Last Updated: April 24, 23:11
Wednesday, April 24, 2024
ޚަބަރު

ކަރަންޓުގެ މައްސަލަ މާލިއްޔަތު ކޮމެޓީ އިން ބަލާނެ: އައިބީ

އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީއިން ބޭރުކޮށްލީ ނޫން ކަމަށާއި އެ މައްސަލަ މާލިއްޔަތު ކޮމެޓީ އިން ބަލާގޮތަށް ނިންމީ ކަމަށް ފޭދޫ ދާއިރާގެ މެންބަރ އިބްރާހިމްދީދީ (އައިބީ) ވިދާޅުވެއްޖެއެވެ.

"އައްޑޫލައިވް" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އައިބީ ވިދާޅުވިގޮތުގައި ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީއަށް ހުށަހެޅި ކަރަންޓުގެ މައްސަލަ އަކީ (ސަބްސިޑީ އާއި ކަރަންޓަށް ނަގާ އަގު ބޮޑުވުމުގެ މައްސަލަ) އެ ކޮމެޓީގެ މެންޑޭޓްގެ ތެރޭގައި ހިމެނޭ ކަމެއް ނޫން ކަމަށާއި އެ ކޮމެޓީގައި އެދުވަހު ވޯޓު ނެގީ އެމައްސަލަ މާލިއްޔަތު ކޮމެޓީއިން ބަލާ ގޮތަށް ފާސްކުރުމަށް ކަމަށެވެ.

މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީގެ ބައްދަލުވުމުގައި އެ މައްސަލަ ބޭރުކުރަން ހުޅުދޫ ދާއިރާގެ މެންބަރު ޝާހިދު ވޯޓު ދެއްވި ކަމަށް ދެކެވޭ ވާހަކައަށް އިޝާރާތް ކުރައްވައި އައިބީ ވިދާޅުވިގޮތުގައި ޝާހިދު ވޯޓު ދެއްވީ މައްސަލަ މާލިއްޔަތު ކޮމެޓީން ބަލާގޮތަށް ނިންމުމަށް ކަމަށެވެ.

" ކޮމެޓީގައި ވޯޓަށް އެހީ މައްސަލަ ބޭރުކުރާކަށް ނޫން. އެ މައްސަލައަކީ މާލިއްޔަތު ކޮމެޓީގެ މެންޑޭޓްގެ ތެރޭގައި ހިމެނޭ ކަމަކަށް ވާތީ އެ މައްސަލަ މާލިއްޔަތު ކޮމެޓީ އަށް ފޮނުވުމަށް ފެނޭތޯ ވޯޓަށް އެހީ " ފޭދޫ ދާއިރާގެ މެންބަރ އައިބީ ވިދާޅުވިއެވެ.

މާލިއްޔަތު ކޮމެޓީގައި އައްޑޫގެ ކަރަންޓުގެ މައްސަލައަށް ބަހުސް ކުރައްވަމުން އައިބީ ވަނީ އެންމެ ބޮޑު ތަފާތުކުރުމަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އެއް އަގެެއްގައި ކަރަންޓު ފޯރުކޮށް ނުދިނުން ކަމަށާއި އެބޭފުޅާ ގަބޫލު ކުރައްވާ ގޮތުގައި ރާއްޖޭގެ ކަރަންޓްގެ އަގު އޮންނަންވާނީ އެއް ރޭޓެއްގައި ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

އައިބީ މިގޮތަށް ވިދާޅުވެފައިވާއިރު ވަރަށް ގިނަ ގިނައިން އައްޑޫ ސިޓީގެ ސަރަހައްދުތަކުން ކަރަންޓު ކެނޑުމުގެ މައްސަލަ ކުރިމަތިވަމުންދާ ކަން ވެސް ފާހަގަކޮށްލެވެއެވެ.