Last Updated: April 19, 22:45
Friday, April 19, 2024
ރިޕޯޓް

މަގުތައް އަމާންކުރަން ނިކުތް ކައުންސިލާއި ފުލުހުން "ހޮރަށް" ވަދެ ފިލައިފި!

ލިންކް ރޯޑްގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގެ ސީންގައި ފުލުހަކު ހަރަކާތްތެރިވަނީ. އައްޑޫލައިވް ފޮޓޯ: ޝަރަފް

އައްޑޫ ސިޓީގެ މަގުތަކުގައި ނުރައްކާތެރި އެކްސިޑެންޓްތައް ހުއްޓުވުމާއި ބެހޭގޮތުން ދިރާސާ ތައް ކުރެވި ބައްދަލުވުންތައް ބާއްވާ ވާހަކައަކީ އައްޑޫގެ އެއްވެސް ރައްޔިތަކަށް އާ ވާހަކައަކަށް ނުވާނެއެވެ.

އެކްސިޑެންޓެއްގައި މީހެއްގެ ފުރާނަ ގެއްލިއްޖެ ނަމަ ނުވަތަ މީހަކަށް ބޮޑެތި އަނިޔާތަކެއް ލިބިއްޖެ ނަމ ދެން ސިޓީ ކައުންސިލާއި ފުލުހުން ވެސް ބަޔާންތައް ނެރެ ކުރަން ރާވާފައިހުރި ކަންތަކުގެ ވާހަކަ ދައްކަން ފަށާ ކަމަށް އައްޑޫ ސިޓީގެ ގިނަ ރައްޔިތުން އެއްބަސްވާނެއެވެ.
ދާދި ފަހުން ވަރަށް ގާތްގާތުގައި ހިނގި 2 އެކްސިޑެންޓެއްގައި 3 ޒުވާނަކު ނިޔާވުމާއި އެކު އައްޑޫ ސިޓީ ކައުންސިލުން ވަނީ އައްޑޫގެ މަގުތަކުގައި ދުއްވާއިރު ހެލްމެޓް އަޅައިގެން ދުއްވާގޮތަށް ހަމަޖެއްސުމަށް ނިންމާފައެވެ. މިގޮތަށް ކައުންސިލަށް ނިންމުނީ ހެލްމެޓް އަޅައިގެން ދުއްވަން ޖެހޭ ގޮތަށް ގަވާއިދެއް އެކުލަވާލުމަށް އެބޭފުޅުން ވިސްނަމުން ގެންދާތާ 7 މަސް ދުވަސް ފަހުންނެވެ..

އެކްސިޑެންޓެއް ހިނގި ސަރަހައްދަކަށް މީހުން އެއްވެފައި. އައްޑޫގައި އެކްސިޑެންޓްތަކަށް ހައްލެއް ހޯދުމުގައި ފުލުހުންނާއި ކައުންސިލް ވަނީ ނުކުޅެދިފައި ކަމަށް ގިނަބަޔަކު ގަބޫލްކުރޭ.
އެކްސިޑެންޓެއް ހިނގި ސަރަހައްދަކަށް މީހުން އެއްވެފައި. އައްޑޫގައި އެކްސިޑެންޓްތަކަށް ހައްލެއް ހޯދުމުގައި ފުލުހުންނާއި ކައުންސިލް ވަނީ ނުކުޅެދިފައި ކަމަށް ގިނަބަޔަކު ގަބޫލްކުރޭ.

މިހާރު ކައުންސިލްގެ ފަރާތުން ހެލްމެޓް އެޅުމުގެ ޤަވާއިދުގެ ވާހަކައެއް ނުދައްކައެވެ. އެބޭފުޅުންގެ ނަޒަރުގައި އެކްސިޑެންޓެއް ނުހިނގާ ދުވަސްކޮޅެއް ވުމުން މަގުތައް އަމާންވީ ކަމަށް ވެދާނެއެވެ.

