Last Updated: April 20, 14:49
Saturday, April 20, 2024
ކޮލަމް

ފޭދޫ ދާއިރާގެ މެންބަރ އިބްރާހިމް ދީދީ އަށް ވެދުންސަލާމަށް ފަހު…

ފޭދޫގެ ބައެއް މީހުން ތިބޭފުޅާއަށް 'ބާ ވޭޓަރޭ' ކިޔައި މުޚާތަބުކުރިއަސް އަޅުގަނޑު އެހެނެއް ނުކިޔާނަމަވެ. ސަބަބަކީ އެހެން މީހުންގެ އަބުރަށް އަރައިގަތުމަކީ އަޅުގަނޑުގެ ޒަމީރު ޤަބޫލުކުރާ ކަމަކަށް ނުވާތީއެވެ.

އަޅުގަނޑަކީ ސިޔާސީ ގޮތުން މާ ފުންނާބު އުސް ބޭފުޅަކަށް ނުވިޔަސް ދިވެހި ޤައުމުގައި ހިނގާ ކަންތަކާއި މެދު އަޅުގަނޑަށް ﷲ ދެއްވި ބުއްދިން އަޅުގަނޑު ވިސްނާ ފިކުރު ކުރަމެވެ. ސިޔާސީ ބޭފުޅުން ދައްކަވާ ވާހަަކަ ވެސް އަޅުގަނޑު އަޑު އަހަމެވެ. ތިބޭފުޅާ ދައްކަވާ ވާހަކަވެސް އަޅުގަނޑު އަޑު އަހަމެވެ.

ތިބޭފުޅާއަކީ ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެންބަރެކެވެ. އަޅުގަނޑުގެ މުޅި އަހަރު ދުވަހުގެ މުސާރަ އެއްކޮށްގެން ވެސް ތިބޭފުޅާގެ 1 މަހުގެ މުސާރަ އާއި ވެސް އެއްވަރެއް ނުވާނެއެވެ.

އަޅުގަނޑުގެ އަތަކު ހަފްތާގެ 7 ދުވަހު ލާނެ ތަފާތު 7 ހެދުމެއް ނެތެވެ. ދެތިން ހާސް ރުފިޔާގެ ސެންޓު ނުޖެހިޔަސް ފާޑެއްގެ ބޮޑީ ސްޕްރޭ އެއް އަޅުގަނޑު ވެސް ގެންގުޅެމެވެ. މަހަކު ދެފުޅި ބޮޑީސްޕެރޭ އެއީ މެގޭ ސައިޒެވެ. ރޮށްޓާއި ރިހަ އެވެ. ބަތާއި ގަރުދިޔަ އެވެ. އެނޫން އެއްޗެއް ނޭނގެނީ އެއް ނޫނެވެ. އެނޫން އެއްޗެއް ލިބެން ހަމަ ނެތީއެވެ. އަޅުގަނޑުގެ އަތް ކުރު ކަމުން އަތް ނުފޯރަނީއެވެ.

އަޅުގަނޑަކީ ކިތަންމެ ނިކަމެތި މީހަކަށް ވިޔަސް މިދެނީ ތިބޭފުޅާ އަށް ނަސޭހަތެކެވެ. ޤަބޫލުކުރެއްވުމާއި ނުކުރެއްވުމަކީ ތިބޭފުޅާގެ ކަމެކެވެ.

އިއްޒަތްތެރި މަޖިލިސް މެންބަރ އިބްރާހިމް ދީދީ އެވެ. މަޖިލީހަށް އިންތިޚާބު ވުމުގެ ކުރީގައި ތިބޭފުޅާ ދެއްކެވި ވާހަކަތަކާއި މިހާރު ތިޔަ ދައްކަވާ ވާހަކަތައް ވަރަށް ތަފާތުހެން އަޅުގަނޑަށް ހީވެއެވެ. ކުށް ހީއެއް ނަމަ މަޢާފުކުރައްވާށެވެ. މަނިކުފާނުގެ ފަރާތްޕުޅުން ދިވެހި ރައްޔިތުންނަށް އަނިޔާވެރިވަމުން ގެންދަވާ ދިވެހި ސަރުކާރު ދިފާޢު ކުރައްވާ މަންޒަރު ފެނިގެންދާތީ އަޅުގަނޑު ވަރަށް ހިތާމަކުރަމެވެ.

އަދި ވަކިން ޚާއްސަގޮތެއްގައި، ހައްޔަރުކޮށްގެން ތިމަންނާއަށް ނުގުޅާށޭ ތިބޭފުޅާ ވިދާޅުވުމުން އަޅުގަނޑު ވަރަށް ދެރަވިއެވެ. ކޮންމެހެން އަޅުގަނޑު ޖަލަށް ލެވުމުން ތިބޭފުޅާ އެހީތެރިކަން ފޯރުކޮށްނުދެއްވާނެތީ އެއް ނޫނެވެ. ތިބޭފުޅާ އަށް ﷲ ދެއްވި ނިޢުމަތަކަށްޓަކައި ބޮޑާވެ ގަތީމައެވެ.

އަޅުގަނޑު ތިބޭފުޅާއަށް ބަދު ދުޢާ އެއް ނުކުރާނަމެވެ. ނަމަވެސް ދަންނަވަންތޯ އެވެ. އަޅުގަނޑު އިރާދަކުރެއްވިއްޔާ ދުއާ ކުރާނަމެވެ. ތިބޭފުޅާއަށް ވެސް ﷲ ތަޢާލާ ހެޔޮވިސްނުން ދެއްވުން އެދިއެވެ.

ތިބޭފުޅާއަށް ތިޔަ 'ޢިއްޒަތްތެރި މެންބަރުކަން' ދެއްވި ފަރާތަކީ އަޅުގަނޑުމެން އެންމެންނަށް ރިޒްޤު ދެއްވާ ފަރާތެވެ. އަޅުގަނޑުމެން ވާގިއަށް އެދެނީ ވެސް ހަމަ އެފަރާތުންނެވެ. ތިބޭފުޅާވެސް ޤަބޫލު ކުރައްވަން ވީ ޙަޤީޤަތަކީ އެކަމެވެ. ތިމަންނާ ކައިރިއަށް އެހީއަށް އެދި ނާންނާށޭ ބުނެ ރައްޔިތުންނަށް އިންޒާރު ނުދެއްވާށެވެ. ބޮޑާވެގަތުމަކީ ވަރަށް ހުތުރު ސިފައެކެވެ.