Last Updated: March 29, 14:00
Friday, March 29, 2024
ތާރީޚް

އަތިރަގޭ އަލިމަނިކުފާނުގެ ޖަގަޑާ 1

ވާހަކައިގެ ފެށުން

މިއީ މީދޫގެ ތާރީޚުގައި ފަހަކަށް އައިސް ހިގާފައިވާ އެންމެ ބޮޑު އެއްގަޑުބަޑުގެ ވާހަކައެވެ. މާކުރީގެ ވާހަކައަކަށް ނުވިޔަސް މިއީ ލިޔެ ރައްކާކުރަން ޖެހޭ ވަރުގެ ވާހަކައެކެވެ. މީދޫގެ ތާރީޚާއި ގުޅުން ހުރި މުހިއްމު ވާހަކައަކަށްވާތީ އެވެ. މިއީ ވަފާތެރިކަމާއި ހަރާންކޯރުވުމާއި މިހެން ގޮސް ހުރިހާ އަސަރުތައް އެކުލެވޭ ވާހަކައެކެވެ. ފަހުތިބީންނަށް އިބުރަތަކަށް ވާވަރުގެ ހަގީގީ ވާހަކައެކެވެ. ވާހަކައިގެ މައިގަނޑު ގުޅިފައިވަނީ އަތިރަގޭ އަލިމަނިކުފާނާއެވެ. ވާހަކައިގެ އަސްލަކީ މީދޫގެ ރައްޔިތުންނަށް އަލިމަނިކުފާނު ދިން ކޮޅުކެއްސެވެ.

ވާހަކައިގެ ނިމުމަކީ އަލިމަނިކުފާނު މީދޫގައި ބިނާކޮށްފައި ހުރި ގަނޑުވަރެއްކަހަލަ ގެ ރައްޔިތުން ނިކުމެ ތަޅައިލުމެވެ. ތާރީޚަކީ ގިނަފަހަރަށް ހިތި ބޭހެކެވެ. ބައެއް މީހުންނަށް ބައެއްކަހަލަ ސަބަބުތަކާއި ހެދި ތާރީޚު ހަޖަމުކުރަން ދަތިވާނެއެވެ. ވާހަކަ މިލިޔަނީ މިކަން އެނގިހުރެއެވެ.

އަތިރަގޭ އަލިމަނިކުފާނަކީ ހުޅުދޫ މީހެކެވެ. ދިރިއުޅުނީ މީދޫގައެވެ. އެއީ މީދޫ އައިސާދަރު އައިމިނާ މަނިކެ އާއި ފިޅިހެރަ މޫސާ ތައްކާނުގެ މުހައްމަދު ތައްކާނު ކައިވެނިކޮށްގެން ލިބުނު ހުސެން އަބޫ، ހުޅުދޫ އަތިރަގޭ ހައްވާ މަނިކެ އާއި ކައިވެނިކޮށްގެން ލިބުނު އަލިމަނިކުފާނެވެ.

މި އަލިމަނިކުފާނު ކައިވެނިކުރީ މީދޫ ދެށިނާގެ އިބްރާހިމް ދީދީދީގެ ފާތިމަތު ދީދީއާއެވެ. އަލިމަނިކުފާނަކީ އުފެއްދުންތެރި ތަނަވަސް ވިޔަފާރިވެރިއެކެވެ. އޮޑި ދޯނިފަހަރު ހުއްޓެވެ. މޮޅު މާލިމީއެކެވެ. މީދޫގެ ވެރިންނަށް އޭރު ތިބީ މީނާގެ ބަފައިބެ އާއި އެ ބަފައިބެގެ ބޭބެ ފެންނާ މަނިކުފާނާއި ކޮއްކޮ ނާފިޒެވެ.

