Last Updated: April 19, 22:45
Friday, April 19, 2024
ރިޕޯޓް

"ރާއްޖެތެރޭ" މީހުންގެ ފަރާތުން ރިޔާޒް ރަޝީދަށް!

"ރާއްޖެއިން ފުރައިގެން ދިއުމާއި، ރާއްޖެއަށް އެނބުރި އައުމާއި، ރާއްޖޭގައި ހުރުމާއި ރާއްޖޭގެ އެކި ތަންތަނަށް ދަތުރުފަތުރުކޮށް އުޅުމުގެ މިނިވަންކަން ކޮންމެ ރައްޔިތަކަށްމެ ލިބިގެންވެއެވެ."

މި ދެންނެވީ ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ ދެވަނަ ބާބުގެ 40 ވަނަ މާއްދާގައި ދިވެހި ކޮންމެ ރައްޔިތަކަށް ލިބިދީފައިވާ ދަތުރުފަތުރު ކުރުމުގެ ޙައްޤުގެ ވާހަކައެވެ. ޤާނޫނު އަސާސީގައި އެ ޙައްޤު ލިބިގެންވަނީ ދިވެހި ހުރިހާ ރައްޔިތުންނަށް ކަމަށް ވަރަށް ސާފުކޮށް ބަޔާންކޮށްފައި ވާއިރު ހިތާމައަކީ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނަށް މިކަން ނޭނގޭތީއެވެ.

ވިލުފުށީ ދާއިރާ ތަމްސީލް ކުރައްވާ "މާލޭ ވެގެން" އުޅުއްވާ ރިޔާޒު ރަޝީދު މިއަދު މި ދައްކަވާ ވާހަކަފުޅުތަކުން އެމަނިކުފާނު "ހަމަ"ތޯ ބަލަން ޖެހިއްޖެއެވެ. އެމަނިކުފާން ސިކުޑި ރަނގަޅުތޯ ބަލަން ޖެހޭ ހިސާބަށް ކަންތައް މިވަނީ ގޮސްފައެވެ.މަޖިލީހުގެ ޖަލްސާކުރާ ހޯލުގައި ބަހައްޓާފައިވާ ހުރި ސިކިއުރިޓީ ކެމެރާއަކުން އަންނަ ރޭޑިއޭޝަނުގެ ސަބަބުން ބޮލުން އިސްތަށި ފައިބަމުންދާ ކަމަށް ވިދާޅުވި ބޭފުޅާ މިހާރު ކުރައްވާ ޓްވީޓް ތަކަކީ ހަމަހޭގައި ހުރެގެން ކުރައްވާ ކަމެއްތޯ އަހަންވެއްޖެއެވެ.

ރިޔާޒް ރަޝީދު ކުރެއްވި ޓްވީޓް
ރިޔާޒް ރަޝީދު ކުރެއްވި ޓްވީޓް

އެމަނިކުފާނު ގާތުން "ރާއްޖޭތެރޭ" މީހުން ކުރަން ބޭނުންވާ ވަރަށް ގިނަ ސުވާލު އެބަހުއްޓެވެ. ވިލިފުށީ ދާއިރާގެ "އިއްޒަތްތެރި" މެންބަރު ރިޔާޒް ރަޝީދުއެވެ. މަނިކުފާނުގެ ތަރިކަ މުދަލެއް ކަމުގައި ޤަބޫލުކުރައްވާ ދިވެހިރާއްޖޭގެ ވެރިރަށް މާލެ އަށް "ރާއްޖެތެރޭ" މީހުން އައުމަކީ ވަރަށް ބޮޑު ތަކުލީފަކަށް ވީތޯއެވެ. އެހެން ވެއްޖިއްޔާ މަނިކުފާނުގެ "ރައްޓެހި" ރައީސް ގާތު ވިދާޅުވެ ދެއްވާށެވެ. ދިވެހިންނަށް ތިކުރާ "އަނިޔާ" ހުއްޓާލައްވާށެވެ. "ރާއްޖެތެރޭ"ގެ ރައްޔިތުންނަށް ސާފު ބޯފެނާއި، ނަރުދަމާ، ރަނގަޅު ސިއްހީ ފަރުވާ ދެވޭނެ އިންތިޒާމް ހަމަޖައްސައި ދެއްވާށެވެ.

