Last Updated: March 29, 10:16
Friday, March 29, 2024

ނަޝީދުގެ މައްޗަށް އިއްވީ ކުރިން ނިންމާފައިވާ ހުކުމެއް : އެމްނެސްޓީ

ނޯވޭގައި ހުންނަ އެމްނެސްޓީ އިންޓަނޭޝަނަލްގެ ހެޑް ކުއާޓާރސް.

ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ޓެރަރިޒްމްގެ ކުށް ސާބިތުވާކަމަށް ނިންމައި 13 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން އިއްވި ޙުކުމަކީ މާ ކުރިން ނިންމާފައިވާ ޙުކުމެއް ކަމަށް އިންސާނީ ޙައްޤުތަކަށް މަސައްކަތް ކުރާ ބައިނަލް އަޤްވާމީ ޖަމިއްޔާއެއް ކަމުގައިވާ އެމްނެސްޓީ އިންޓަނޭޝަނަލް އިން ބުނެފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު އެމްނެސްޓީގެ ފަރާތުން އާއްމުކުރި ރިޕޯޓެއްގައި އެ ޖަމާޢަތުން ވަނީ ނަޝީދުގެ ޝަރީއަތާއި ގުޅިގެން ހުރި ގިނަ މައްސަލަތަކެއް ފާހަގަކޮށްފައެވެ. މިގޮތުން ޝަރީޢަތް ކުރިއަށް ގެންގޮސްފައިވަނީ ޤާނޫނާއި ޤަވާއިދުތަކާއި ޚިލާފަށް ކަމަށާއި ވަކީލުންގެ އެހީތެރިކަން ހޯދުމުގެ ޙައްޤުން ވެސް ނަޝީދު މަޙުރޫމުކޮށް އިސްތިއުނާފު ކުރުމުގެ ޙައްޤަށް ވެސް ހުރަސްއަޅައިފައިވާ ކަމަށެވެ.

ނަޝީދުގެ ޝަރީއަތަކީ ވަކި ފަރާތަކަށް ޖެހިގެން ކުރިއަށް ގެންދިޔަ ޝަރީއަތެއް ކަމަށް ފާހަގަކޮށް އެ ރިޕޯޓުގައި ވަނީ ނަޝީދުގެ މައްސަލަ ބެއްލެވި 3 ފަނޑިޔާރުންގެ ތެރެއިން 2 ފަނޑިޔާރަކު މައްސަލައިގެ ތަޙުޤީޤަށް ބަޔާން ދެއްވާފައިވާކަން ވެސް ފާހަގަކޮށްފައެވެ.

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނަޝީދުގެ މައްޗަށް ދައުވާކުރުމަށް ކްރިމިނަލް ކޯޓަށް ފޮނުވިތާ އެންމެ 19 ދުވަހުގެ ތެރޭގައި ނަޝީދުގެ މައްޗަށް ޙުކުމް އިއްވާފައިވުމުން ޝަރީއަތުގެ އިންސާފުވެރިކަމާއި މެދު ވެސް އެމްނެސްޓީގެ ރިޕޯޓުގައި ވަނީ ސުވާލު އުފައްދާފައެވެ.