުނިއިރުވެސް
އައިނުގެ ކަޅުކަމުގެ ތެރޭން ވަލީ މަހީދުގެ ލޮލުގެ ރަތްކަން ފާޅުވެ އެވެ.

ލަސްތަކެއް ނުވެ ގަހުރަމާނު ކަމަނާ ސައިހިފައިގެން އައިސް ދެ މީހުންނަށް
ސައި ތައްޔާރުކޮށްފައި ނުކުމެގެން ހިގާއްޖެ އެވެ. ހަމަދިއުމުން ވަލީ
މަހީދު ބުންޏެވެ. އަހުރެންނަށް ފައިސާއެއް ނުދެވޭނެ އެވެ. މަގޭ އަތުގައި
ލޯ ލާރިއެއްވެސް ނެތެވެ. ހުރިހާ އެއްޗެއް ބުރުހާނުމެން ހުސްކޮށްލައިފި
އެވެ. އެހެނެއް ނޫނެވެ. ޖާއިޒު ބޭނުންވާ ގޮތަކަށް ސަރިއަތް
ނިންމައިދީފާނަމެވެ. މިތާގައި ފައިލްކުރެވިފައިވާ މައްސަލައެއް
ވިދާޅުވާށެވެ. ނިންމައިދޭނީ ހަމަ ވިދާޅުވި ގޮތަކަށެވެ. މިހެން ކިޔައިފައި
ތެދުވެ މީނާގެ މޭޒު ކައިރިއަށް ގޮސް ނެގީ ޚަތިމެކެވެ. ނަގަައިފައި ޚަތިމު
މީނާގެ މޭގައި ޖައްސައިގެން ހުރެ އެބަބުނެ އެވެ. މަގޭ ހިތުތެރޭގައި އޮތީ
މި ޚަތިމެވެ. މަ ގަބޫލުކުރަނީ ޚަތިމުގައިވާ ވާހަކަތަކެވެ.

މިޒާތަކަށް މި ދެމީހުން ވާހަކަ ދައްކައިފައި ދެން އެންމެ ރަނގަޅޭ
އަހުރެންވެސް ތިޔަކަމާ ވިސްނާނަމޭ ބުނެފައި ޖާއިޒު މިތާކުން ދިއުމަށް
އެދިގެންފި އެވެ. ވަލީ މަހީދުވެސް ޖާއިޒު ދިއުމަށް އިޒުނަ ދިނުމުން
ނިކަން ހައިރާންވެ ހުރެގެން ޖާއިޒު ވެސް ހަރުކޮށް ހިނގާފައި އޭނާގެ
ގެއަށް ހިގާއްޖެ އެވެ. (ނުނިމޭ)