އޭރުން އަޅުގަނޑުމެން އިރުއިރުކޮޅާ މާލެއަށް ގޮސް މުޒާހަރާނުކޮށް ރީތިކޮށް އަމިއްލަ ރަށުގައި ތިބެދާނަމެވެ.

ރިޔާޒު ރަޝީދުއެވެ. އަމިއްލަ ޚަރަދުގައި ދޯނިތަކުގައި މާލެ ގޮސް އަޅުގަނޑުމެން ޝުއޫރުފާޅުކުރަނީ އަޅުގަނޑުމެން "ރާއްޖެތެރޭ" މީހުން ވެސް ހިމެނޭ ގޮތަށް ދިވެހި ރައްޔިތުން ވޯޓު ދީގެން ހޮވާފައިވާ ރައީސް ޔާމީންގެ ވެރިކަމާއި ދެކޮޅަށެވެ. އަޅުގަޑުމެން ރިޔާޒް ރަޝީދު އާއި ދެކޮޅަށް މުޒާހަރާ އެއް ނުކުރަމެވެ.

ރިޔާޒު ރަޝީދަށް ވެސް ބޭނުން ވާހަކައެއް މިއަދު ތިޔަ ދެއްކެވެނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 27 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ސަބަބުންނެވެ. އެ މާއްދާގައި ބުނެފައިވަނީ ދިވެހި އެންމެހާ ރައްޔިތުންގެ ވާހަކައެވެ. އެއްގޮތަކަށް ރިޔާޒް ވިދާޅުވާ "ރާއްޖެ ތެރޭ" މީހުންނަށް އެޙައްޤު ލިބިފައިނުވާ ވާހަކައެއް ނެތެވެ.

މަނިކުފާނު އާއި ދިމާލަށް "ތެޔޮ ރިޔާޒޭ" އަޅުގަނޑުމެން ނުކިޔަމެވެ. އެސްޓީއޯ އަށް މަނިކުފާނު ދައްކަވަން ޖެހިވަޑައިގަންނަވާ ފައިސާ ނުދައްކަވާ ވާހަކަ އާއި އެކަމާއި ގުޅޭ ލިޔެކިޔުންތައް އެސްޓީއޯގެ މުވައްޒަފަކު މެދުވެރިކޮށް މަނިކުފާނު ނެންގެވި ކަމަށް ސިޔާސީ ފަރާތްތަކުން ބުނަމުން ގެންދާއިރު އެވާހަކަ އެއްވެސް އަދި އަމުދުން އަޅުގަނޑުމެން ދައްކާކަށް ނޫޅެމެވެ. އަޅުގަނޑުމެންނަކީ ނިކަމެތި ރައްޔިތުންނެވެ. މަނިކުފާނު ވިދާޅުވާ "ރާއްޖެތެރޭ" މީހުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ވައިކަރަދޫ ދާއިރާގެ މެމްބަރ މުހައްމަދު ނާޒިމްގެ އަނގަމަތީގައި ތިބޭފުޅާގެ "މައުސޫމް" އަތްޕުޅުން ޖައްސަވައި މާރާމާރީ ހިންގެވި ނަމަވެސް ވައިކަރަދޫ ދާއިރާގެ ރައްޔިތުން ވެސް މަނިކުފާނު އެރަށަށް އަރައިގެން ނުވާނެ އެކޭ ނުބުނެއެވެ. އެރަށުގެ މީހުން މަނިކުފާނަށް އިންޒާރެއް ވެސް ނުދެއެވެ.
riyaz
މިއަދު ތިބޭފުޅާ ހަނދުމަފުޅު ނެތުނު ކަމުގައި ވިޔަސް ރައްޔިތުންގެ މަޖިލީހަށް ހޮވިވަޑައިގެން ތިޔަ ހުންނެވީ "ރާއްޖެތެރޭ" މީހުން ދެއްވި ވޯޓުންނެވެ. އެހެންނަމަވެސް ތ.ވިލުފުށީ ދާއިރާގެ ރައްޔިތުންނަށް ވެސް މިއަދު ތިބޭފުޅާ ތިކުރެއްވީ މަލާމާތެކެވެ. ފިނިފެން މަލުގެ ގުލްދަސްތާގައި ވެރިކަމުގެ ފޮނި މީރުކަން ބޯނެ ފުރުސަތު ލިބުމުން ތިބޭފުޅާއަށް މިއަދު ވިލިފުށީ ދާއިރާގެ ރައްޔިތުންގެ އެއްވެސް އަގެއް ނެތް ކަހަލައެވެ.

