Last Updated: April 20, 13:04
Saturday, April 20, 2024
ރިޕޯޓް

ޑިމޮކްރަސީގެ ގޮތްކުޑަ ވައްތަރާއި އަހަރެމެން

ނޫސްވެރިންގެ ދިފާއުގައި ފަނޑިޔާރު ޙަލީމް އިހހުތިޖާޖް ކުރަނީ.

ރާއްޖޭގެ އެންމެ ދެކުނުގެ ރަށްތަކުގެ ތެރެއިން ރަށެއްގައި ކަޅާއޭ ކިޔުނު މީހަކު އުޅުނެވެ. ވަގު ރުކުއެޅުން ފަދަ ކަންކަމަކީ މީނާގެ ޚާއްސަ މަސައްކަތެވެ.
އެއް ފަހަރަކު ކަތީބެއްގެ ރުކަކުން ވަގުރުކު އަޅައިގެން މީނާ ހިފައި ހައްޔަރުކުރެވި މާލެ ފޮނުވައިފި އެވެ.

ފަނޑިޔާރުގެއަށް ގެންގޮސް ސުވާލުކުރީމާ މީނާ ދިން ޖަވާބަކީ ކޮންމެވެސް ތާކުން ކޮންމެވެސް އެއްޗެއް ވަގަށް ނަގައިގެން ނޫން ގޮތަކަށް ހިތް ހަމަޖެހުމެއް ނުލިބޭ ކަމަށާއި ލޮލަށް ނިދި އަންނަނީވެސް ވައްކަމެއް ކުރެވިގެން ކަމުގައެވެ.

ކަޅާގެ ހާލަތު އޭނާ ބަޔާން ކުރީ ތެދު ބަހުންނެވެ. މިޒަމާނުގެ އިލްމުވެރިން އެޒާތުގެ މީހުން ސިފަކުރަނީ ބަލި މީހުންގެ ގޮތުގައެވެ. ނަފްސާނީ ބައްޔެއް ތަހައްމަލް ކުރަމުންދާ މީހުންގެ ގޮތުގައެވެ. މިކަހަލަ މީހުން ދުނިޔޭގައި ވަރަށް ގިނައެވެ.

މީހަކަށް ކޮންމެވެސް އަނިޔާއެއްދީ އެމީހެއްގެ ކެކުޅުން ބަލައިފައި ނޫނީ ހިތަށް ފިނިކަން ނުލިބޭ މީހުންނާއި މީހުންގެ ކަރުނަޔާއި ކެކުޅުމުން ހިތަށް ތަސައްލީ ގެނެސްގެން ނޫނީ ރޭގަނޑުގެ ނިދި ވެސް ނުލިބޭ މީހުން އުޅެއެވެ.

ކިޔަވައިގެން ތިބި މީހުންނާއި ނުކިޔަވައި ތިބި ޖާހިލުންގެ ތެރޭގައްޔާއި ނުފޫޒުހުރި ބާރުގަދަ މީހުންގެ ތެރޭގައްޔާއި އެންމެ އާދައިގެ ނިކަމެތިންގެ ތެރޭގައިވެސް މިޒާތުގެ މީހުން އުޅެއެވެ.

ދުނިޔޭގެ ތާރީޚަށް ބަލައިލީމާ ފެންނަ މީހުންގެ ތެރެއިން ހިޓްލަރާއި ސްޓާލިން އާއި ޕޮލްޕޮޓާއި ޕިނޯޝޭ ފަދަ މީހުންނަކީ މިކަހަލަ މީހުންނެވެ. އެކަހަލަ މީހެއްގެ އަތްމައްޗަށް ގައުމެއްގެ ވެރިކަން އަރައިފިއްޔާ އެގައުމެއްގެ ރައްޔިތުންނަށާއި މުޅި ދުނިޔެއަށް ކުރިމަތިވާނެ މުސީބާތްތަކުގެ ވާހަކަ ތާރީޚުގައި ވަނީ ބަޔާންވެގެންނެވެ.

