Last Updated: April 23, 23:56
Tuesday, April 23, 2024
ޚަބަރު

ކޮތަރަށް ކާން ދިނުން މަނާކުރުން ޤާނޫނު އަސާސީ އާއި ޚިލާފު؟

ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބަދުވެސް ވިދާޅުވަމުން ގެންދަވާ ވާހަކައަކީ ތިމަން މަނިކުފާނުގެ ސަރުކާރުން ޤާނޫނު އަސާސީ އާއި ޚިލާފަށް ކޮށްފައި ނުވާނެ ކަމަށާއި އަދި އެފަދަ ކަމެއް އިދިކޮޅު ފަރާތްތަކަށް ނުވެސް ދެއްކޭނެ ކަމަށެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ހައިބަތު އެންމެ ބޮޑަށް ދައްކާލަދޭ ޖުމްހޫރީ މައިދާނުގައި ކޮތަރަށް ކާންދިނުމަކީ ވަރަށް ގިނަ ދިވެހިންގެ މެދުގައި މަޤުބޫލުވެފައި އޮތް ކަމެކެވެ. ޖުމްހޫރީ މައިދާނުގައި އުޅޭ އެތައް ހާސް ކޮތަރުތަކަށް ކާންދެމުން އައީ އެ ސަރަހައްދަށް ޒިޔާރަތްކުރާ މީހުންނެވެ. ނަމަވެސް މީގެ ދުވަސްކޮޅެއް ކުރިން ހައުސިން މިނިސްޓްރީން ކުއްލި ގޮތަކަށް އެކަން މަނާކޮށް ލިޔުމެއް ބެހެއްޓިއެވެ.

އެއާއި އެކު ދެން ފެންނަން ފެށީ ގިނަބައެއްގެ ފާޑު ކިޔުންތައް ސަރުކާރަށް އަމާޒުވާން ފެށިތަނެވެ. އޭގެ ރައްދުގައި ހައުސިން މިނިސްޓަރ ވިދާޅުވީ ކޮތަރަށް ކާން ދިނުން މަނާކުރީ ކޮތަރުތަކުގެ ސަަބުަބުން އެސަރަހައްދުގެ އިމާރާތްތައް ހަނޑިވާކަމުގެ ޝަކުވާލިބެމުންދާތީ ކަމަށާއި ބޭނުމަކީ ކޮތަރުތައް އެހެން ސަރަހައްދަކަށް ޑައިވާޓުކުރުން ކަމަށެވެ.

ދިވެހިރާއްޖޭގެ ޖުމްޙޫރިއްޔާގެ ޤާނޫނު އަސާސީގެ 22 ވަނަ މާއްދާގައި ބަޔާންކޮށްފައި ވަނީ ' ދިވެހިރާއްޖޭގެ ޤުދްރަތީ ތިމާވެށްޓާއި ، ދިރޭތަކެތީގެ މުއްސަނދިކަމާއި، ޤުދްރަތީ ވަސީލަތްތަކާއި ރީތިކަން މިހާރުގެ ޖީލުތަކަށާއި އަންނާން އޮތް ޖީލުތަކުގެ މަންފާއަށްޓަކައި ރައްކާތެރިކަން ދެމެހެއްޓުމަކީ ދައުލަތުގެ އަސާސީ ވާޖިބެކެވެ. އިޤްތިޞާދީ އަދި އިޖްތިމާޢީ ކުރިއެރުން ހޯދުމަށް ކުރެވޭ މަސައްކަތްތަކަކީ ތިމާވެށި ޙިމާޔަތްކުރެވޭ، ދެމެހެއްޓެނިވި
ތަރައްޤީގެ އުޞޫލުތަކުގެ މަތީން ކުރެވޭ ކަންތައްތައް ކަމަށް ހެދުމަށާއި މިފަދަ ޙަރަކާތްތަކުގެ ސަބަބުން ތިމާވެށި ތަޣައްޔަރުވިޔަ ނުދިނުމަށާއި ، ދިރޭތަކެތީގެ ނަސްލެއް ނެތިގެން ދިޔަ ނުދިނުމަށާއި ، ތިމާވެށި ހަލާކުވިޔަ ނުދިނުމަށާއި ، ޤުދްރަތީ ވަސީލަތްތައް ބޭކާރުވިޔަ ނުދިނުމަށް ދައުލަތުން
ބާރުއަޅާންވާނެއެވެ. '

އެހެންކަމުން ޤާނޫނު އަސާސީގެ 22 ވަނަ މާއްދާގައި ބުނާ ދިރޭތަކެތީގެ މުއްސަނދިކަމާއި، ޤުދްރަތީ ވަސީލަތްތަކާއި ރީތިކަން މިހާރުގެ ޖީލުތަކަށާއި އަންނާން އޮތް ޖީލުތަކުގެ މަންފާއަށްޓަކައި ރައްކާތެރިކަން ދެމެހެއްޓުމުގެ އަސާސީ ވާޖިބު ސަރުކާރަށް އަދާނުކުރެވުމުން ސަރުކާރުން ޤާނޫނު އަސާސީ އާއި ޚިލާފުވީ ކަމަށް ނުބެލޭނެ ތޯއެވެ ؟