Last Updated: March 28, 14:17
Thursday, March 28, 2024
ޚަބަރު

" އަޅުގަނޑަކީ ސަރުކާރުން ރައްޔިތުންނަށް ދެމުންދާ އަނިޔާގެ ދިރިހުރި މިސާލެއް "

ރައީސް ޔާމީންގެ ސަރުކާރުން ގެންދަނީ އެއްވެސް އިންސާފެއްނެތި ރައްޔިތުންނަށް އަނިޔާވެރިވަމުން ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް ޑރ. އިބްރާހީމް ދީދީ (ޑރ. ޑީޑީ) ރޭ ވިދާޅުވެއްޖެއެވެ.

"އަނިޔާވެރި ކަމާ ދެކޮޅަށް ދިވެހީން" ގެ ނަމުގައި ހުޅުމާލޭގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޑރ. ޑީޑީ ވިދާޅުވީ ސީދާ އޭނާއަކީ އެކަމުގެ ދިރިހުރި މިސާލެއް ކަމަށެވެ.

ޑީޑީ ވިދާޅުވީ މުޒާހަރާއެއްގައި މަޑުމައިތިރި ކަމާއެކު ހުންނަވަނިކޮށް ފުލުހުންވަނީ މިއަހަރުގެ ފެބްރުއަރީމަހުގެ 27 ވަނަ ދުވަހުގެ ރޭ ހައްޔަރު ކުރުމަކީ ވެސް ވަރަށަ ބޮޑު އަނިޔާއެއް ކަމަށާއި އެކަން ކޮށްފައިވަނީ ޤާނޫނު ޢަސާސީ ޚިލާފަށް ކަމަށެވެ.

މީގެ އިތުރުން ރޭގެ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ޔާމީންގެ ޢަމަލުތައް މިހާރު ހުންނަވާ ގޮތުން އެމަނިކުފާނުގެ ސިކުނޑި ފުޅުގައި މައްސަލައެއް ނެތް ކަން ހާމަވެފައިވާ ކަމަށް ވެސް ޑީޑީ ވަނީ ވިދާޅުވެފައެވެ.

މުޒާހަރާ ތަކަށް ނުދިއުމަށް ކޯޓުން ކުރި ޝަރުތާ ހިލާފުވި ކަމަށް ބުނެ 15 ދުވަސް ވަންދެން ޑރ. ޑީޑީ ބަންދުގައި ބެހެއްޓިއިރު، މުޒާހަރާއާ ގުޅިގެން އޭނާގެ މައްޗަށް ދައުވާ ކޮށްދިނުމަށް ފުލުުހުން ޕީޖީ އޮފީހަށް ވެސް ފޮނުވި އެވެ. އެކަމަކު ޕްރޮސިކިއުޓާ ޖެނަރަލް މުހްތާޒް މުހްސިން ވިދާޅުވެފައި ވަނީ ޑރ. ޑީޑީގެ މައްޗަށް ކުރާނެ ދައުވާއެއް ނެތް ކަމަށެވެ.