" މީގެ ދުވަސްކޮޅެއް ކުރިން ހީވީ ދެން އެހެން ފަދަ ކަމެއް ހެން. ލައިސަންސް ބަލަން ފަށާފާނެ. ފުލުހުން ވެސް ވަރަށް ފެންނާނެ ލިންކްރޯޑް އިން. އެކަމަކު މިހާރު ނުފެނޭ. މިއީ އެމީހުން މަގު ބަލަހައްޓާ ގޮތަކީ " ހިތަދޫ ބަނދަރުގައި މަސައްކަތް ކުރާ ޒުވާނަކު ބުންޏެވެ.

ހިތަދޫގެ ވިޔަފާރިވެރިއަކު ބުނިގޮތުގައި އައްޑޫ ސިޓީގެ މަގުތަކުގައި ބާރު ސްޕީޑްގައި ދުއްވާ ޒުވާނުންނަކީ ކޮބައިކަން ނޭނގޭ މީހަކު ނުހުންނާނެ ކަމަށާއި އެކަން ނުހުއްޓުވިގެން އުޅެނީ ގާނޫނު ތަންފީޒު ނުކުރެވިގެން ކަމަށެވެ.

" މިރަށު މަގުމަތީގައި ބާރަށް ދުއްވާ އުޅޭން 10 ވަރަކަށް މީހުން.އެދެން ރޭސް ގްރޫޕް. ފުލުހުންނަށް ވެސް އެނގޭ އެމީހުން. އެކަމަކު އެކަމެއް ނުހުއްޓޭ. އޭގެ ބލ މިޖެހެނީ އަހަރުމެންނަށް "
RETER (2)

ދާދި ފަހުން ވެސް އައްޑޫގައި ނުރައްކާތެރި އެކްސިޑެންޓްތައް ވަރަށް ބޮޑަށް އިތުރުވަމުންދާތީ އެކަން ހުއްޓުވުމުގެ ގޮތުން ކުރެވިދާނެ ކަންތައްތަކާ ބެހޭ ގޮތުން އައްޑޫގައި މަސައްކަތްކުރާ ފުލުހުންނާއި މަޝްވަރާކޮށްފައިވާ އިރު އަމަލީ ގޮތުން އެއްވެސް ފިޔަވަޅެއް އަޅަން ފަށާފައި ނުވާކަން ފާހަގަކޮށްލެވެއެވެ.
ފުލުހުންގެ ފަރާތުން ބާރަށް ދުއްވާ ފަރާތްތަކާއި މެދު ފިޔަވަޅު އެޅޭނީ ޓްރެފިކް ޕޮލިހުންގެ ގޮތުގައި އައްޑޫ ސިޓީގެ މަގުތައް ބަލަހައްޓާ ފުލުހުންގެ އަދަދު އިތުރު ކުރެވިގެންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އައްޑޫގައި ޓްރެފިކް ޚިދުމަތް މިދިޔަ އަހަރު ފެށިއިރު އެ ޑިޕާޓްމަންޓްގައި މަސައްކަތް ކުރަން ތިބީ އެންމެ 8 ފުލުހުންނެވެ. ނަމަވެސް މިހާރު ޓްރެފިކް ބަލެހެއްޓުމަށް ވަކި ފުލުހުންތަކެއް ނެތް އިރު އެތާގައި ހުރީ ހަމަ އެކަނި ނަންބޯޑެއް ކަމަށް އައްޑޫގެ ގިނަ ރައްޔިތުން ދަނީ ބުނަމުންނެވެ.

ﷲގެ އިރާދަފުޅުން އައްޑޫގެ މަގުތަކުގައި ނުރައްކާތެރި އެކްސިޑެންޓެއް ނުހިނގައި ދުވަސްތަކެއް މިދަނީ ފާއިތުވަމުންނެވެ. އެހެނޭ ކިޔާފައި ކައުންސިލާއި ފުލުހުން 'ހޮރަށް' ވަދެ ފިލައިގެން ތިބުން އެއީ އެންމެ ބުއްދިވެރި ގޮތެއް ނޫނެވެ.