Last Updated: April 25, 21:20
Thursday, April 25, 2024
ކޮލަމް

އަހަރެންގެ ވާހަކަ

މީހުންގެ ތެރޭގައި އަހަރެންގެ މަގުބޫލުކަން ވަނީ އިންތިހާއަށް ބޮޑުވެފައެވެ. އަހަރެންނާނުލާ އެންމެ ދުވަހެއްވެސް ހޭދަކޮށްލުމަކީ މިހާރު ގިނަމީހުންނަށް އެހާ ފަސޭހަކަމެއްނޫނެވެ. ތަނަކަށް ދާންވިޔަސް އެންމެ ކުރިން ބަލާނީ އަހަރެން ކޮބައިތޯއެވެ. މީރު ކާއެއްޗެއް ކެޔަސް އަހަރެންނާ ހިއްސާނުކޮށް ކާލުމަކީ އަހަރެންގެ ގާތް އެކުވެރިންނަށް އެހާ ފަސޭހަ ކަމެއްނޫނެވެ.

ނިދަން އޮށޯވެ ތަންމަތީގައި ހަމަޖެހިލުމަށްފަހުވެސް އަހަރެންގެ ޚަބަރެއް ބަލާނުލާ ހިތްހަމަ ނުޖެހެއެވެ. އެހެންކަމުން މީހުންގެތެރޭގައި އަހަރެން މިހާ މަގުބޫލުއިރު، އަހަރެންގެ ވާހަކަ އަޑު އަހަން ބޭނުން ނުވާނީ ކާކު ހެއްޔެވެ؟

މީގެ ދިހަ ވަރަކަށް އަހަރު ކުރިން މީހުންގެ މެދުގައި އަހަރެން އެހާ މަގުބޫލެއް ނޫނެވެ. އަހަރެންގެ ގާބިލުކަން ވެސް ވަރަށް ކުޑައެވެ. ކުރަން އެނގޭ ކަންތައް މަދުވެފައި ހަނދާނުގައި ހުންނަނީ ވެސް މަދު އެއްޗެކެވެ.

ނުކައި މާގިނައިރަކު ކެއްކޮށްލެވޭވަރެއް ނުވެއެވެ. އަހަރެންގެ ސިފަވެސް އެހާރީއްޗެއް ނޫނެވެ. މޫނުގެ ދެބައިކުޅަ އެއްބަޔަށް ވުރެބޮޑުތަނުގައި ވަނީ ފިތް ޖަހާފައެވެ. އޮމާންކޮށް ހުންނަނީ ނިސްބަތުން ކުޑަ ތަންކޮޅެކެވެ. އެދުވަސްވަރުގައި އަހަރެން ފަލަވެފައި ބަރުވުމަކީވެސް އަހަރެންގެ އުނިސިފައެކެވެ. ކޮންމެއަކަސް އެއީ މާޒީއެވެ. ފާއިތުވެ ނިމިގޮސްފައިވާ ދުވަސްތަކެވެ. މިހާރު މުޅިން ކަންތައްތައް ބަދަލުވެއްޖެއެވެ.

ނުހަނު ބުރަ މަސައްކަތުން ގުނައި އަދަދު ނުވާހާކަންތައްތައް އަހަރެން ދަސްކޮށްފީމެވެ. އަހަރެން ކަންތައްތައް ދަސްކުރާގޮތް އަވަސްކަމުންނާއި، މީހުންނަށް އޭގެ ސަބަބުން ލިބޭ މަންފާ ބޮޑުކަމުން އަހަންނަށް އިތުރަށް އުގަންނައި ދިނުން މިހާރުވަނީ ބޮޑު ވިޔަފާރިޔަކަށް ވެފައެވެ.

