Last Updated: April 19, 18:52
Friday, April 19, 2024
ޚަބަރު

5 އަހަރުތެރޭ 50 ރިސޯޓް އެޅުމުގެ މަސައްކަތް ކުރެވެމުން އެބަދޭ : އަދީބް

ރައީސް ޔާމީން ވައުދެވެފައިވާ 5 އަހަރުތެރޭ 50 ރިސޯޓް އެޅުމުގެ ވައުދު ފުއްދުމަށް ޓޫރިޒަމް މިނިސްޓްރީ އާއި އިކޮނޮމިކް ކައުންސިލުން ދަނީ މަސައްކަތްތަކެއް ކުރަމުން ކަމަށް ޓޫރިޒަމް މިނިސްޓަރ އަހުމަދު އަދީބު ވިދާޅުވެއްޖެއެވެ.

ރޭ ދަރުބާރުގޭގައި އޮތް ރަސްމިޔާތެއްގައި ފޮރިން އިންވެސްޓްމެންޓަކީ ރާއްޖެއަށް މުހިންމު އަދި އެކަމަށް އިސްކަންދޭންޖެހޭ ކަމެއް ފާހަގަކުރައްވައި ވާހަކަ ދައްކަވަމުން މިނިސްޓަރ އަދީބު ވިދާޅުވީ 50 ރިސޯޓް ގާއިމުކުރުމަށް ރައީސް ޔާމީންގެ އިރުޝާދުގެ ދަށުން ވަރަށް ބޮޑަށް މަސައްކަތްކޮށް އެކަން ޕްރޮމޯޓްކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެހެން ގައުމުތަކުގައި އަންނަ ފޮރިން އިންވެސްޓްމެންޓްތަކަކީ ވަރަށް ކުރު މުއްދަތެއްގެ އިންވެސްޓްމެންތަކެއް ކަމަށާއި ނަމަވެސް ރާއްޖޭގައި އިންވެސްޓްކުރާ ފަރާތްތަކުން އެ ރަށް ތަރައްގީކުރުމަށްފަހު އަނެއް ރަށްވެސް ތަރައްގީކުރަމުންދާ ކަމަކީ އުފާކުރަންޖެހޭ ކަމެއް ކަމަށް ވެސް އަދީބު ވަނީ ފާހަގަކުރައްވާފައެވެ.

“މިއަދުވެސް ރައީސް ދެއްވި ޑިއުޓީ ފްރީ ސްޓޭޓަސް ހޯއްދަވައިގެން ޕްރޮޖެކްތައް ތަރައްގީކުރުމަށް 16 ރިސޯޓެއް މަސައްކަތް ކުރަމުން އެބަދޭ. ފޮރިން އިންވެސްޓަރުން އެޕްރިސިއޭޓް ކުރުމަށް އަޅާ އެންމެ ބޮޑު ފިޔަވަޅު މިއަޅަނީ ސަރުކާރުން.” އަދީބު ވިދާޅުވިއެވެ.

އަދީބު ވިދާޅުވީ ފޮރިން އިންވެސްޓަރުންނަށް ރާއްޖެއަށްވުރެ ގިނަ މަންފާ ލިބޭ ގައުމުތައް އެބަހުރި ކަމަށާއި އެހެންކަމުން ރާއްޖެއަށް ފޮރިން އިންވެސްޓަރުން ގެނައުމަށް އެމީހުން ބަލައިގަނެ ރަނގަޅު ހިދުމަތްތައްދީ އެމީހުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދޭންޖެހޭ ކަމަށެވެ.

ވަރަށް ފަހުން އައްޑޫ އަށް ކުރެއްވި ދަތުރުފުޅެއްގައި މިނިސްޓަރ އަދީބް ވަނީ އައްޑޫގައި 5،000 ޓޫރިސްޓް އެނދު ތަރައްގީ ކުރުމުގެ މަސައްކަތުގެ ބައެއްގެ ގޮތުން އިސްމެހެލާހެރަ ތަރައްގީ ކުރުމުގެ މަޝްރޫއު ވަރަށް އަވަހަށް ރައީސް އަބްދުﷲ ޔާމީން އިއުލާން ކުރައްވާނެ ކަން ވެސް ހާމަކުރައްވާފައެވެ.