Last Updated: April 20, 18:41
Saturday, April 20, 2024
ޚަބަރު

ހުޅުމީދޫ ކަނު އަނދިރީގައި!

ހުޅުމީދޫ އިންޖީނުގޭގެ އިންޖީނަކަށް މައްސަލަ ދިމާވެގެން މިއަދު ހެނދުނުން ފެށިގެން އެކި ސަރަހައްދުތަކުން ކަރަންޓް ކަނޑަމުން އަންނަ އިރު މިވަގުތުވެސް ގިނަ ރައްޔިތުން ކަނު އަނދިރީގައި އުޅެމުން އަންނަކަމަށް މައުލޫމާތު ލިބިއްޖެއެވެ.

މީދޫން ވާހަކަ ދެއްކި މީހަކު ބުނީ ހެނދުނުން ފެށިގެން ކަރަންޓް ކަނޑަމުން އަންނަ އިރު އެންގުމަކާއި ނުލައި ކަރަންޓް ކަނޑާތީ ގިނަ ބަޔަކު ކަންބޮޑުވުން ފާޅު ކުރަމުން އަންނަ ކަމަށެވެ.

އިންޖީނުގޭގެ އިސް އޮފިޝަލަކު މިރޭ "އައްޑޫލައިވް"އަށް ވިދާޅުވީ ކަރަންޓް ކަނޑަމުން އަންނަނީ މައި ޖަނަރޭޓަރަށް މައްސަލަ ދިމާވެގެން ކަމަށެވެ. އަދި މައްސަލަ ހައްލު ކުރުމަށް ހިތަދޫގައި ހުންނަ މަރުކަޒީ އިންޖީނުގޭގެ އިންޖިނިއަރުން ގެނެސް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ނަމަވެސް ކަރަންޓްގެ މައްސަލަ ހައްލު ކުރެވޭނެ ވަގުތެއް އޮފިޝަލް ވިދާޅެއް ނުވެއެވެ.

"އަޅުގަނޑުމެން މިދަނީ ހިތަދޫ އިންޖީނުގެއިން އިންޖިނިއަރުން ގެނެސްގެން މައްސަލަ ހައްލު ކުރަމުން، އަދި ގަޑިއެއް ދަންނަވަން ނޭގޭ ކަރަންޓް ދެވޭނެ"

މި ސަރުކާރުން ކަރަންޓް "24 ގަޑި ޔަޤީން" ކޮށްފައިވާ އިރު އައްޑޫގެ ގިނަ ރައްޔިތުން ދޭތެރެ ދޭތެރެއިން މުޅިންވެސް އުޅެނީ ކަރަންޓް ކެނޑިގެން ކުރަންޖެހޭ އަސާސީ ކަންކަން ނުކުރެވިއެވެ.

ކަރަންޓް ބަރާބަރަށް ފޯރުކޮށް ނުދެވޭއިރު ވިޔަފާރިތަކުން ކަރަންޓް ބިލް ބޮޑުކޮށް، ފާއިތުވި އަހަރުތަކުގައި ރައްޔިތުންނަށް ސަރުކާރުން ދިން ސަބްސިޑީވެސް ވަނީ އައްޑޫގެ ކަރަންޓް ދޭން ހަވާލުވެގެން ތިބި ކުންފުނި ފެނަކަ އިން ނުދީ ހިފަހައްޓާފައެވެ.

އައްޑޫގެ ކަރަންޓްގެ މައްސަލަ ސަރުކާރުގެ ސަމާލްކަމަށް ގެނައުމަށް މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް މަޖްލިސްއަށް ހުށަހަޅުއްވާއިރަށް އެމައްސަލަ ބަލައި ނުގަތުމަށް ވޯޓުދީ ބޭރު ކޮށްލަނީ ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދް (ޝާޑް) ކަން ފާހަނގަ ކޮށްލެވެއެވެ.