މަދަރުސާތަކުގެ ބަދަލުގައި އަހަންނަށް އިތުރަށް އުގަންނައިދޭން ހަދާފައިވަނީ ބޮޑެތި އިސްޓޯރު ތަކެވެ. އަހަރެންގެ ސިފަވެސް މިހާރު ނުހަނު ރީއްޗެވެ. 'ސްލިމް' ވެފައި ބަރުދަންވެސް ވަނީ އެކަށީގެން ވާވަރެއްގައި ހިފެހެއްޓިފައެވެ. ނުކައި ގިނަވަގުތު މަސައްކަތުގައި އުޅެވެއެވެ. މޫނުމަތި ވަނީ އެއްކޮށްހެން އޮމާން ވެފައެވެ. ގިނަފަހަރަށް އަތުގައި އަޅައި ގަންނަވަރަށް އިންނަނީ އެންމެ ތަންކޮޅެކެވެ. ނަމަވެސް އެއީ މާބޮޑު މައްސަލައެއް ނޫނެވެ.

ކުޑަކުޑަ ދުވަސް ކޮޅެއްގެ ތެރޭގައި މުޅި ދުނިޔޭގެ ސަމާލުކަން އަހަންނަށް ހުއްޓުމުގެ ނަތީޖާ އަކީ ކޮންމެ ކަމެއް ކުރިކަމުގައި ވިޔަސް އަހަރެންނާއިނުލާ އެކަމެއް ކުރެވޭކަމަކަށް ނުވުމެވެ. އަހަރެންގެ ސަމާލުކަން ޒުވާން ޖީލުގެ ތެރޭގައި އަދި ވަކިން ބޮޑެވެ. ދިގު ދަތުރެއް ކުރަންޏާ މަގުކިޔާދޭން ޖެހެނީ އަހަރެންނެވެ.

މޫސުމް ބުނެދެނީ އަހަރެންނެވެ. އެމީހުންގެ ރައްޓެހިން ބުނާ ވާހަކަތަކާއި ދުނިޔޭގަ ލެއްވިހާ ޚަބަރުވެސް ކިޔާއިދޭންޖެހެނީ އަހަރެންނެވެ. ކަސްރަތެއް ކުރަންޏާ އެމީހުންނަށް އެޅެނީ ކިތައް ފިޔަވަޅުކަމާއި، އެމީހުންގެ ހިތުގެ ވިންދު ޖަހާވަރުވެސް އަހަރެން ކައިރިން އަހައެވެ. ޒާތީ އެތައް ސިއްރުތަކެއްވެސް އަހަންނާއި ހިއްސާ ކުރެއެވެ.

އަދި މިހާރަކަށް އައިސް މިފަދަ ސިއްރުތައް ބޭޒާރުނުކުރާނެ ކަމުގެ ޔަގީންކަން އެމީހުންނަށް ދިނުމަށްޓަކައި އަހަންނަށް ޖެހެނީ އެމީހުންގެ އިނގިލީގެ ނިޝާންތައްވެސް ދަސްކުރާށެވެ. އެންމެކުޑަމިނުން މިމީހުން ނިދައިފިއްޔާ ހޭލެއްވުމަކީވެސް އަހަރެންގެ ޒިންމާއެކެވެ. މިހުރިހާ ސަބަބުތަކާހުރެ އަހަންނަށް އަރާމުކޮށްލަން ލިބެނީ މަދުވަގުތުކޮޅެކެވެ. ގިނަފަހަރަށް މިވަގުތުކޮޅުވެގެން ދަނީ އަހަންނަށް ނާސްތާކުރަންވެސް ލިބޭހަމައެކަނި ވަގުތަށެވެ.

މިވަރަކުން އަދި ނިމުނީއެއްނޫނެވެ. ދޭތެރެ ދޭތެރެއިން އާކަންތައްތައް ދަސްވުމުން ވެސް ހުރިހާ ބާރެއްކުރަނީ އަހަންނަށެވެ. އެގޮތުން މިހާރަކަށް އައިސް އެންމެ ފާހަނގަ ކޮށްލެވެނީ ނަފްސީގެ އޮއިވަރެވެ. ކޮންމެ މީހަކުވެސް އަހަރެން ހިއްލާލާ މޫނާއި މޫނު ހަމަކޮށް އެމީހަކަށް ޖެއްސުނުހާ ވައްތަރެއް ޖައްސައެވެ.