އެ މިސާލުތަކުގެ ތެރެއަށް ވަދެގެން އިތުރު ވާހަކަތަކެއް ދައްކާކަށް ނެތީމެވެ. ދުނިޔޭގެ ގައުމުތަކަށް ކަޅި ހިންގާލައިފިއްޔާ މިހާރުވެސް ބައެއް ގައުމުތަކުގެ ހުންގާނުން މިޒާތުގެ މީހުން ފެންނާނެއެވެ.

އަހަރެމެންވެސް މިތިބީ ދުސްތޫރެއް ގާއިމުކޮށްގެންނެވެ. ކަރުދާހުގައި ގާނޫނުތަކެއް ލިޔެގެން އެއަށް ތަބާވެގެންނެވެ. ކަންކަން ކުރެވޭތޯ ބަލަމުން މިދަނީ އެ ދުސްތޫރުގެ ތެރެއިންނެވެ.
މިހެން އުޅޭ އުޅުމުގައި ވެރިމީހާ ނުވަތަ ވެރީންގެ ފަރާތުން ކަންކަން ފާލުން ނެއްޓިގެން ދާން ފެށީމައި ހޯހޯއޭ ގޮވާ ކޮންމެ މީހަކު ކުށްވެރިވާން ވެއްޖެނަމަ އެއީ ގޯހެކެވެ.

ހަމަ ރީއްޗަށް އޮމާންކޮށް ކަންކަން ކުރެވޭން ހުއްޓައި ހަމަ ކޮންމެ ފަހަރަކު މުޅި ގައުމު ހަލުވައި ތަޅުވައިފައި ނޫނީ އެއްވެސް ކަމެއް ނުކުރެވޭތަން އަތުވެއްޖެނަމަ އެއީ ގޯހެކެވެ.
މިއީ ކޮންމެ ދުވަހަކު ތަކުރާރުވާ އާދައަކަށް ވެއްޖެނަމަ އެއީ އެކަށައެޅިފައި އޮންނަ ސިޔާސަތެއްގެ ދަށުން ކުރެވޭ ކަމަކަށްވުރެ މީހެއްގެ ނުވަތަ ބައެއްގެ ނަފްސާނީ ބައްޔެއްގެ ނަތީޖާ ކަމަށް ހީކުރުމުގެ ފުރުސަތު ބޮޑެވެ.

ހޯހޯއޭ ގޮވީ ނޫސްވެރިން ކަމުގައި ވެއްޖެނަމަ ވެރިމީހާ ނުކުމެ ބަލަގަ ދުސްތޫރުގައި ނޫސްވެރިންގެ ބާރަށްވުރެ ވެރިމީހާގެ ބާރު ގަދައޭ ބުނުމަކީ ޑިމޮކްރަސީއެއްގައި ވަރަށް އައިބު ކަމެކެވެ. މަސްވެރިން ނުކުމެ ހޯހޯއޭ ގޮވީމާ ތިޔަހެނަކުން ނުގޮވޭނެޔޭ މަސްވެރިންގެ ބާރަށްވުރެ މި ދުސްތޫރުގެ ތެރެއިން ގަދައީ ވެރިމީހާގެ ބާރޭ ބުނުންވެސް ވަރަށް އައިބެވެ.

މަގޭ މަގާމާއި ބެހޭނެ ވަރަކަށް ބެހެންވީޔޭ އެކަމަކު މަގޭ ޒާތާއި ބެހިގެން ނުވާނެޔޭ އެކަމަށް އަދަބުތަކެއް އެބަހުއްޓޭ ބުނުން ވަރަށް އައިބެވެ. މަގާމު ގޯހެއް ނުވާނެއެވެ.

ގޯސްވާނީ މަގާމުގައި ހުންނަ މީހާއެވެ. އެހެންވީމާ އެމީހާ ކުރާކަންކަމާއި ނުބެހި ދެން މަގާމާއި ބެހެވޭނެ ގޮތެއް ނޯންނާނެއެވެ.

މިއީ ޑިމޮކްރަޓިކް މުޖުތަމައެއްގައި ބަލައިގަނެވޭނެ ގޮތެއް ނޫނެވެ. އިންސާނީ ބުއްދި ގަބޫލުކުރާނޭ ކަމެއްވެސް ނޫނެވެ. ޑިމޮކްރަސީއަކީ މިއީ ކަމަށް ވާނަމަ އަދި ޑިމޮކްރަސީގެ ހަމަޔާއި އުސޫލަކީ މިއީ ކަމަށްވާނަމަ އެވާނީ ޑިމޮކްރަސީގެ ލަދުހަޔާތް ކުޑަ ވައްތަރަށެވެ.

