Last Updated: April 23, 18:00
Tuesday, April 23, 2024
ޚަބަރު

ތޫނު އެއްޗެއް ގެންގުޅުނު ހިތަދޫ މީހަކު 6 މަހަށް ޖަލަށް !

ސ. ހިތަދޫ މަބްރޫކުގެ، ޒަމީން މުހައްމަދު،

މަގުބޫލު ސަބަބެއް ނެތި އާއްމު ތަނެއްގައި ތޫނު އެއްޗެއް ގެންގުޅުނު ހިތަދޫ މީހަކު 6 މަސް ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

ޖިންސުގެ ޖީބުން އަށް އިންޗި ދިގުމިނުގެ ކަޓަރެއް ފެނުނު ސ. ހިތަދޫ މަބްރޫކުގެ، ޒަމީން މުހައްމަދު، ގެ މައްޗަށް ހުކުމް އިއްވާފައި ވަނީ މިދިޔަ އާދިއްތަ ދުވަހު އެވެ.

ދައުލަތުން ޒަމީންގެ މައްޗަށް މަގުބޫލު ސަބަބެއް ނެތި އާއްމު ތަނެއްގައި ތޫނު އެއްޗެއް ގެންގުޅުމުގެ ކުށުގެ ދައުވާ އުފުލީ އޮކްޓޯބަރު 1، 2013 ގައި އޭނާގެ ޖިންސުގެ ކަނާތް ފަރާތު ޖީބުން ދިގުމިނުގައި އަށް އިންޗި ހުރި ކަޓަރެއް ފެނުނު މައްސަލައަކާ ގުޅިގެންނެވެ. އެ ކަޓަރު ފެނުނީ، ފުލުހުންނަށް ލިބުނު މައުލޫމަތާ ގުޅިގެން ފުލުހުން ގޮސް ޒަމީން ހޯދައި ބަލައި ފާސްކުރުމުގެ ތެރޭގަ އެވެ.

ކޯޓުގެ ހުކުމުގައި ބުނެފައިވާ ގޮތުން ޒަމީން ވަނީ ކަޓަރެއް ގެންގުޅުނު ކަމަށް ޝަރީއަތުގައި އެއްބަސްވެފައިވާ ކަމަށާއި އެއީ ސައިކަލުގެ ބެޓެރީގެ މަސައްކަތެއް ކުރުމަށް ގެންގުޅުނު ކަޓަރެއް ކަމަށް ޒަމީން ބުނި ނަމަވެސް އެކަން ޝަރީއަތަށް ސާބިތުކޮށްދެވިފައި ނުވާ ކަމަށެވެ.