މައްސަލަ ޖެހުނު ދަތުރު

އަލިމަނިކުފާނުގެ މައިގަނޑު މަސައްކަތަކީ ވިޔަފާރިކަމު ބޭރަށް ދަތުރުކުރުމެވެ. މިގޮތުން އެއްފަހަރަކު އޮޅުދޫ ކަރައަށް ފުރަން ތައްޔާރުވެއްޖެއެވެ. އެއީ 1958 ވަނަ އަހަރެވެ. އޮޑިއަށް ބޯފެނާއި ކާތަކެތި ލައިފިއެވެ. ދަތުރަށް ބޭނުންވާ ދަރާއި އެހެނިހެންވެސް ސާމާނު ލައިފިއެވެ. ފަޅުވެރިންނާއި ދަތުރުވެރިން ވެސް އެމީހުންގެ ފޮށި ތަންމަތި އޮޑިއަށް އަރުވައިފިއެވެ. ވިޔާފާރި މުދާ ވެސް ލައިފިއެވެ. އެއީ ހިކިކަނޑުމަހާއި ރިހާކުރެވެ. ބޮއްޔާއި ރޯނެވެ. ކާއްޓާއި އައްޑޫ ބޮނޑިއެވެ. ހުއްކަރާއި އާރޮހެވެ. ކުފުރާ އާއި އަސާރަ އެވެ. މާލިމީއަކީ އޮޑިވެރިޔާ އަލިމަނިކުފާނެވެ.

މިދަތުރުގައި ފުރީ މީދޫގެ ސާޅީސް މީހުންނެވެ. އެއީ އެދުވަސްވަރު ރަށުގައި ތިބި އެންމެ ހީވާގި ހަރަކާތްތެރި ޒުވާނުންނެވެ.

އެދުވަސްވަރު ކޮޅުނބަށް ދަތުރުކުރާނަމަ ފުރަތަމަ ދާން ޖެހެނީ މާލެއަށެވެ. އައްޑޫން ފުރައިގެން ކޮޅުނބަށް ދަނީ ސުރައްޔާނަށް ދަތުރު ކޮށްގެންނެވެ. ނަމަވެސް މި ދަތުރު ތަފާތެވެ. އައްޑޫން ފުރައިގެން ފުރަތަމަ ދިޔައީ ހުވަދު އަތޮޅަށެވެ. އޮޅުދޫ ކަރަޔަށް ފުރީ ހުވަދު އަތޮޅުންނެވެ. ހުވަދޫގައި ތިބެފައި ފުރީ ކެރައްދޫ ކަނޑުން ނިކުމެގެންނެވެ. ކެރައްދޫ ކަނޑަކީ ނިލަންދޫ އާއި ކެރައްދޫ އާއި ދޭތެރޭގައިވާ ކަނޑެކެވެ. އެއީ ނިލަންދޫގެ އުތުރުގައިވާ ކަނޑެވެ. މިކަނޑުން ނިކުމެގެން އޮޅުދޫ ކަރަޔަށް މިސްރާބު ޖަހައިފިއެވެ.

ދުވަސްވަރަކީ ރިޔަލުގެ ދުވަސްވަރެވެ. ގިނަ މީހުން އޮޅުދޫ ކަރަޔަށް ދަތުރު ކުރަނީ އައްޑޫން އައިސް މާލެ އަތޮޅާއި ހަމަަކޮށްފައި ސުރައްޔާނަށް ދީލާލައިގެންނެވެ. އޭރުން އުތުރަށް ދާންވާ މިންވަރަށް ހުންނާނީ އާދެވިފައެވެ. އޮޅުދޫ ކަރަޔަށް ދާނަމަ އުތުރު ކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމަކެވެ. މި ފަދައިން ދަތުރު ކުރުމުން މޫސުން ރަނގަޅުނަމަ ޖެހިގެން އަންނަ ދުވަހު ނޫނީ ދެވަނަ ދުވަހު ތިބޭނީ އޮޅުދޫ ކަރައިގައެވެ. ސަމުގާގެ މިސްރާބުން ނަމަ ދުއްވާނީ އައްޔޫޤު އީރާނަށެވެ. ނުވަތަ ސާޅީ އަށެވެ. މި ގޮތަށް ދަތުރު ކުރެވޭނީ އަރުލާއި ތޫލާއި އެއްވަރުވާގޮތަށެވެ. މި މިސްރާބަށް ދާނީ މާލެ ނުވަދެ އޮޅުދޫ ކަރަޔަށް ދަތުރުކުރާނަމަ އެވެ.