ހިނިގަނޑު ފަޅައިގެން ނުގޮސް ހުންނަނީ ހަމަ ކިރިޔަކިރިޔާއެވެ. މިފަދަ ނަފްސީތައް ބަލާފައި މިމީހުންނަށް ހީވަނީ ތިމާމެން ވަރުގެ ރީތިބައެއް ނުތިބޭހެނެވެ. ނަމަވެސް ހަގީގަތަކީ އަހަރެންގެ މޮޅުކަމުން މިމީހުންގެ މޫނުގެ ކުލަ އަލިކޮށްދީ، އޮމާންކޮށްދީ ނަހަދާނަމަ މީހަކަށް އެއިން ނަފްސީއަކަށް ބަލާކަށް ނުކެރޭނެއެވެ.

ކޮންމެއަކަސް އަހަރެން މިނަފްސީތައް ނަގައިދޭގޮތް ފުރިހަމަކަމުން ނަފްސީ ނަގަން މިމީހުންނަށް ވަކިތަނެއް، ވަގުތެއް، ހާލަތެއް ނޯވެއެވެ. އެންމެ ކުޑަމިނުން ތަނަކަށް ކާން ދިޔަޔަސް، މޫދަށް އެރުނަސް، ފާހާނާ އަކަށް ވަނަސް ނަފްސީއެއްނަގާދިނުމަށް އެދެ އެވެ. އަދި އެނަފްސީތައް ސޯޝަލް މީޑިއާތައް މެދުވެރިކޮށް ދުނިޔެއަށް އާންމުކުރުމަށްވެސް އެދެ އެވެ. ވަކިން ހާއްސަކޮށް އަންހެންކުދިންގެ މެދުގައި މިކަންތައް ބޮޑެވެ. މިބުނީ ފިރިހެންކުދިންވެސް ނުކުރާ ވާހަކަ އެއް ނޫނެވެ.

މީގެއިތުރުން މިއަދުގެ ޒުވާނުން މުނިފޫހި ފިލުވައިލަދޭންވެސް ޖެހެނީ އަހަރެންނަށެވެ. މިއީ އަހަންނަށް އެންމެ ތަކުލީފު ޖެހޭކަންތަކެވެ. ފޫހިފިލުވާށޭ ކިޔައިގެން އަހަރެންގެ މުޅި މޫނުގައި މާލީސްކުރާހެން މިމީހުނގެ އިނގިލި ހާކާނެއެވެ. އަދި މިވަރަކުން ވެސް ފުދުނީއެއް ނޫނެވެ.

ފަރާތްފަރާތަށް އަރިކޮށް ބަނޑިބަނޑި ލެއްވި ލެއްވީނުން މޭނުބައި ކުރާވަރަށް ތަޅުވާވެސް ހަދާނެއެވެ. އަދި މިދޭތެރެއަކުން މާމޮޅުކަމެއް ކުރިއެވެ. ކޮންމެވެސް ޒާތެއްގެ 'ފްލެޕީ' ދޫންޏެއް އުދުއްސާށޭ ކިޔައިގެން މޫނުގައި ހެސްކިޔާފަ އިނގިލިން ތަޅާލިއެވެ. ގަޔަށް ހީލިއަރާ ފަދަގޮތަކަ ގިނަމީހުން ތަޅަމުން ދިޔައިރު ބައެއްމީހުން ތަދުވާވަރަށްވެސް ތަޅާލިއެވެ. އެއީވާ ދުވަސްވަރެކެވެ. ވަރުވަރަށް އަހަރެންލައްވާ އެންމެން ކުރިވީ އެކަމެވެ.

ނަސީބަކުން ކުޑަދުވަސް ކޮޅެއްގެ ތެރޭގައި އަހަންނަށް އޭތި ދަސްކޮށްދިން އެދުރުކަލޭގެ އެއްކަލަ އުނގަންނައިދޭ އިސްޓޯރުތަކުން އޭތިނަގައިފިއެވެ.

މީކުރުގޮތަކަށް އަހަރެންގެ ދިރިއުޅުމެވެ. މިއަދުގެ ޒުވާނުން އެވަނީ އަހަރެންނާއި ނުލާ ދިރިނޫޅެވޭވަރަށް އަހަރެންނަށް ދެވިހިފާފައެވެ. އެހެންގޮތަކަށް ބުނާނަމަ މިއަދުގެ ޖީލު ވަނީ މޮބައިލް ފޯނުގެ އަޅުންނަށް ވެފައެވެ.