Last Updated: April 25, 20:04
Thursday, April 25, 2024
ރިޕޯޓް

ފުޓްސަލް ދަނޑުތަކުގެ އެހީގައި އަމާންވެއްޓެއް ކުރެވިދާނެތަ؟

ސަރުކާރުން މިވަނީ އައްޑޫ ސިޓީގައި ފުޓްސަލް ދަނޑުތަކެއް ޤާއިމުކޮށްދިނުމުން ބައެއް ފަރާތްތަކުން އެއީ ބޭކާރު ކަމެއް ކަމުގައި ބުނަމުން ދިޔަ ނަމަވެސް އައްޑޫ ސިޓީގެ ގިނަ ޒުވާނުން ތިބީ ފުޓްސަލް ދަނޑުތަކެއް ޤާއިމް ކުރެވުމުން އެކަމާއި ހިތްހަމަޖެހިގެންނެވެ. ޒުވާނުން ތިބީ ހެވިފައެވެ.

ސަރުކާރުން ފުޓްސަލް ދަނޑުތަކެއް ޤާއިމްކޮށްދިނުމުން އެތަނުގެ ބޭނުން އެންމެ ރަނގަޅަށް ހިފުމަކީ އައްޑޫގެ ޒުވާނުންގެ ބޮލުގައި އެކަނި އެޅިފައިވާ ޒިންމާއެއް ނޫނެވެ. ކައުންސިލާއި އައްޑޫގެ ހުރިހާ ރައްޔިތުންގެ ބޮލުގައި އެޅިފައިވާ ޒިންމާއެކެވެ. ސަރުކާރުން އެއޮތީ ފުޓްސަލް ދަނޑު ގާއިމްކޮށްދީފައެވެ. އެތަނުގެ ބޭނުން ހެޔޮގޮތުގައި ހިފުމަކީ އަޅުގަނޑުމެންގެ ޒިންމާއެކެވެ.

ފުޓްސަލް އަކީ އައްޑޫގެ ޒުވާނުންގެ މެދުގައި ވަރަށް މަޤުބޫލު ކުޅިވަރެއް ކޮންމެ އަހަރަކުވެސް އައްޑޫގައި ބާއްވާ 'ގޯދިއްޔާ' ފުޓްސަލް މުބާރާތަށް ޒުވާނުންދޭ އަހަންމިއްޔަތުގެ ސަބަބުުން ހާމަވެގެންދާއިރު މި ކުޅިވަރުގެ ތެރެއިން އައްޑޫގައި އަމާން ވެއްޓެއް ޤާއިމްކުރެވިދާނެ ހެއްޔެވެ ؟

އަޅުގަނޑުގެ ޖަވާބަކީ އާނ ކުރެވިދާނެއެވެ !

އައްޑޫގައި ފުޓްސަލް ލީގެއް ފަށައިގެން އެކަން ނުކުރެވެންވީ ސަބަބެއް ނެތެވެ. މިގޮތުން ކޮންމެ ރަށެއްގައި ވެސް ފުރަތަމަ ބާއްވަން ވީ ފުޓްސަލް ލީގެކެވެ. މިސާލަކަށް ހިތަދޫގައި ބާއްވާ ފުޓްސަލް ލީގުގައި ބޭނުންވަރަކަށް ޓީމްތައް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލަންވީއެވެ. ތަފާތު ނަންނަމުގައި ރަށު ތެރޭގައި ހަރަކާތްތެރިވާ ޒުވާނުންގެ ގްރޫޕްތަކަށް ވެސް މި މުބާރާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިގެން ކުރިއަށް ގެންދެވިދާނެއެވެ.

މިދެންނެވި ގްރޫޕްތަކަށް ފުޓްސަލް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ދޭ އިރު ކުށް މަދުކުރުމަށް ބާރު އެޅުމުގެ ގޮތުން ވަރަށް މުހިއްމު ކަމެއް ކުރެވިދާނެއެވެ. މުބާރާތުގައި ބައިވެރިވާ އެއްވެސް ޓީމެއްގެ ކުޅުންތެރިއަކު ޖިނާއީ ކުށެއް ކޮށްފިނަމަ އެޓީމެއް ޑިސްކޮލިފައި ކުރެވިދާނެ ކަމަށް ބައިވެރިވާ ޓީމްތަކުގެ ކުޅުންތެރިން ލައްވާ ސޮއިކުރެވިއްޖެ ނަމަ އެއޮތީ ކޮންމެވެސް ވަރަކަށް ކުށް މަދު ކުރުމަށް ބާރު އެޅިފައެވެ.