އިރުއިރުކޮޅާ ކޮމަންވެލްތް ފަދަ ބޮޑެތި ޖަމިއްޔާތަކާޢި ދެކޮޅަށް ފިޔަވަޅު އަޅާފާނަމޭ ވިދާޅުވެ ތިޔަބޭފުޅާ ތިކުރައްވާ ޓްވީޓްތަކަށް އަޅުގަނޑުމެން މަލާމާތެއް ނުކުރަމެވެ. މަނިކުފާނު ދިވެހި ޤައުމުގެ ކަންތަކާއި މެދު ނުވިސްނާ ރައްޔިތުންގެ މަޖިލީހުގައި "ބައްކައްކާ" ކުޅުއްވި ނަމަވެސް އަޅުގަނޑުމެން އެވާހަކައެއް ނުދައްކަމެވެ.

59481_1312544582_news
މަނިކުފާނު ފުޓްބޯޅަ ރެފްރީ ކަން ކުރެއްވި ދުވަސްވަރު މަނިކުފާނު ބޭނުންފުޅުވާ ގޮތަކަށް ކާޑު ދެއްކެވި މެޗުތައް އަޅުގަނޑުމެން ވެސް ބެލީމެވެ. ބައެއް ފަހަރަށް ބޭއިންސާފުން ކާޑު ދައްކުމުގެ ސަބަބުން އަޅުގަނޑުމެން ސަޕޯޓްކުރާ ޓީމް ބަލިވެގެން ދިޔަ ނަމަވެސް އެކަމާ ބޮޑާހާކައި މަނިކުފާނަށް އަޅުގަނޑުމެން އުނދަގުލެއް ނުކުރަމެވެ.

ދަންނަވަންތޯއެވެ. މަނިކުފާނުގެ ކަންތައް މިހާރު ތިދަނީ މާ މައްޗަށެވެ. އީޔޫއަަށް ފިޔަވަޅު އަޅަން މަނިކުފާނަކީ ކިހާ ފެންވަރެއްގެ ބޭފުޅެއްތޯއެވެ؟

މޭއި މަހުގެ 1 ވަނަ ދުވަހުގެ މުޒާހަރާއަށްފަހު މަނިކުފާނު ވިދާޅުވި ވާހަކަވެސް އަޅުގަނޑުމެން އަޑުއެހީމެވެ. މަނިކުފާނު ވަނީ ރާއްޖޭގައި އުފެދިފައިވާ ސަރުކާރު ވައްޓާލިކަމަށް އަމިއްލައަށް އިއްތިރާފްވެފައެވެ. އެ ނޫސް ކޮންފަރެންސްގައި މަނިކުފާނުގެ އަރިހުގައި ތިއްބެވި ޕީޕީއެމްގެ ބޭފުޅުންނަށް އިޝާރާތްކޮށް އެފަރާތްތަކަކީ މަގުމަތިން ވެރިކަން ވައްޓާލާ "ސްޕެޝަލިސްޓުން" ކަމަށް ވިދާޅުވީ ހަމަ ތިމަނިކުފާނު އަމިއްލަފުޅަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި އިތުރުފުޅުހެއްދެވުމަށް ފަހު އެއީ ކުރީ ދުވަހެއްގައި މަޖިލީހުގެ ރައީސް ވެސް ތިމަންނާއަށް "ލަނޑެއް ދެއްވާފައި" އޮތުމުން، މަޖިލީހުގެ ރައީސަށް "އޮޅުވާލައިގެން ކަމެއް ކޮށްލެއްވޭތޯ" ބެއްލެވީ ކަމަށް ވެސް ވިދާޅުވީ ތިމަނިކުފާނު ނޫންތޯއެވެ.