އޮޑިން ދަތުރު ކުރި މީހުން

އަލިބެއްޔާގެ އޮޑިން އޮޅުދޫ ކަރަޔަށް ދިޔައީ ސާޅީސް މީހުންނެވެ. އޭގެ ތެރެއިން ޔަގީންކަމާއެކު ބުނަން އެނގޭ މީހުންގެ ނަންތައް ތިރީގައި ބަޔާން ކުރާނަމެވެ.

އަތިރަގޭ އަލިމަނިކުފާނު، އަލިބެއްޔާގެ މުހައްމަދު ދީދީ، އައްޓިއަރި އަހައްމަދު ދީދީ، އައްޓިއަރި މުހައްމަދު ދީދީ، އަލިބެޔާގެ ހުސޭނު، އެޅަތޮށިގޭ މުހައްމަދު ތައްކާނު (ވަށޮދިޔަގެ ބެއްޔާ)، އެޅަތޮށިގޭ ހަސަން ތައްކާނު، ބޭބެއަލިޔަގެ ހުސޭނު، ދޮން އަލިބެޔާގެ ހުސޭނު (މީނާއަކީ ހައްވާއްކަލޯގެ މުހައްމަދާގެ މަންމަ ފަރާތު ބޮޑުބޭބެ އެވެ. މީނާ އަކީ ވަރަށް މޮޅު ރައިވެރިއެވެ. މި މީހުންނަކީ ފުދޭވަރަކަށް އަތްމަތި ތަނަވަސް ބައެކެވެ. ބާނިޔާ ވެސް ބޮޑު ބައެކެވެ)، ކުންނިއަރި އިބްރާހިމް ދީދީ، ކަދީދަގެ ކަޅާ (ކަޅޮބެއްޔާ)، މުހައްމަދު ނަޖީބު (މުދިންބޭބެ)، މާދަރިގޭ އަބްދުﷲ ދީދީ (މާދަރިގޭ ބޭބެ)، މިސްކިތްދޮރެގޭ އަހުމަދު ދީދީ، ސަންފާގެ މަނިކާ، ކަލޯގެ އަހުމަދު، ދޮންފުތާގެ ތުއްތޫ، އެޅަފުތާބެއްޔާގެ ރަޝީދު، ބަނޑިހިގޭ އަބްދުލް ގަނީ މިއެވެ.

އޮޅުދޫ ކަރަޔަށް ދެވުން

ހުވަދޫގައި ތިބެފައި ފުރިފަހުން ހިކިފަސްތަނެއް ނުފެނި ބަރާބަރު ހަފުތާއެއް ފާއިތުވުމަށް ފަހު ކޮންމެވެސް ތަނެއް ފެނާން ފަށައިފިއެވެ. ފަޅުވެރިއަކު ކުނބަށް އަރާފައި ބުންޏެވެ. ދުރުން އެ ފެންނަ ތަނެއް އަދި އެގޭވަރެއް ނުވެއެވެ. އޮޑީގެ އެހެން ފަޅުވެރިން ބުނެފިއެވެ. ތިޔަތަނެއް ބަލާފައި ނޫނީ ދުލެއް ނުކުރާނަމެވެ. މިހެން ކިޔާފައި އެދިމާލަށް އޮޑި އަނބުރާލައިފިއެވެ. ވަކި ވަރަކަށް ކާރިވުމުން އެއީ ކޮންތަނެއްކަން އެގިއްޖެއެވެ.

އެމީހުން ކިޔާ ގޮތުންނަމަ އެއީ ވެލިގަމެވެ. އެއީ އޮޅުދޫކަރައިގެ ވެލަގަމް ވިހެރާ އެވެ. އެތަނާ ކައިރިކުރެވުނުއިރު އިރު އޮއްސެނީ އެވެ.

