Last Updated: March 28, 19:01
Thursday, March 28, 2024
ސިޔާސީ

ރައީސް ނަޝީދުގެ މައްސަލަ އިސްތިއުނާފު ކުރުމަށް ޝަރީފު ގޮވާލައްވައިފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ޖަލުން ސަލާމަތް ކުރުމަށް އެ ޕާޓީ އިން ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރަން ޖެހޭ ކަމަށާއި އެގޮތުން ކޮންމެވެސް ފަރާތަކުން ނަޝީދުގެ މައްސަލަ އިސްތިއުނާފު ކުރުމަކީ މުހިންމު ކަމެއް ކަމަށް، އެމްޑީޕީ އަށް ނިސްބަތްވާ، ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޝަރީފު ވިދާޅުވީ ރައީސް ނަޝީދު ޖަލަށް ލުމަކީ އެމްޑީޕީ އަށާއި ގިނަ ރައްޔިތުންނަށް ލިބިގެންދާ ވަރަށް ފުން ހިތާމައެއް ކަމަަށާއި ނަޝީދުގެ މައްސަލާގައި ކުރިއަށް ދިއުމަށް ކޯޓުގައި ދެ މަރުހަލާ އެބަ އޮތް ކަމަށާއި މައްސަލަ އިސްތިއުނާފު ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.

"އަޅުގަނޑު ގަބޫލު ކުރަނީ ރައީސް ނަޝީދު ސަލާމަތް ވާނެ ކަމަށް. އަދި ދެ ކޯޓު މަރުހަލާ އެބަ އޮތް. ކޯޓަށް ވެސް މި މައްސަލަ ހުށަހަޅައިގެން އިސްތިއުނާފު ކުރުމަކީ މުހިންމު ކަމެއް ކަމުގައި އަޅުގަނޑު ދެކެން،" ޝަރީފު ވިދާޅުވި އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ދައުލަތުން އުފުލި ޓެރަރިޒަމްގެ ދައުވާ އެމަނިކުފާނުގެ މައްޗަށް ސާބިތުވެ 13 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރި މައްސަަލަ އަދި މިހާތަނަށް އެއްވެސް ކޯޓެއްގައި އިސްތިއުނާފުކޮށްފަ އެއް ނުވެ އެވެ.