Last Updated: March 29, 16:28
Friday, March 29, 2024
ޚަބަރު

އައްޑޫގެ ހަތަރު ރަށެއްގެ ނަރުދަމާ ޑިޒައިން ކުރަން ހަވާލުކޮށްފި

އެންވަޔަރަމަންޓް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: ސީއެންއެމް

އައްޑޫ ސިޓީގެ ހަތަރު ރަށެއްގެ ނަރުދަމާ ނިޒާމުގެ ޑިޒައިން އަދި ޓެންޑާ ޑޮކިއުމަންޓް ތައްޔާރުކުރުމަށް ދެ ކުންފުންޏަކާއި ހަވާލުކޮށްފިއެވެ.

މިއަދު އެންވަޔަރަމަންޓް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އައްޑޫ ސިޓީގެ ފޭދޫއާއި ހުޅުޅޫމީދޫއާއި މަރަދޫފޭދޫ އަދި މަރަދޫގެ ނަރުދަމާ ނިޒާމު ޑިޒައިން ކުރުމާއި ޓެންޑާ ޑޮކިއުމަންޓްގެ މަސައްކަތް ހަވާލުކޮށްފައިވަނީ ރާއްޖޭގެ ކުންފުންޏެއް ކަމަށްވާ މޯލްޑިވްސް އެނާޖީ އެންޑް އެންވަޔަރަންމަންޓަލް ކޮމްޕެނީ ޕްރައިވެޓް ލިމިޑެޓް (މީކޯ) އަދި ޕާކިސްތާނުގެ އިންޖިނިއަރިން ސާވިސަސް ކޮންސަލްޓަންޓްސް (އީއެސްސީ) އާއެވެ.

އެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ތާރިގް އިބްރާހިމްއެވެ. މީކޯ އަދި އީއެސްސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މީކޯގެ ޑިރެކްޓަރު ޑރ. މަހުމޫދު ރިޔާޒްއެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ތާރިގް ވިދާޅުވީ އެ މަޝްރޫއުގެ އަމަލީ މަސައްކަތަށް ފަންޑުކުރަނީ އޮފިޑްގެ ލޯނުގެ ދަށުން ކަމަށާއި ލޯނު އެއްބަސްވުމުގައި އަންނަ މަހުގެ ތެރޭގައި ސޮއިކުރެވޭނެ ކަމަށް އުންމީދުކުރައްވާ ކަމަށާއި ޑިޒައިން ކޮންސަލްޓެންސީގެ މަސައްކަތް ނިމުމާއެކު މިއަހަރުގެ ފަހުކޮޅު މަސައްކަތް ޓެންޑާކުރުމަށް ޕްލޭންކޮށްފައިވާ ކަމަށެވެ.

އައްޑޫގައި ފެނާއި ނަރުދަމާ ފެށުމަށް އެމްޑީޕީ ސަރުކާރުން ވަނީ 2010 ވަނަ އަހަރު ބައި ވޯޓާއާއި 42 މިލިއަން ޑޮލަރަށް ހަވާލުކޮށްފައެވެ. ނަމަވެސް އެ މަޝްރޫއުގެ ދަށުން ބައެއް ހިސާބުތަކުގައި މަސައްކަތް ކުރެވި، ނުނިމިގެން އުޅެނިކޮށް މަސައްކަތް ވަނީ މެދުކެނޑިފައެވެ.