ކޮންތަނެއްކަން ޔަގީންވުމާއެކު އަލިމަނިކުފާނު ބުނެފިއެވެ. ގާލީ އާއި ދިމާލަށް އޮޑި އަނބުރާލާށެވެ. ފަޅުވެރީން މިކަމާއި ދެކޮޅުހަދައިފިއެވެ. އަލި މަނިކުފާނު ބުންޏެވެ. އެހެންވިއްޔާ ކަލޭމެން ހަދާއެއްޗެއް ހަދާށެވެ. މިތަނަކީ އަހަރެން ދުވަހަކުވެސް އައިތަނެއްނޫނެވެ. މިތަނަށް ވަންނާކަށްވެސް އަދި ނިކުންނާކަށްވެސް ތިމަންނަޔަށް އެނގިގެން ނުވެއެވެ.
އޮޑި ކައިރިކުރެވުނު އިރު އޮރުވާގަނޑެއްގައި މަހަށް ނިކުމެގެން އުޅުނު މީހަކާ ދިމާވެއްޖެއެވެ.

މިވަރުގެ އޮޑިއަކާއިގެން މިތަނަށް ވަދެނިކުމެވޭނެތޯ ސުވާލު ކުރީމާ މަސްވެރި ކަލޭގެ ބުންޏެވެ. އާއެކެވެ. ދެން ވަދެ ނިކުމެވޭނެ މަގު ދައްކައި ދިނުމަށް އެދުމުން ދިވެހި ހިކިމަސްކޮޅެއް ދިނުމަށް ޝަރުތުކޮށްފައި މީނާ މަގުދައްކައި ފިއެވެ.
އޮޑި ވަނީ ދެ ފަރުބަދައެއްގެ ދޭތެރެއިންނެވެ. މި ތަނުން ދުއްވާފައިގޮސް ވަނީ ކޯރެއްގެ ތެރެއަށެވެ. އެތާގެ އައްސޭރިފަށަށް ބިޔަ ރާޅުތައް މުގުރައެވެ. އެތަނަށް ވަދެ އެރޭ ނިދައިފިއެވެ. ހެދުނު ހޭލައިގެން އެއްގަމަށް ފައިބައި ފެންވަރައި ތާޒާވެލައިގެން މުދާތައް ނެރެ ވިޔަފާރި ކުރަންވެސް ފަށައިފިއެވެ.

މިގޮތުގައި ތިންދުވަސް ވެއްޖެއެވެ. ތިންވަނަ އަށްވީރޭ އޮރުވާގަނޑެއްގައި މީހަކު އައިސް އޮޑިއާއި ކާރިކޮށްފައި ގޮވަން ފަށައިފިއެވެ. ދޮން ބޮޑު މީހަކު އޮޑީގެ ލޮއްކާ ކޮބައިހެއްޔޭ އަހައިފިއެވެ. ލޮއްކާ ނުވަތަ ލޮކުމިނިހާ އަކީ އޮޑީގެ ބޮޑުމީހާއެވެ. އޮޑިން ޖަވާބު ދިނެވެ. ލޮއްކާ އެބައޮތެވެ. މިހެން ކިޔާފައި އަލިމަނިކުފާނަށް އެންގުމުން މީނާ ބޭރަށް ނިކުމެއްޖެއެވެ. އެހިނދު އެމީހާ އަލިމަނިކުފާނަށް ފޯރުކޮށްދިނީ ރާ ފުޅިއެކެވެ. އަވަސްއަވަހަށް އަލި މަނިކުފާނު ބުންޏެވެ. ކަލޭ ތިޔަފުޅި ބޮއިލާށެވެ. ތިޔައީ އަހަރެން ބޮއި އުޅޭ ޒާތުގެ އެއްޗެއް ނޫނެވެ.

މަސްވިއްކުމާއި ޖާފަތަށް ދިއުން

އަލިމަނިކުފާނު އޭނާއާއި ސުވާލުކުރިއެވެ. ކަލޭ މިދަންވަރު މިތަނަށް އައީ ކީއްކުރަންހެއްޔެވެ. އޭނާ ބުންޏެވެ. ތިމަންނަ މިތަނަށް އައީ މަސްގަންނަން ވެގެންނެވެ. ބޭނުންވަނީ ސަރުކާރަށް ސިއްރުން މަސްގަންނާށެވެ. އޮޑީގެ މީހުން ބުނެފިއެވެ. ކަލެއަށް މަހެއް ނުވިއްކާނަމެވެ. ކަލޭ ރާބޮއިގެން ރަލުން ފެންވަރައިގެންދާށެވެ. މިއަޑު އަހާފައި އަލިމަނިކުފާނު ބުންޏެވެ. ކުދީންނޭ ތިޔަހެން ނުހަދައި މި ސޮރަށް މަސްކޮޅެއް ވިއްކައިލާށެވެ. މިހެން ބުނެގެން އޭނާއަށްް މަސްކޮޅެއް ވިއްކައިފިއެވެ.
ޖެހިގެން އައިރޭ އަނެއްކާވެސް ހަމަ އެމީހާ އޮޑި ދޮށަށް އައިސް މަސްވިއްކުމަށް އެދިގެންފިއެވެ.