އެއަށް ޒަމާނީ ތަހުޒީބީ ޑިމޮކްރަސީއެކޭ ނުކިޔޭނެއެވެ. ތަހުޒީބީ ޑިމޮކްރަސީއެއްގައި އޮންނާނީ ރޫލް އޮފް ލޯ އެވެ.

އެއީ ގާނޫނުގެ ވެރިކަމެވެ. ގޮތްކުޑަ ޑިމޮކްރަސީއެއްގައި އޮންނާނީ ލޯ އޮފް ރޫލަރ އެވެ. އެއީ ވެރިމީހާގެ ގާނޫނެވެ.

އެންމެ ބާރުގަދައީ ކާކުކަން ބުނެދޭ ހިސާބަށް ދިޔައިމާ ދެން އެއޮތީ ރޫލް އޮފް ލޯތޯ ނުވަތަ ރޫލަރސް ލޯތޯ ދެނެގަންނާކަށް މާބޮޑު ވިސްނުންތަކެއް ބޭނުމެއް ނުވާނެއެވެ.

ތަންކޮޅެއް ކުރީޒަމާނުގައި ގައުމުތަކުގެ އެތެރޭގެ ހާލަތާއި ވެރީންގެ އޮބިއެޅުންތައް ބޭރު ދުނިޔެއަށް ހާމަވުން ވަރަށް ކުޑައެވެ. އެކަމަކު މިހާރު ރައްޔިތުންނަށް އަނިޔާވެރިވެފައި މިއީ އަހަރެމެންގެ އެތެރޭގެ ކަމެކޭ ކިޔައިގެން ފަރުޖެއްސޭކަށް ނޯވެއެވެ.

އެއަށްވުރެ ބޮޑަށް ދުނިޔެ ވަނީ ބަވަނަ ވެފައެވެ. ގައުމު ހިންގާން ތިބޭ މީހުން ވަކި ގޮތެއް ނުބަލައި ގައުމު ތަޅުވާން ފެށީމާ މިޒަމާނުގައި ހުރިހާ ރައްޔިތުން މަޑަކުން ނުތިބޭނެއެވެ. ބަޔަކު ރޯންވެސް ރޯނެއެވެ. އެއަޑު ބޭރު ދުނިޔެއަށް އިވޭނެއެވެ.

އެމީހުން މިތަނަށް އައިސް ވާނުވާ ބަލާނެއެވެ. ފުރިހަމަކުރަންވާ އިޖްރާއަތްތައް ފުރިހަމަކޮށްފައި އަޅަންވާ ފިޔަވަޅުތައްވެސް އަޅާނެއެވެ. ރައްޔިތުމީހާގެ ގައިގައި ކިތަންމެ ބާރަށް ހަންމުށި އަޅައިލެވުނަސް ބައިނަލްއަގުވާމީ މުޖުތަމައުގެ ކުރިމަތީގައި ދެއްކޭނެ ބާރެއް ނޯންނާނެއެވެ.

ގޮތްކުޑަ ޑިމޮކްރަސީއެއްގައި ނަމަ ދެން ފެންނާނީ ފަރަންޖީން ނުބައިވެ ފަރަންޖީންގެ ކައިރީގައި ޝަކުވާކުރާ މީހުން ނުބައިމީސްވާ މަންޒަރެވެ. ފަރަންޖީންގެ ކައިރީގައި ވަރަށް ނިކަމެތިވެ ތިބެގެން އާދެ މަސާހިބުވެސް ކިޔައިފައި އެވެރިން ފުރަގަހަށް އެނބުރުނީމާ އެވެރިންނަށް ނޭގޭނެހެން ހީވާ ޒާތަށް އެވެރިންނާއިވެސް ފޮށުމެވެ.

މިއަށް ކިޔަނީ ލަދުކުޑަ ޑިޕްލޮމަސީއެވެ. މީގެ ކުރީގައިވެސް މިޒާތުގެ ކަންކަން އަހަރެމެންގެ ތެރެއިން ވަނީ ފެނިފައެވެ.

