Last Updated: April 25, 22:42
Thursday, April 25, 2024

ދޯނިފަހަރު ބަލާ ފާސްކުރަން ފުލުހުން ކަނޑުމައްޗަށް!

ސްޕެޝަލިސްޓް އޮޕަރޭޝަންސް (އެސްއޯ) ޑިޕާޓްމަންޓުގައި މަސައްކަތް ކުރާ ފުލުހުންގެ ހުނަރުތަކާއި އުކުޅުތައް ފަރިތަކުރަން ހާއްސަ ތަމްރީންތަކެއް ފެށުމަށް ފަހު ކަނޑު ދަތުރު ކުރާ އުޅަނދުފަހަރު ބަލައި ފާސްކުރުމުގެ މަސައްކަތަށް މެރިން ޕޮލިސްގެ ފުލުހުން ކަނޑަށް ނިކުމެއްޖެއެވެ.

ކަނޑުމަތީގައި ދުއްވާ އުޅަނދުތައް ބަލާ ފާސްކޮށް އެފަދަ އުޅަނދުތަކުގެ ސަލާމަތީ ކަންކަން ފުރިހަމަކޮށްފައި ހުރިތޯ ބެލެމުގެ މަސައްކަތް ކުރަމުން އަންނަނީ ކޯސްޓްގާޑާ މެރިން ޕޮލިސްގެ ފުލުހުން ގުޅިގެންނެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވިގޮތުގައި ކަނޑުމަތީގައި ދުއްވާ އުޅަނދުފަހަރު ބަލާ ފާސްކުރުމުގެ މަސައްކަތް ކުރިޔަށްދާއިރު، ގަވާއިދާ ހިލާފަށް އުޅަނދު ދުއްވާ ފަރާތްތަކާމެދު އަޅަންޖެހޭ ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށާއި އެގޮތުން އުޅަނދަކުން ދަތުރުކުރާ ފަރާތްތަކަށް ސަލާމަތީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ނާޅާ އެ އުޅަނދެއްގައި ދަތުރުކުރަންޖެހޭ އަދަދަށްވުރެ އިތުރަށް މީހުން އަރުވައިގެން ދަތުރުކުރާނަމަ ވެސް އަޅަންޖެހޭ ފިޔަވަޅު ފުލުހުން އަޅަމުން ގެންދާނެ ކަމަށެވެ.

ކަނޑުމަތީގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުއްލިއަކަށް ފުލުހުންނާއި ސިފައިން ގުޅިގެން ހާއްސަ އޮޕަރޭޝަންތަކެއް ފަށާފައި މިވަނީ އަންނަ މޭ މަހުގެ އެއްވަނަ ދުވަހަށް ރާއްޖޭގެ އެކިކަންކޮޅުތަކުން މީހުން މާލެ އައުމަށް އިދިކޮޅު ފަރާތްތަކުން ގޮވާލާފައި ވަނިކޮށެވެ. އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާގޮތުގައި ފުލުހުންގެ ބޭނުމަކީ ރައްޔިތުންނަށް ބިރުދެއްކުމެވެ.