Last Updated: April 23, 23:56
Tuesday, April 23, 2024
ރިޕޯޓް

ރައީސް ޔާމީނަކީ ޑޮކްޓަރެއްތަ ނޫނީ ދޮގުވެރިއެއްތަ؟

އިއްޔެ ގއ. ގެމަނަފުށީގައި ރައްޔިތުންނާއި މުޚާތަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ޔާމީން ދެއްވި ވަރުގަދަ އިންޒާރާއި އެކު މިހާރު ރާއްޖޭގެ ހުރިހާ ނޫސްވެރިން ވެސް ލިޔަން ޖެހިފައި މިވަނީ ވަރަށް ވިސްނައިގެންނެވެ. އެހެން ނޫންނަމަ އެމަނިކުފާނު އެމީހަކަށް އަދަބު ދީފާނެ އެވެ.

ނޫސްވެރިންނަށް ވުރެ ހުރިހާ ގޮތަކުން ވެސް ބާރުގަދަ ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅު އަޑުއެހީ ވަރަށް ވިސްނުންތެރިކަމާއި އެކުގައެެވެ. އެހެން ނަމަވެސް ވާހަކަފުޅު ނިމުނު އިރު 2 ސުވާލެއް އުފެދިއްޖެއެވެ. އެހެންނަމަވެސް އެއީ ނޫސްވެރިންގެ ބައްދަލުވުމަކަށް ނުވުމާއި އެމަނިކުފާނުގެ ވަރުގަދަ ސެކިއުރިޓީގެ ސަބަބުން އެ ފުރުސަތެއް ނުލިބުނެވެ.

ރައީސް ޔާމީން އާއި ކުރަން ބޭނުންވި ދެ ސުވާލަކީ މިއެވެ، ރައީސް ޔާމީން އަކީ ރައީސް ނަޝީދުގެ ޑޮކްޓަރު ހެއްޔެވެ؟ ނުވަތަ އެމަނިކުފާނަކީ ދޮގުވެރިއެއް ހެއްޔެވެ؟

އެކުގައި މަސައްކަތް ކުރާ ލޯޔަރުންގެ ވަކާލާތު ކުރާ މައްސަލަތަކުގެ މައުލޫމާތު އެނގޭ ފަދައިން އާންމު ގޮތެއްގައި ހުރިހާ ޑޮކްޓަރުން ވެސް އެމީހުންގެ އެކުވެރި ޑޮކްޓަރުން ފަރުވާދޭ ޕޭޝަންޓުންނާއި ބެހޭ މައުލޫމާތު ހޯދައެވެ.

އެހެން ނަމަވެސް އެފަދަ މައުލޫމާތު އާންމު މައިދާންތަކުގައި ދެއްކުމަކީ ޑޮކްޓަރުން ބުނާ ގޮތުގައި އެއީ އެމީހުންގެ އެތިކްސް އާއި ޚިލާފު ކަމެކެވެ. އެހެން ނަމަވެސް އެވާހަކަތައް ދައްކާ ޑޮކްޓަރުން ވެސް އުޅެއެވެ.

ދައްކަން މިއުޅެނީ، އެއްވެސް ޙާލެއްގައި ޑޮކްޓަރުންގެ ވާހަކައެއް ނޫނެވެ. ޑޮކްޓަރުންނާއި އެއްގޮތް ކަންތައްތަކެއް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން ފެނުމުން އެވާހަކައެވެ.

ނަޝީދުގެ ވަކީލުންނަށް އަދި ނަޝީދުގެ އާއިލާއަށް ވެސް އެމަނިކުފާނުގެ ސިއްޙީ ހާލަތާއި ބެހޭގޮތުން އެނގިވަޑައިނުގަންނަވާ އެތައް ކަމެއް ރައީސް އަބްދުﷲ ޔާމީން އަށް އެނގިވަޑައިގެންފިއެވެ.

ބޭސްފަރުވާއަށް އިނގިރޭސިވިލާތަށް ވަޑައިގެންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު، އޮޕަރޭޝަން ކުރައްވަން އަންގާރަ ދުވަހު އެޑްމިޓްވާނެ ކަމުގެ ލިޔުމެއް ދީފައިވާ ކަން ވެސް ރައީސް ޔާމީން އަށް އެނގިވަޑައިގެންފިއެވެ.

މި ހިސާބަށް ކަންތައް ދިއުމުން ނަޝީދުގެ އާއިލާގެ މެންބަރަކަށް ގުޅައި އެއީ ތެދެއްތޯ އޮޅުން ފިލުވުމަށް ނިންމީމެވެ.