އެރޭ އޮޑީގެ މީހުން 25 ހަންދަރު މަސް ވިއްކައިފިއެވެ. މީނާ ވީއުފަލުން އޮޑީގެ އެންމެނަށް ކެއުމަކަށް ދައުވަތު ދީފިއެވެ. އޭނާގެ ގެއަށް ދާނެ މަގު ވެސް ބުނެދީފިއެވެ. ފަހުދުވަހު މެންދުރު އޮޑީގެ މީހުން ފެންވަރައި ނަލަހެދިގެން ގަޔަށް އަތަރު އޮއްސައިގެން މި ޖާފަތަކަށް ހިގައްޖެއެވެ. އެކި މީހުން ދިޔައީ އެކި މަގުން ކުދި ގްރޫޕުތަކަށް ބަހާލައިގެންނެވެ. މިހެން ހެދީ ރަށުގެ މީހުންނަށް ނުބައި ގޮތަކަށް ވިސްނަން ފުރުސަތު ނުދިނުމަށެވެ. އެގެއަށް ދިޔައިރު ސުފުރާ ހުރީ ތައްޔާރުވެ ފަތުރާފައެވެ. އޭގައި ނެތް އެއްޗެއް ނެތެވެ. އެހާވެސް ތަކެތި ގިނައެވެ.

އޮޑީގެ މީހުންގެ ތެރެއިން ޖާފަތަށް ނުދެވުނީ ތިން މީހަކަށެވެ. އެއީ މާދަރިގޭ ބޭބެ އާއި ކަލޯގެ އަހުމަދާއި ސަންފާގެ މަނިކާ އެވެ. މި ތިން މީހުންނަށް ނުދެވުނީ ބަނދަރާއި ކާރީގައިވާ ފެންހޮޅިއަކުން ފެންވަރަން ތިއްބާ އެތަނަށް ފުލުހުން ގޮސް ހައްޔަރުކުރުމުންނެވެ. އެ ތިން މީހުން މިނިވަންވީ އަނެއް ދުވަހުއެވެ.

ޖާފަތް ނިމިގެން އޮޑިޔަށް ދާންވެގެން ހިގައިގަތްތަނާ ކޮންމެވެސް ބަޔަކު ޔާލު މިނިހާއޭ ކިޔައިގެން އެއިގެ ތެރެއިން ތިންމީހަކު މަޑުކުރުވައިފިއެވެ. އެހެންމީހުން މިއަޑު އިވޭކަމަކަށް ނުހެދިއެވެ. އެކި މީސް މީހުން އެކި ދިމަދިމާލަށް ގޮސް ފިލާ ރައްކާވެއްޖެއެވެ. މިއިން އެކަކަށްވެސް އަނެކަކު ދިޔަ ތަނެއް ނޭގެއެވެ. މިބައިމީހުންނަށް އޮޑި ދޮށަށް ދެވުނީ އެދުވަހުގެ އިރު އޮއްސުނު ފަހުންނެވެ.