މީގެ އިތުރުން މަޖިލިސްކުރާ ގޭތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް ސީނާ ޒާހިރު، ތިމަން މަނިކުފާނާ މާރާމާރީ ހިންގި ކަމަށް ވިދާޅުވެ މީޑިޔާތަކަށް އިންޓަވިއު ދެއްވުމުން އެވާހަކަ ނޫސްވެރިން ގެނެސްދިނުމުން އެއީ އެބޭފުޅާ ދެއްވި އިންޓަވިއުއެއް ނޫންކަމަށް ވިދާޅުވިއެވެ. ގޯސްވީ އެޚަބަރު ގެނެސްދިން ނޫސްވެރިންނެވެ.

އިތުރުފުޅު ހެއްދެވުމުގެ ރިކޯޑެއް އޮންނަކަމަށް ގިނަބަޔަކު ތުހުމަތުކުރާ ރިޔާޒް ރަޝީދުގެ އިތުރުފުޅެއް އަނެއްކާވެސް ރައްޔިތުންނަށް ހާމަވެގެން ދިޔައީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް ސީނާ އަހުމަދު ޒާހިރު، ރިޔާޒު ރަޝީދުގެ މައްޗަށް ކުރައްވި އަބުރުގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުންތަކުންނެވެ.

އެ މައްސަލައިގައި ރިޔާޒްގެ ދިފާއުގައި އޭނާ ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލިސްކުރާ ގޭތެރޭގައި ސީނާ ޒާހިރު، އޭނާގެ ބުރަކަށީގައި ޖަހައި އޭނާގެ ކަރުގައި ހިފިކަމަށެވެ. ނަމަވެސް އެކަން ސާބިތުކުރުމަށް ރިޔާޒް ހުށަހެޅުއްވި މަޖިލީހުގެ ހަތަރު މެންބަރުންނަށް ވެސް އެފަދަ މަންޒަރެއް ފެނިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެ ޝަރީއަތުގައި ހުވާކުރައްވައި ހެކިބަސް ދެއްވުމުން ރިޔާޒު ހެއްދެވި އިތުރުފުޅެއް ރައްޔިތުންނަށް ހާމަވެގެން ދިޔައީއެވެ.

މިއަދު މަނިކުފާނަށް ކިޔޭ ނުކިޔޭ އެއްޗެއް ނޭގޭ ހިސާބަށް ކަންތައް މިވަނީ ގޮސްފައެވެ. ދުނިޔަވީ އަރާމަށް މަނިކުފާނު ތިވަނީ ގެނބިގެން ގޮސްފައެވެ.

"ރާއްޖެތެރޭ މީހުން" މާލެ ނޭރޭނެ ކަމަށް ވިދާޅުވިއިރު މާލޭގައި ތިބީ ކޮން ގައުމަކުން ކޮންތާކުން އައިސް ތިބި ބައެއް ހެއްޔެވެ؟ މާލޭގައި ދިރިއުޅެނީ އަތޮޅުތަކުގެ ރައްޔިތުންނެވެ. އެބޭފުޅުން މާލޭގެ ބޮޑު ކުލީގައި ތިބީ ކީއްވެގެން ކަން މަނިކުފާނަށް ހަމަ ނޭނގޭނީ ތޯއެވެ ؟

ނަމަވެސް މަނިކުފާނަށް އެއްޗެއް ވިސްނޭތޯ ބުނެފާނަމެވެ. ރާއްޖޭގެ ރައްޔިތުން މާލެ ގޮސްގެން ނަމަވެސް ރިޔާޒް ރަޝީދު ފަދަ ބޭފުޅުންގެ އަނިޔާތަކުން މިންޖުވާން ކުރަންޖެހޭ ހުރިހާ މަސައްކަތެއް އަޅުގަނޑުމެން ކުރާނަމެވެ.

ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި ބޭއްވޭ ދިއްގަރު ދާއިރާގެ އިންތިޚާބާއި 2019 ވަނަ އަހަރުގެ މަޖްލިސް އިންތިހާބްގައި "ރާއްޖެތެރޭ" މީހުންނަކީ ކޮންބައެއް ކަމާއި "ރާއްޖެތެރެ" އަކީ ކޮންތަނެއް ކަން އަޅުގަނޑުމެން ރިޔާޒް ރަޝީދަށް ވަރަށް ރަނގަޅަށް ދައްކާނަމަވެ.