ރާއްޖޭގެ ދެކުނުގައި ހިގި ގަޑުބަޑާއި ގުޅިގެން އެކަންކަން ހަމަޖެއްސުމަށް އާތިންޓަން ޑޭވީއޭ ކިޔުނު އިނގިރޭސި ޑިޕްލޮމެޓަކު ނިކަން ދޭތެރެ އަވަސްކޮށް ރާއްޖެއަށް ވަޑައިގެން އުޅުއްވިއެވެ. މީނާ ހުންނަވަނީ ދޫނިދޫގައެވެ. އޭރު ރިސޯޓެއް ނޯންނާތީ މިގޮތަށް ވަޑައިގަންނަވާ ދޮން ފަރަންޖީން އާއްމުކޮށް ބައިތިއްބަނީ ދޫނިދޫގައެވެ.

ރައްޔިތުންނަށް ސަރުކާރުގެ އާރާއިބާރާއި ގަދަރާއި ހައިބަތު ދެއްކުމުގެ ގޮތުން އޭރު ވެރިކަން ހިންގާން ތިބި މީހުން ކުރިވި ކަމަކީ ކޮންމެ ދުވަހަކު ބަނދރު މައްޗަށް މީހުން ނެރެގެން އިނގިރޭސިވިލާތާއި އިނގިރޭސި ރާނީއާއި އާތިންޓަން ޑޭވީއަށް ފުރައްސާރަކޮށް ނެތިނުބައި މޮށުމެވެ.

އެދުވަސްވަރު އެޗްއެމްއެސް ބްލެކްޕޫލޭ ކިޔުނު އިނގިރޭސި މަނަވަރެއް މާލޭގައި ބަނދަރު ކުރުމުން އެޗްއެމްއެސް ވައިޓްފޫލް އޭ ލިޔެ ދޮން މީހުންނަކީ މޮޔައިންކަމަށް ދައްކަން ލަކުޑިން ޒާތެއްގެ ނަގުލީ މަނަވަރެއް ހަދައިގެން މާލޭގެ ބޭރު ތޮށިމައްޗަށް ނެރެގެންވެސް އުޅުނެވެ.

އެކަމުން ވެސް ރައްޔިތުންނަށް ދައްކައިދޭން އުޅުނީ ސަރުކާރުގެ އާރާއި ބާރެވެ. ބޭރު ދުނިޔޭގެ ހައިސިއްޔަތު ކުޑަކަމެވެ.

އޭގެ ފަސްދޮޅަސް އެތައް އަހަރެއްފަހުންވެސް މިފެންނަނީ ހަމަ އެމަންޒަރެވެ. ރައްޔިތުންނަށް ވިސްނައިދެވޭތޯ މިބަލަނީ ވަކި އެއްޗެކެވެ. ކެނބޭތޯ ގަދައަޅަނީ އޮޔާއި ވަޔާއި ދެކޮޅަށެވެ.

ސީމެގަކާއި އީޔޫއަކާއި ޔޫއެނަކާއި މިހެންގޮސް ބޭރުގެ ޖަމިއްޔާ ޖަމާއަތްތަކުން ބަޔާންތައް ނެރެ ނިންމުންތައް ނިންމީމާ ޕްރެސް ކޮންފަރެންސްތައް ބާއްވައިގެން މިކިޔަނީ ހަމަ ކުރީގެ ގޮތަށް އެޗްއެމްއެސް ވައިޓް ފޫލޭ އެވެ.

އިހުނަމަ މިކަންކަމުގައި އިސްކޮށްތިބީ ދުނިޔޭގެ އޮޔާއި ވައި މޭރުން ނުވާ ބައެކޭ ކިޔައިގެން ރެކިގަނެވިދާނެއެވެ.

އެކަމަކު މިހާރު ބިދޭސީ ޔުނިވަސިޓީތަކުން ކިޔަވައިގެން ދުނިޔެއަށް ލޯ ހުޅުވިފައި ތިބިކަމަށް ބުނާ ބަޔަކު މިފާޑުގެ ކަންކަން ކުރީމާ އެއީ ވަރަށް ލަދު ކަމެކެވެ.