Last Updated: April 23, 20:38
Tuesday, April 23, 2024
ރިޕޯޓް

ރައީސް ޔާމީންގެ ގަދަބަސް: "މަޝްވަރާއެއް ވެސް ނުކުރާނަން، އިސްތިއުފާއެއް ވެސް ނުދޭނަން"

އިދިކޮޅު ފަރާތްތަކާއެކު އިތުރަށް މަޝްވަރާ އެއް ނުކުރައްވާނެ ކަމަށާއި އަދި ރައީސް ކަމުން އިސްތިއުފާ ވެސް ނުދެއްވާނެ ކަމަށް ރައީސް އަބުދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ބައެއް ކައުންސިލަރުންތަކެއް ޕީޕީއެމް އަށް ސޮއި ކުރުމަށް މުލިއާގޭގައި ބޭއްވި ރަސްމިއްޔާތަކަށްފަހު މީޑިޔާ ތަކާއި ވާހަކަދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ މަޝްވަރާއަށް ދާން ޖެހޭ ފަދަ ކަމެއް ސަރުކާރުން ކޮށްފައި ނުވާނެ ކަމަށާއި، މަޝްވަރާ ބޭނުން ވެގެން އުޅެނީ އިދިކޮޅު ފަރާތްތަކުން ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ނުކުމެ މުޒާހަރާ ކުރަމުންދަނީ ދެ ބޭފުޅަކު ޖަލުގައި ތިއްބެވުމުން ކަމަށާއި އިތުރު އެއްވެސް ކަމެއް ނެތް ކަމަށާއި އަދި ކިތަންމެ މުޒާހަރާއެއް ކުރި ނަމަވެސް ކޯޓުގެ ހުކުމް ތަންފީޒު ކުރައްވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

މީގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދަށް މައާފު ދޭން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށާއި، މައާފުދޭން ޖެހޭ އެއްވެސް ޝަރުތެއް ރައީސް ނަޝީދުގެ ފުރިހަމަ ނުވާ ކަމަށެވެ.

އިދިކޮޅު ފަރާތްތަކުން އެމަނިކުފާނަށް އެއްވެސް ޕްރެޝަރެއް ނެތް ކަމަށާއި، އިސްތިއުފާ ދޭން ޖެހޭ ސަބަބެއް ނެތް ކަމަށް ވެސް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.