Last Updated: March 28, 17:21
Thursday, March 28, 2024
ޚަބަރު

ޤުރުއާން މުބާރާތް އިންތިޒާމް ވަރަށް ދަށް! ހުރިހާ ފާޑުކިއުމެއް ކައުންސިލަށް!

އިއްޔެ ފެށި ސިޓީ ޤުރުއާން މުބާރާތުގައި ބައިވެރިޔަކަު ކިޔަވަނީ.

އައްޑޫ ސިޓީ ކައުންސިލްގެ ފަރާތުން ކުރިއަށް ގެންދާ 'ސިޓީ ޤުރުއާން މުބާރާތް 1436' ގެ އިންތިޒާމު ކުރުންތައް ދިޔަގޮތުން ގިނަ ބައެއްގެ ފާޑު ކިޔުންތަކެއް އައްޑޫ ސިޓީ ކައުންސިލަށް އަމާޒުވެއްޖެއެވެ

އިއްޔެ ފެށި މި މުބާރާތުގެ ކިޔެވުމުގެ ބައިވެރިން މިއަދު ކިޔަވަމުންދާ މަރަދޫ އިރުޝާދިއްޔާ ސްކޫލްގެ ސްޓޭޖް ބެކްޓޮޕް ހަދާފައިވަނީ އެސްކޫލްގައި އިނގިރޭސި ދުވަސް ފާހަގަ ކުރުމަށް ތައްޔާރު ކުރި ސްޓޭޖްގައި ކުޑަކުޑަ ބެނާއެއް ހަރުކޮށްގެންނެވެ. އެބެނާގެ ފަހަތުން އިނގިރޭސި ދުވަހުގެ ބެނާގެ އަކުރުތައްވެސް ފެންނަން ހުއްޓެވެ.

މިކަމާ ގުޅިގެން ޝައިޚް މުޙައްމަދު އަނީލް ފޭސްބުކްގައި މިއަދު ހެނދުނު ލިޔުއްވާފައިވާ ގޮތުގައި، "ކައުންސިލްގެ ފަރާތުން ޤުރުއާން މުބާރާތެއް ބާއްވަން އުޅޭކަން އެނގުމާއި އެކު ކައުންސިލްގެ އިސްބޭފުޅުންނަށް ގުޅައިގެން އެކަމާއި ވާހަކަދެއްކި ކަމަށާއި އެބޭފުޅުންނަށް އެކަން ނުވާ ކަމުގައި ވާނަމަ ފަންޑް ރެއިޒްކޮށްގެން އެކަން ކުރެއްވުމަށް ތައްޔާރަށް ހުންނެވި ވާހަކަވެސް އެބޭފުޅުންނަށް ދަންނެވި ނަމަވެސް އެކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުސަތު ލިބިފައި ނުވާކަމަށެވެ. "

" އައްޑޫ ސިޓީ ކައުންސިލްގެ ފަރާތުން މިއަހަރުގެ ޤުރްއާން ކިޔެވުމުގެ މުބާރާތް އިންތިޒާމުތަކާ އުޅޭކަން އަޅުގަނޑަށް އެނގުނީއްސުރެ، މުބާރާތުގެ ބެނާ ހެދުމާއި، ބެކްގްރައުންޑް ހެދުމާ ބެހޭ ގޮތުން އަޅުގަނޑުވާނީ ތަކުރާރުކޮށް ކައުންސިލް އިދާރާގެ އިސްބޭފުޅުންނާ ވާހަކަ ދައްކާފައި." އަނީލް ލިޔުއްވާފައިވެއެވެ.

"އަޅުގަނޑު ސީދާ މޭޔަރ ސޯބެ އަށް ވެސް ގުޅިން. އެހެން ނަމަވެސް މިއަދު ޤުރުއާން މުބާރާތް ފެށިގެން ދިޔައިރު އެމަންޒަރުން ޤުރުއާނާއި މެދު ކައުންސިލުން ދެއްވާ އަހަންމިއްޔަތު މިވަނީ ފެނިފައި. އަޅުގަނޑު އެކަމާ ހިތާމަކުރަން " 'އައްޑޫލައިވް' އަށް މައުލޫމާތު ދެމުން ޝެއިޚް އަނީލް ވިދާޅުވިއެވެ.

