Last Updated: March 29, 14:00
Friday, March 29, 2024
ޚަބަރު

އައްޑޫގައި އަޅާ 100 އެނދުގެ ހޮސްޕިޓަލްގެ މަސައްކަތް ހުއްޓާލައިފި!

ފާއިތުވި އެތައް ސަރުކާރަކުން އައްޑޫގައި އިމާރާތް ކުރަން ކިޔަމުން އައި 100 އެނދުގެ ހޮސްޕިޓަލްގެ މަސައްކަތް ހުއްޓާލާފައިވާ ކަމަށް އިތުބާރު ހުރި ގޮތަކަށް "އައްޑޫލައިވް"އަށް މައުލޫމާތު ލިބިއްޖެއެވެ.

ސައުދީ ސަރުކާރުގެ ލޯން އެހީގެ ދަށުން ފައިސާ ހަމަޖެހި، ހޮސްޕިޓަލްގެ ކުރެހުންވެސް ފައިނަލްވެފައި ވަނިކޮށް މަަސައްކަތް ހުއްޓާލާފައިވަނީ ފިނޭންސް މިނިސްޓަރ އާއި އަލަށް އައްޔަން ކުރި ހެލްތު މިނިސްޓަރުގެ ނުފޫޒާއިއެކުއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފިނޭންސް މިނިސްޓަރ ޖިހާދު މަސައްކަތް ކުރައްވަމުން ގެންދަވަނީ ހޮސްޕިޓަލްގެ ފަންޑް އެހެން ސަރަހައްދަކަށް ޑައިވާޓް ކުރުމަށެވެ.

އެގޮތުން އައްޑޫއަށް 100 އެނދުގެ ހޮސްޕިޓަލެއް ބޭނުން ނޫން ކަމަށާއި، މިހާރުވެސް ހިތަދޫގައި ހުރި ރީޖަނަލް ހޮސްޕިޓަލް މަރާމާތުކޮށްގެން ބޭނުން ކުރެވޭނެ ކަމަށް ބުނެ ޖިހާދުވަނީ ހޮސްޕިޓަލްގެ މަސައްކަތް ކުރުން މަޑުޖައްސާލާފައެވެ.

ހެލްތު މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ އައްޑޫގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ހޮސްޕިޓަލްގެ ކުރެހުން ފައިނަލް ކުރެވި، ކޮންޓްރެކްޓަރކުންގެ ގޮތުގައި 3 ފަރާތެއް ވަނީ ޝޯޓް ލިސްޓް ކުރެވިފައެވެ. އަދި ކުރިން ތާވަލް ކުރެވިފައިވަނީ އަންނަ ޖޫން މަހުގެ ތެރޭގައި އަމަލީ މަސައްކަތް ފެށުމަށެވެ.

އައްޑޫ ސްޓޭޑިއަމްގެ އިރުން ހޮސްޕިޓަލަށް ކަނޑައަޅާފައިވާ ބިން ސިފައިން ލައްވާ ސާފު ކުރުވުމަށްފަހު ބިންގަނޑު ތަހްލީލް ކުރުމުގެ މަސައްކަތް ސައުދީ ސަރުކާރާއި ހެލްތު މިނިސްޓްރީން ވަނީ މީގެ ކުރިން ކޮށްފައެވެ.
"
އައްޑޫ ހޮސްޕިޓަލްގެ މަސައްކަތް މުޅިން ގޮތަކަށް ހުއްޓާލާފައިވާއިރު، މިކަމާއި ގުޅިގެން ސަރުކާރުން އެއްވެސް އެއްޗެއް ބުނާކަށް ބޭނުމެއް ނޫނެވެ.

"އައްޑޫލައިވް"އަށް އިތުބާރު ހުރި ގޮތަކަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓަށް ބޭނުންވާ ފައިސާ ހޯދައި ދިނުމަށްވެސް ޖިހާދު ގެންދަވަނީ ދެކޮޅު ހައްދަވަމުންނެވެ. އެމަޝްރޫއުވެސް ހުއްޓުވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ފިނޭންސް މިނިސްޓްރީއިން ދަނީ ކުރަމުންނެވެ.

އައްޑޫގެ ރަށްޔިތުން "ނިކަމެތި ކޮށްލުމަށް" ފަށާފައިވާ މަސައްކަތުގެ ތެރެއިން އައްޑޫގެ ވިޔަފާރިތަކުގެ ކަރަންޓް ބިލް އިންތިހާއަށް ބޮޑުކޮށްފައިވާ އިރު މިކަމާއި ގުޅޭ ގޮތުން މިހާތަނަށް ފެނަކަ ކޯޕަރޭޝަނުން ބޮޑެތި ދޮގުތަކެއް ހަދާފައިވާ އިރު މިކަން ހައްލު ކުރުމަށް ސަރުކާރުން އެއްވެސް މަސައްކަތެއް ކޮށްފައި ނުވެއެވެ.

އައްޑޫގެ ތަރައްޤީ "މަޑުޖެއްސުމަށް" ސަރުކާރުން ކުރާ މަސައްކަތައް ސަރުކާރަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލިސްގެ އައްޑޫ މެމްބަރުން ދަނީ ފުރިހަމައަށް އެއްބާރުލުން ދެއްވަމުންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ހޮސްޕިޓަލްގެ މަަސައްކަތް މަޑުޖެއްސިކަންވެސް މަޖްލިސް މެމްބަރުންނަށް ވަނީ އެނގިފައެވެ. ނަމަވެސް މިކަން ކުރިއަށް ގެންދިއުމަށް އެފަރާތުން އެއްވެސް މަަސައްކަތެއް ކޮށްފައި ނުވެއެވެ.