Last Updated: April 25, 12:03
Thursday, April 25, 2024
ވިޔަފާރި

ސިމްޑީ ޝޯރޫމުން ކަރަންޓް ކަނޑާލައިފި

ސިމްޑީ ޝޯވް ރޫމް ކަރަންޓް ކަނޑާލުމުން އުއްބަތި ދިއްލައިހެން ހުޅުވާފައި

ކުރީގެ ހެލްތު މިނިސްޓަރ ޑރ. މަރިޔަމް ޝަކީލާގެ ހިއްސާވާ ސިމްޑީ ކޮމްޕެނީން ހިތަދޫގައި ހިންގަމުން އަންނަ ސިމްޑީ ޝޯރޫމުން ކަރަންޓް ކަނޑާލައިފިއެވެ.

ސިމްޑީ ކުންފުނީގެ އިސްއޮފިޝަލަކު މިރޭ "އައްޑޫލައިވް"އަށް މައުލޫމާތު ދެމުން ބުނީ ފިހާރައިން ކަރަންޓް ކަނޑާލާފައިވަނީ މާޗް މަހުގެ ބިލް އެންގުމަކާއި ނުލައި ބޮޑުކޮށްފައިވާތީ އެކަން ސާފުކުރުމަށް ލިއުމަކުން ހުށަހަޅާފައިވަނިކޮށް، ޖަވާބު ދިނުމަކާއި ނުލާ ކަމަށެވެ.

ޝޯރޫމުން ކަރަންޓް ކަނޑާލުމާއި ގުޅިގެން މިރޭ އެފިހާރަ ހުޅުވާފައިވަނީ އުއްބައްތި ދިއްލައިގެންނެވެ.

އިތުބާރު ހުރި ގޮތަކަށް "އައްޑޫލައިވް"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ސިމްޑީ ޝޯރޫމުން ކަރަންޓް ކަނޑާލާފައިވަނީ އެތަނަކީ ޑރ. ޝަކީލާގެ ހިއްސާވާ ކުންފުންޏަކަށް ވެފައި ފުރަތަމަ އަށް އެތަނުން ކަރަންޓް ކަނޑާލުމަށް ފެނަކަ މާލެއިން އެންގުމާއި ގުޅިގެންނެވެ.

ޝަކީލާގެ ވިޔަފާރިތަކުން ކަރަންޓް ކެނޑުމަށް އެންގީ މޭއި 1 ވަނަ ދުވަހު ބޭއްވި މުޒާހަރާ އާއި އަދި އައްޑޫގައި ވިޔަފާރިވެރިން ކުރިއަށް ގެންދާ މުޒާހަރާތަަކަށް ޝަކީލާ އެއްބާރުލުންދޭ ކަމަށް ބުނެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ސިމްޑީގެ ދަށުން ހިންގަމުން އަންނަ އައިއެމްޑީސީ ހޮސްޕިޓަލުން މާދަމާ ކަރަންޓް ކަނޑާލަން ވަނީ ނިންމާފައެވެ.

މާރޗް މަހުގެ ކަރަންޓް ބިލް އެންގުމަކާއި ނުލައި ބޮޑު ކުރުމާއި ގުޅިގެން އައްޑޫގެ ވިޔަފާރިވެރިން ވަނީ ފެނަކަ ކޯޕަރޭޝަނަށް ރަސްމީކޮށް މިކަން އޮޅުން ފިލުވުމަށް ސިޓީ ފޮނުވާފައެވެ. ނަމަވެސް އެއިން ސިޓީއަކަށް އެކުންފުނިން ޖަވާބުދީފައި ނުވެއެވެ.

ފެނަކަ ކޯޕަރޭޝަނުން މިދިޔަ މަހު އަންގާފައިވަނީ މާޗްމަހުގެ ބިލް ނުދެއްކި ނަމަވެސް ކަރަންޓް ކަނޑާނުލާނެކަމަށެވެ. ނަމަވެސް އެޕްރީލް މަހުގެ ބިލް ނުދައްކާ ނަމަ ނޯޓިސް ދިނުމަށް ފަހު ކަރަންޓް ކަނޑާލާނެކަމަށެވެ.

ފެނަކަ ކޯޕަރޭޝަނުން އައްޑޫގެ ވިޔަފާރިތަކުން ކަރަންޓް ކަނޑަން ފަށާފައިވާ އިރު ހިތަދޫ އެމްއެމް ޓްރޭޑާސްއިން ކަރަންޓް ކަނޑާލުމާއި ގުޅުގެން، ކަރަންޓް އަލުން އެފިހާރައަށް ދިނުމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ ވަގުތީ އަމުރެއް ނެރެފައެވެ.