"މާތް ކަލާކޯ! ތިއީ ކާކު ދެއްކި ވާހަކައެއް އަހަރެންގެ ބޭބެ ރައީސް ނަޝީދުގެ ވާހަކައެއް ނޫން އެ ދައްކަވަނީ" މިއީ ރައީސް ނަޝީދުގެ އާއިލާގެ މެންބަރަކު ދިން ޖަވާބެވެ.

ނަޝީދުގެ ވަކީލުންނަކަށް ވެސް އެވާހަކަ އެނގިވަޑައެއް ނުގަންނަވައެވެ. އެބޭފުޅުން ވިދާޅުވާ ގޮތުގައި، ރައީސް ނަޝީދުގެ އޮޕަރޭޝަން ކުރަން އުޅޭ ކަމުގެ ލިޔުމެއް ދޫކޮށްފައެއް ނުވެއެވެ.

ރައީސް ނަޝީދުގެ މައިބަދައަށް އިންޖެކްޝަންތަކެއް ޖަހާ ވާހަކަ އާއި ސާޖަރީއަށް އެޑްމިޓްވާންޖެހޭ ވާހަކަ ވެސް އެންމެ ކުރިން އެނގިވަޑައިގަތީ ރައީސް އަބްދުﷲ ޔާމީން އަށެވެ. އެއީ ކީއްވެގެން ހެއްޔެވެ؟

ބައެއް ޙާލަތްތަކުގައި ހުރިހާ ވާހަކައެއް ޑޮކްޓަރުން ބަލިމީހާގެ އާއިލާގެ މީހުންގެ ގާތުގައި ކިޔައި ނުދެއެވެ. އެއީ އާއިލާގެ މީހުން މާބޮޑަށް ހާސްވެދާނެތީއެވެ. އެހެން ނަމަވެސް އެކުގައި މަސައްކަތް ކުރާ ޑޮކްޓަރުންގެ މެދުގައި އެކަމާއި މެދު މަޝްވަރާކުރެއެވެ.

އެހެންވީއިރު، ރައީސް ނަޝީދުގެ ޑޮކްޓަރު ސީދާ ރައީސް އަބްދުﷲ ޔާމީން އަށް ގުޅުއްވާފައި ރައީސް ނަޝީދުގެ ޙާލަތު ކިޔައި ދެއްވީ ކަމަށް ވެދާނެ ހެއްޔެވެ؟ އެހެން ވެއްޖެ ނަމަ ރައީސް އަބްދުﷲ ޔާމީން އަކީ ދިވެހިރާއްޖޭގެ ރައްޔިތުންނަށް ގެއްލިފައި ހުރި ޑޮކްޓަރެއް ނޫންތާއެވެ.

ފަރުވާ ލަސްނުކުރުމަށް ޑޮކްޓަރުން އާންމު ގޮތެއްގައި ބާރު އަޅައެވެ. ރައީސް ނަޝީދުގެ އޮޕަރޭޝަން ލަސްކުރާކަމަށް ބުނެ އެކަމާއި އެންމެ ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވާފައި ވަނީ ވެސް ހަމަ ރައީސް ޔާމީންއެވެ.

މީގެ އިތުރުން ޑޮކްޓަރުގެ އިރުޝާދާއި އެއްގޮތަށް އަމަލު ނުކޮށްފިނަމަ ޒިންމާ ނުނަގާނެ ކަމަށް ވެސް ޑޮކްޓަރުން ވަރަށް ގިނައިން ބަލިމީހާއަށް އަންގައެވެ. ރައީސް ޔާމީން ވަނީ ބޭސްފަރުވާއަށް ފުރާވަޑައިގަތުމުގެ ހުއްދަ ދިނުމުން، ނަޝީދު އެކަން ލަސްކުރައްވައިގެން ލިބޭ ގެއްލުމެއްގެ ޒިންމާ ނުނަންގަވާނެ ކަމަށް ވެސް މީގެ ކުރިން ވިދާޅުވެފައެވެ.

މިއޮތީ ރައީސް ޔާމީން ވިދާޅުވާ ގޮތަށް ވިސްނައިގެން ލިޔެފައެވެ. ކިޔުންތެރިން ވިދާޅުވެ ބައްލަވާށެވެ. އެމަނިކުފާނަކީ ޑޮކްޓަރެއް ހެއްޔެވެ؟ ނޫންނަމަ އެއީ، ދޮގުވެރިއެއް ހެއްޔެވެ؟