އަލިބެއްޔާގެ މުހައްމަދު ދީދީ އާއި އައްޓިއަރި މުހައްމަދު ދީދީ އާއި ދެމީހުން ދިމާވެގެން އެކުގައި އޮޑި އަށް ދާން އަތިރިމައްޗަށް ދިޔައިރު ދަންނަ މީހަކާއި ދިމާވިއެވެ. އެމީހާ ކާރީގައި ބުނެގެން އޮރުވާގަނޑެއް ހޯދައިގެން އޮޑި އަށް ގެންގޮސްދޭށޭ ބުނެފިއެވެ. ރޭގަނޑަށް ވުމުން އޭނާ ހުރީ ބިރުންްނެވެ. ރާޅު ތަކުގެ ބޮޑުކަމުން އޮޑި ދޮށަށް ދެވޭވަރެއް ނުވިއެވެ. އޮޑިދޮށަށް ނުދެވިގެން އަބުރާލާފައި އައީއެވެ. ދެން މިސްކިތަކަށް ގޮސް އެތާގައި ތިއްބައި ނިދާގަޑިޖެހުމުން އިމާމު މީހާ އައިސް ކަދުރު ފަންގަނޑެއްދީފައި ބުނެފިއެވެ. ކަލޯމެން ނިދާލާށެވެ. އެރޭ އެތާގައި ތިބެފައި ހެނދުނު ބޮއްކުރާ ލަފާ ތަނަށް ދިޔައީއެވެ.

ހައްޔަރު ވުން

ބޮއްކުރާ ލަފާތަނަށް ދިޔައިރު ބޮއްކުރާ ކާރިކުރަނީއެވެ. ބޮއްކުރާ ކާރިކުރީ ބޯފެންބަލައެވެ. އެމީހުން ބަނދަރަށް ހަމަ ފޭބުމާއެކު ފުލުހުން ގޮސް އެ ހަތަރު މީހުންވެސް ހައްޔަރު ކޮށްފިއެވެ. އަދި އޮޑިއަށް ގޮސް އޮޑީގައިތިބި މީހުންވެސް ހައްޔަރު ކޮށްފިއެވެ. މިމަންޒަރުބަލަން ދުރުގައި މީގެ ދެ މީހުން ތިއްބާ ކުއްްލިއަކަށް ފުލުހުން އައިސް އެ ދެމީހުން ވެސް ހައްޔަރު ކޮށްފިއެވެ. ފުލުސް މަރުކަޒަށް ގެންދިޔަގޮތަށް ކެއުމެއް ބުއިމެއް ނުލިބެއެވެ.

ފުލުހުން ކުރާކަމަކީ ބަސްދަންނަ މީހުންނާއި އެކިއެކި ސުވާލުކޮށް ޚަބަރު އެހުމެވެ. އެމީހުންނާއި ކުރާ ސުވާލުތަކަކީ ކަލޭމެންނަކީ ކޮންބައެއްތޯ އާއި ކޮންތަނަކުން އައި ބައެއްތޯއެވެ. އަދި މިތަނަށް އައުމުގެ ބޭނުމަކީ ކޮބައިތޯއެވެ. ޖަވާބު ދިނީމަވެސް ކުރަނީ ހަމަ އެސުވާލެވެ. މިގޮތަށް އެއްދުވަހު ތިބެއްޖެއެވެ. ޖެހިގެން އައިދުވަހު ފަޅުވެރިން ރުޅި ގަދަވެއްޖެއެވެ. ވަށޮދިޔަގެ ބެއްޔާ އާއި އެގޭ ހަސަންބެއްޔާ ރުޅިގަދަވެގެން ބުނެފިއެވެ.

ކަލޭމެން ދައްކަނީ ތަކުންތާކު ޖެހޭ ވާހަކައެއްނޫނެވެ. މިތަނަށް ގެނައުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ. ކާންނުދެނީހެއް އަގައިންވެސް ނުބުނާނަމެވެ. ފުލުހުން ބުންޏެވެ. ތިމަންމެންނަކީ ވެސް ފަގީރު ބަޔަކީމެވެ. މިތާގައި މިތިބެނީ ކުޑަކުޑަ އެތިކޮޅެއް ލިބިގެންނެވެ. ފަޅުވެރިން ބުނެފިއެވެ. ކަލޭމެންނީ ފާގީރުންކަމުގައިވިޔަސް އަދި މުއްސަދީންކަމުގައިވިޔަސް ފަރުވާލެއް ނެތެވެ.

