Last Updated: April 25, 10:47
Thursday, April 25, 2024
ޚަބަރު

ބާރު ސްޕީޑުގައި ދުއްވާ ދުއްވުން ހުއްޓާލުމަށް ސީޕީ އެދިވަޑައިގެންފި

މާލެ އާއި އަތޮޅުތަކުގައި ބާރު ސްޕީޑުގައި ދުއްވާ ދުއްވުންތައް ހުއްޓާލައި އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކުން އެފަރާތްތަކުގެ އަމިއްލަ ނަފްސުގެ ރައްކާތެރިކަމަށާއި އެހެން މީހުންގެ ފުރާނައަށާއި މުދަލަށް ރައްކާތެރިކަން ލިބޭނެ ގޮތަށް މަގުމަތީގައި ދުއްވާ ތަކެތި ދުއްވުމަށް ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދު އެދިވަޑައިގެންފިއެވެ.

ދިވެހި ވިޔަފާރިވެރިންގެ ޤައުމީ ޖަމްޢިއްޔާއިން ފުލުހުންގެ ޚިދުމަތް ތަރައްޤީ ކުރުމަށް ވެދެއްވާ އެހީތެރިކަމުގެ އަގުވަޒަން ކުރުމުގެ ގޮތުން ފުލުހުން ބޭއްވި ޚާއްޞަ ޙަފްލާގައި ވިލިނގިލީގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދު ވިދާޅުވީ މާލެއާއި އަތޮޅުތަކުގައިވެސް ބާރު ސްޕީޑުގައި ދުއްވާ ދުއްވުންތައް މަދުކޮށް ޤަވާޢިދުގައި ކަނޑައަޅާފައިވާ މިންގަނޑުތަކުގައި ހިފަހައްޓާނަމަ މިހާރު މިހިނގާ އެކްސިޑެންޓްތައް ހިނގުން މަދުކުރެވި މަގުމަތީގެ ރައްކާތެރިކަން ޤާއިމް ކުރެވިގެން ދާނެ ކަމަށެވެ.

ފަހަކަށް އައިސް މާލެއާއި އަތޮޅުތަކުގައި ނުރައްކާތެރި އެކްސިޑެންޓްތައް ހިނގައި ބައެއް ޒުވާނުން މަރުވެ އަނެއްބައި މީހުންނަށް އިޢާދަ ނުކުރެވޭވަރުގެ ބޮޑެތި ގެއްލުންތައް ލިބި ބައެއް މީހުންގެ މުދަލަށްވެސް ބޮޑެތި ގެއްލުންތައްލިބިފައިވާކަން ފާހަގަ ކުރައްވައި ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދު ވިދާޅުވީ މިއިން ކޮންމެ އެކްސިޑެންޓެއް ހިނގާފައިވާ ގޮތަށް ބަލާއިރު، ބާރު ސްޕީޑުގައި ދުއްވުމުގެ ސަބަބުން އެވަގުތަކު ދުއްވަމުންދިޔަ އުޅަނދު ކޮންޓްރޯލް ނުވެގެންގޮސް އެކްސިޑެންޓް ހިނގާފައި ހުރިކަން ފާހަގަ ކުރެވޭކަމަށެވެ.

ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ އެއްވެސް ގޮތަކުން މީހެއްގެ ފުރާނަ ދިއުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށެވެ. ވަކިން ޚާއްޞަކޮށް މަގުމަތީގެ ސަލާމަތާ ރައްކާތެރިކަމަށް އިސްކަންނުދީ ބާރު ސްޕީޑުގައި ދުއްވައި ނޫންނަމަ ބަލަންވާ މިންވަރަށް ނުބަލައި ދުއްވުމުގެ ސަބަބުން ނުރައްކާތެރި އެކްސިޑެންޓުވެ ފުރާނައަށާއި މުދަލަށް އަދި ނަފްސަށް ލިބޭ ގެއްލުންތަކަކީ އެއްވެސް މަންމައަކު އެއްވެސް ބައްޕައަކު އަދި އެއްވެސް ފަރުދަކަށް ޤަބޫލުކުރަން ފަސޭހަ ގެއްލުންތަކަކަށް ނުވާނެ ކަމަށެވެ.

އެހެންކަމުން ޒުވާނުންވެސް އަދި އެހެނިހެން ޢުމުރުފުރާގެ މީހުންވެސް މަގުމަތީ ބޭނުން ކުރުމުގައި ހެދިފައިވާ ޤަވާޢިދުތަކަށް ކިޔަމަންވެ ހުރިހާ ފަރާތްތަކެއްގެ ރައްކާތެރިކަމަށް އިސްކަންދެއްވައި ބާރު ސްޕީޑުގައި ދުއްވާ ދުއްވުންތައް ހުއްޓާލެއްވުމަށް އާދޭހާއެކު އެދި ދަންނަވާ ކަމުގައި ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދު ވިދާޅުވިއެވެ.