ހިތަދޫގައި ބޭއްވި ފުޓުބޯޅަ މުބާރާތެއްގައި ބެންޖޯ އާއި ބޮންޑާ ކުޅެނީ
ހިތަދޫގައި ބޭއްވި ފުޓުބޯޅަ މުބާރާތެއްގައި ބެންޖޯ އާއި ބޮންޑާ ކުޅެނީ

ގިނަފަހަރަށް ރަށު ތެރޭގައި ތަފާތު ކުށްތައް ކޮށް އުޅޭ ޒުވާނުން އެކަން ކުރަނީ 'ފޫހިވެގެން' ނުވަތަ 'މަޖަލަކަށް' ކަމަށް ވަރަށް ގިނަ ބަޔަކު އެއްބަސް ވާނެއެވެ. އެހެން ކަމުން ވަޒީފާ އަކަށް ނުގޮސް ތިބޭ ޒުވާނުން ފުޓްސަލް މުބާރާތް ތަކުގެ ތެރޭގައި ބިޒީކޮށް އުޅެން ޖެހިއްޖެ ނަމަ ކުށް ކުރުމަށް ލިބޭ ވަގުތު ކުޑަ ކުރެވިދާނެއެވެ.

އަދި މީގެ އިތުރުން އައްޑޫގައި އެންމެ ބޮޑު މައްސަލައެއް ކަމުގައިވާ އެކްސިޑެންޓްތަކުގެ މައްސަލަތައް ހައްލު ކުރުމުގެ ގޮތުން ، މަގުތަކުގައި ބާރު ސްޕީޑްގައި ދުއްވާ ކަމަށް ފާހަގަކުރެވިގެން ފުލުހުން ފިޔަވަޅު އަޅާފައިވާ އެއްވެސް މީހަކަށް ބައިވެރި ނުވެވޭ ގޮތަށް ހަދައި މީގެ އިތުރުން މުބާރާތްތަކުގައި ބައިވެރިވާ ޓީމްތަކުގެ މެންބަރުން ރެންޑަމްކޮށް މަސްތުވާތަކެއްޗަށް ޗެކް ކުރުމަކީ ރަނގަޅު ކަމެއްގެ ގޮތުގައި ފެނެއެވެ. މިގޮތުން ފުލުހުންގެ އެހީތެރިކަމާއި އެކު މިފަދަ ޓެސްޓުތައް ހެދޭނެ އިންތިޒާމް ގާއިމް ކުރެވިދާނެއެވެ.

ފުޓްބޯޅަ މެޗެއް
ފުޓްބޯޅަ މެޗެއް

އަޅުގަނޑުގެ ނަޒަރުގައި ކުށް ނުކުރާ ޒުވާނުން އައްޑޫގައި މަދުވެދާނެއެވެ. އެހެން ކަމުން ފުޓްސަލް މުބާރާތް ފެށުމުގެ ކުރިން ކުށްތައް ކޮށްފައިވާ ފަރާތްތަކަށް ވެސް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ދޭންޖެހެއެވެ. އެމީހުންނަށް ވެސް ކުށްތަކާއި ދުރުގައި އުޅުމަށް ދެވޭ ހިތްވަރަކަށް އެކަން ވެގެން ދާނެކަން ކަށަވަރެވެ.

މިއީ ކުރަން އެހާ އުނދަގޫ ކަމެއް ނޫނެވެ. އަޅުގަނޑުގެ ޚިޔާލެވެ. ނޫސްވެރިއެއްގެ ހައިސިއްޔަތުން އަޅުގަނޑުގެ ޙިޔާލު ތިބޭފުޅުންނާއި ހިއްސާކޮށްލީ އެވެ. ކަންކަން ކުރެއްވޭ ހިސާބުގައި ތިއްބެވި ބޭފުޅުން ވެސް އެބޭފުޅުންގެ 'ފިނި ކޮޓަރިކޮޅުގައި' ތިއްބަވައިގެން ވެސް މިގޮތަށް މިކަމާއި މެދު ވިސްނަވާނެ ނަމަ ހާދަހާ ވާ ރަނގަޅެވެ.