އަނީލް ވިދާޅުވި ގޮތުގައި ކައުންސިލްގެ ބޭފުޅުނުންނަށް އެކަން ނުވާނަމަ ފަންޑް ރައިޒް ކޮށްގެންވެސް އެކަން (ޤުރްއާން މުބާރާތުގެ ބެނާއާއި ބެކްގްރައުންޑް ހެދުމުގެ ކަންތައް) ކުރަން ބޭނުންވާ ކަމަށް ކައުންސިލްގެ ބޭފުޅުންނަށް ދަންނަވާފައިވާނެ ކަމަށެވެ.

މީގެ އިތުރުން ރާއްޖޭގެ އެހެން އަތޮޅުތަކުގައި ކައުންސިލްތަކުން ބޭއްވި ޤުރުއާން މުބާރާތްތަކުގައި ސްޓޭޖް ތައްޔާރުކޮށްފައި ހުރި ގޮތް ފުރިހަމަ ކަމުން އައްޑޫ ސިޓީ ކައުންސިލް ލަދު ގަންނަން ޖެހޭ އައްޑޫލައިވް އަށް އަނީލް ވިދާޅުވިއެވެ.

ރ.އަތޮޅުގައި އެ އަތޮޅު ކައުންސިލުން  ބޭއްވި ޤުރުއާން މުބާރާތެއްގެ ތެރެއިން
ރ.އަތޮޅުގައި އެ އަތޮޅު ކައުންސިލުން ބޭއްވި ޤުރުއާން މުބާރާތެއްގެ ތެރެއިން

އިރުޝާދިއްޔާ ސްކޫލްގެ ޓީޗަރަކު ވެސް ވިދާޅުވެފައިވާ ގޮތުގައި، ޤުރްއާން ކިޔެވުމުގެ މުބާރާތުގެ ސްޓޭޖް ސެޓަޕް ހަދަން އެސްކޫލަށް ދިންނަމަވެސް މިއަށްވުރެ މާ ފުރިހަމައަށް އެކަން ކުރާނެކަމަށެވެ. އަދި ކުޅިވަރުތަކާއި އެހެނިހެން ކަންތައްތަކަށް ކައުންސިލުން ބޮޑެތި ޚަރަދު ކުރައްވަމުން ގެންދަވާއިރު، ޤުރްއާން މުބާރާތުގެ ސްޓޭޖް ތައްޔާރުކުރުމަށް އެއްމެ ކެންވަސް އެއްހައި މިންވަރުވެސް ހަދާލަން ނުކެރުމަކީ ޤުރްއާނަށް މި ކައުންސިލުން ދޭ އަހައްމިއްޔަތު ދައްކުވައިދޭ ކަމެއް ކަމަށް ވިދާޅުވެ ޤުރްއާން މުދައްރިސުން ގެންދަވަނީ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ.
ފުވައްމުލަކުގައި އެ ރަށު ކައުންސިލުން ބޭއްވި ޤުރުއާން މުބާރާތް.
ފުވައްމުލަކުގައި އެ ރަށު ކައުންސިލުން ބޭއްވި ޤުރުއާން މުބާރާތް.

އައްޑޫ ސިޓީ ކައުންސިލްގެ އޮފިޝަލަކު 'އައްޑޫލައިވް' އަށް މައުލޫމާތު ދެމުން ބުނިގޮތުގައ ޤުރުއާން މުބާރާތުގެ އިންތިޒާމްގެ ކަންތައްތަކުގައި އެއްވެސް ކައުންސިލަރަކު ބައިވެރިވެފައި ނުވާ ކަމަށެވެ.