Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު

ފޭދޫ ޞިއްޙީ މަރުކަޒަށް 14 އަހަރު ފުރުން ފާހަގަކޮށްފި

ފޭދޫ ޞިއްޙީ މަރުކަޒުގެ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވުނު މި ޙަފްލާގެ ތެރެއިން. ފޮޓޯ/ ފޭދޫ ސިއްހީ މަރުކަޒުގެ އެފްބީ ޕޭޖް

އައްޑޫ ސިޓީގެ ފޭދޫ ޞިއްޙީމަރުކަޒުގެ 14 ވަނަ އަހަރީ ދުވަސް ފާހަގަކޮށްފިއެވެ.

ފޭދޫ ޞިއްޙީމަރުކަޒުގެ މުވައްޒަފުން އިންތިޒާމްކޮށްގެން ފޭދޫ ސްކޫލްގެ ހޯލުގައި ބޭއްވި މި ޙަފްލާ ޝަރަފްވެރިކޮށްދެއްވީ މިނިސްޓަރ އޮފް ހެލްތް އަޙުމަދު ޒުހޫރު އެވެ.

މި ޙަފްލާގައި އެމަނިކުފާނުގެ އަރިހުގައި މިނިސްޓްރީ އޮފް ހެލްތް ގެ ސްޓޭޓް މިނިސްޓަރ ޑރ. މުޙައްމަދު ޙަބީބް އާއި ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ޢިއްޒަތްތެރި މެމްބަރ އިބްރާހީމް ދީދީ ގެ އިތުރުން ހެލްތް މިނިސްޓްރީ އަދި ހިތަދޫ ރީޖަނަލް ހޮސްޕިޓަލާއި ސަރުކާރުގެ އެހެން ބައެއް އިދާރާތަކުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.

ފޭދޫ ޞިއްޙީ މަރުކަޒުގެ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވުނު ޙަފްލާގައި ހެލްތް މިނިސްޓަރ ވާހަކަދައްކަވަނީ. ފޮޓޯ/ ފޭދޫ ސިއްހީ މަރުކަޒުގެ އެފްބީ ޕޭޖް
ފޭދޫ ޞިއްޙީ މަރުކަޒުގެ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވުނު ޙަފްލާގައި ހެލްތް މިނިސްޓަރ ވާހަކަދައްކަވަނީ. ފޮޓޯ/ ފޭދޫ ސިއްހީ މަރުކަޒުގެ އެފްބީ ޕޭޖް

ފޭދޫ ޞިއްޙީ މަރުކަޒުގެ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވުނު މި ޙަފްލާގައި މަރުކަޒުގެ މުވައްޒަފުންގެ ތެރޭން ގިނަ ދުވަހު ޚިދުމަތްކޮށްދެއްވި މުވައްޒަފުންނަށާއި އެކި ގޮތްގޮތުން މަރުކަޒަށް އެހީތެރިކަން ފޯރުކޮށްދެއްވި ފަރާތްތަކަށް ޚިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން ހަނދާނީ ލިޔުން ދީފައިވެއެވެ.

މި ޙަފްލާގައި ފޭދޫ ޞިއްޙީ މަރުކަޒުގެ އަހަރީ ރިޕޯޓް ރަސްމީކޮށް ނެރެދެއްވަވައި އަދި މަރުކަޒުގެ ރަސްމީ ފޭސްބުކް ޕޭޖް އިފްތިތާޙުކޮށްދެއްވުމަށް ފަހު މިނިސްޓަރ އޮފް ހެލްތް ދެއްކެވި ވާހަކަފުޅުގައި އައްޑު އަތޮޅުގެ ޞިއްޙީ ދާއިރާގައި ހުރި ގޮންޖެހުންތަކަކީ ކޮބައިތޯ ބައްލަވައި އެ ގޮންޖެހުންތަކަށް ޙައްލު ހޯއްދަވައި ދެއްވާނެކަމަށް ވިދާޅުވި ނަމަވެސް އައްޑޫގައި އެޅުމަށް ނިންމާފައިވާ 100 އެނދުގެ ހޮސްޕިޓަލުގެ ވާހަކަ ދައްކަވާފައި ނުވާކަން ފާހަގަކޮށްލެވެއެވެ.