Last Updated: March 28, 14:17
Thursday, March 28, 2024
ޚަބަރު

އެމްނެސްޓީގެ ރިޕޯޓަށް ފޮރިން މިނިސްޓަރުގެ ވަރުގަދަ ރައްދެއް!

ރާއްޖޭގެ އިންސާނީ ހައްގުތަކުގެ ހާލަތާ ގުޅޭގޮތުން އެމްނެސްޓީ އިންޓަނޭޝަނަލް އިން މިދިޔަ ބުރާސްފަތި ދުވަހު އާއްމުކުރި ބަޔާނުގައި ވަނީ އެއްވެސް އަސްލެއް ނެތް ދޮގު ވާހަކަތަކެއް ކަމަށް ފޮރިން މިނިސްޓަރ ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.

ފޮރިން މިނިސްޓްރީގެ ވެބްސައިޓުގައި ދުންޔާ ވިދާޅުވެފައިވަނީ އެމްނެސްޓީ ބަޔާނުގައި ބުނެފައިވާ ގޮތާ ހިލާފަށް، އެ ޖަމިއްޔާގެ ޓީމަކުން ރާއްޖެ އައުމާ މެދު ސަރުކާރުން މަޝްވަރާކޮށްފައިވާ ކަމަށާއި، އެގޮތުގެ މަތިން އަންނަ މޭ މަހު އެމްނެސްޓީގެ ޓީމެއް ރާއްޖެ އައުމާ މެދު އެއްބަސްވެފައިވާ ކަމަށެވެ.

މީގެ އިތުރުން ސަރުކާރުގެ އޮފިޝަލުންނާއި، އެހެނިހެން އިސްވެރިންނާއި، ޖަލުގައި ހުންނަވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އަރިހަށް ޒިޔާރަތްކޮށް ބައްދަލުކުރުމުގެ ފުރުސަތު ތަނަވަސްކޮށްދިނުމަށް ވެސް ދިވެހި ސަރުކާރުން އެއްބަސްވެފައިވާ ކަމަށް ދުންޔާ ވިދާޅުވިއެވެ.

"ސަރުކާރުން މިފަދަ ގޮތަކަށް އެއްބަސްވުމުން ވެސް އެމްނެސްޓީގެ އޮފިޝަލުން ވަނީ އޭޕްރިލް 17 ގައި ރާއްޖެ އައިސް، ހަމައެކަނި އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އޮފިޝަލުންނާއި، ރައީސް ނަޝީދުގެ ސަޕޯޓަރުންނާ ބައްދަލުކުރައްވާފަ،" ފޮރިން މިނިސްޓްރިގެ ވެބްސައިޓުގައި ބުނެފައިވެއެވެ.

"އިދިކޮޅު އެމްޑީޕީން އަންނަނީ ގައުމު ހަލަބޮލި ކުރުމަށް ސިސްޓެމަޓިކް ގޮތަކަށް ތަންތަނުގައި ހުޅުޖެހުމުގެ ހަރަކާތްތަކާއި، އެހެނިހެން ނުރައްކާތެރި ހަރަކާތްތައް ހިންގަމުން،" ވެބްސައިޓުގައި ބުނެފައިވެއެވެ.

އެމްނެސްޓީގެ ބަޔާނުގައި ރާއްޖޭގެ އިންސާނީ ހައްގުތަކުގެ ހާލަތު ދަށަށް ދަމުން ދާކަމަށް ފާހަގަކޮށްފައިވުމުން، އެކަމަށް ރައްދު ދެއްވާ ދުންޔާ ވިދާޅުވީ 2004 ވަނަ އަހަރު ފެށި އިސްލާހީ އެޖެންޑާ އިން ފެށިގެން 2008 ވަނަ އަހަރުގެ އާ ގާނޫނު އަސާސީ އާ ހަމައަށް އައި އިރުވެސް ރާއްޖެ އަށް ބޮޑު އިސްލާހީ ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ.

އަދި ރައީސް ޔާމީނުގެ ސަރުކާރުގައި ވެސް ގިނަ ކުރިއެރުންތަކެއް ހޯދަމުންދާ ކަމަށާއި، 18 މަސް ދުވަހުގެ ތެރޭގައި އިންސާނީ ހައްގުތަކާ ބެހޭ 18 ގާނޫނު ފާސްކޮށްފައިވާ ކަމަށް އެކަމަނާ ވިދާޅުވިއެވެ.

"އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުގެ މެންބަރެއްގެ ގޮތުގައި ރާއްޖެއިން ދެވަނަ ދައުރެއް ފަށާފައިވާއިރު، އިދިކޮޅު އެމްޑީޕީ އާ ގުޅިގެން އެމްނެސްޓީން މަސައްކަތް ކުރަމުންދަނީ ދިވެހި ސަރުކާރުގެ އަގު ވައްޓާލަން ކަމަށް ދުންޔާ ވަނީ ފާހަގަކުރައްވާފައެވެ.

މިމަހުގެ 17 ވަނަ ދުވަހުން ފެށިގެން 22 ވަނަ ދުވަހާއި ހަމައަށް އެމްނެސްޓީގެ ޓީމެއް ރާއްޖެއައިސް ހޯދި ހޯދުންތަކާއި ގުޅޭގޮތުން ބޭއްވި ޕްރެސް ބްރީފިންއެއްގައި އެޖަމާއަތުން ބުނެފައިވަނީ ބިރުދެއްކުމާއި އަނިޔާވެރިކަން ރާއްޖޭގައި އާއްމު ވެފައިވަ ކަމަށެވެ.