ފަޅުވެރިންގެ އަޑުގަދަވުމުން ޕާން ގެނެސްދީފިއެވެ. ކޮންމެ މީހަކުވެސް ޕާންފޮއްޗެއް ކައިފިއެވެ. އެވަރުންވެސް ލިބުނީ ހުސް ޕާންކޮޅެކެވެ. ސައިފޮދެއްވެސް ނުލިބުނެވެ. އެއްވެސް މީހެއްގެ އަތުގައި އޭރު ފައިސާއެއް ނެތެވެ. ވީމާ ކާއެއްޗެއް ގަނެވޭނެ ގޮތެއްވެސް ނެތެވެ. މިގޮތުގައި އެތާގައި 7 ދުވަސް ވާދެން ތިބެންޖެހުނެވެ.

ހަތްވަނަ އަށްވީރޭ ދަންވަރު ނިދަންތިބެފައި މާދަރިގޭ ބޭބެ ހަޅޭލަވައިގެންފިއެވެ. ބުންޏެވެ. މިތާގައި ކޮންމެވެސް އެއްޗެހިތަކެއް އެބައުޅެއެވެ. ހަންޑި އެބައުޅެއެވެ. ފުރޭތައެބައުޅެއެވެ. އެހެން ކިޔާފައި ތެޅި ފޮޅެނީއެވެ. ރޮއިހޭރެނީއެވެ. އެންމެން ހޭލައިގެން ތެދުވެެއްޖެއެވެ. އެތަނަކީ އަދިރިކަމުން އެކައްޗެއްވެސް ފެންނަ ތަނެއްނޫނެވެ. މިހާލެއްގައި ހުރިހާ މީހުންވެސް ހެނދުނުވާންދެން ހޭލާތިބެއްޖެއެވެ. ހެނދުންވުމުން ފުލުހުން ޕާންކޮޅެއް ދިނީމާ އެ ކައިގެން ދެންވެސް ތިބީއެވެ.

މިހުރިހާ ކަމެއްވާއިރު މި ގްރޫޕުގައި އަލިމަނިކުފާނެއް ނެތެވެ. މި ހައްޔަރެއްވުމުގެ ކުރިން އޮޑީގައި އަލިމަނިކުފާނާއި މިބައިމީހުންނާ ދެމެދު ވަރުގަދަ ޒުވާބެއް އޮތީ ހިގައިފައެވެ. މިޒުވާބެއްގެ ސަބަބަކީ އެހާތަނަށް ވިޔަފާރިވެސް ކުރެވިފައި ވުމާއެކު ފުރައިގެން އަވަހަށް ރަށަށް ދިޔުމަށް ފަޅުވެރިން ބާރު އެޅުމާއި މިކަމަށް އަލިމަނިކުފާނު ނޫނެކޭ ބުނުމެވެ. އަލިމަނިކުފާނު ބޭނުންވަނީ މާލެއަށް ވެސް ދިއުމަށެވެ. ކޮންމެއަކަސް މި ޒުވާބެއް ހިގާފައި އޮތުމާއި މިހުރިހާ އަޒާބެއް ލިބޭއިރު މިކަން ބަރުދާސްތުކުރަން އަލިމަނިކުފާނު ނެތުމުގެ ސަބަބުން ފަޅުވެރިން ތިބީ އަލިމަނިކުފާނު ދެކެ އިންތިހާއަށް ރުޅިއައިސްފަ އެވެ.

މިމީހުން ހައްޔަރުވުމުގެ ސިއްރަކީ އަލިމަނިކުފާނު ފުލުހަށް ރިޕޯޓު ކުރުން ކަމަށް އެންމެނަށް ވެސް އޮތީ ގަބޫލު ކުރެވިފައެވެ. މިތާގައި ހައްޔަރުވެގެން ތިބެންޖެހޭ އެހެން އެއްވެސް ސަބަބެއް އެމީހުންނަކަށް ނުވިސްނެއެވެ. ކޮންމެސް މީހަކު ރިޕޯރޓެއް ކޮށްގެން ކަމަށް ތުހުމަތު ކުރެވޭއިރު އެމީހަކީ އަލިމަނިކުފާނު ކަމަށް ޔަގީން ކުރެއެވެ. މިގޮތުގައި ތިބޭތާ ހަތްވަނައަށް ވީދުވަހު މެންދުރު އަލިމަނިކުފާނު މިތާކަށް އަތުވެއްޖެއެވެ. އަދި ފާޑަކަށް ހީލާފައި ބުންޏެވެ. ކުދީންނެވެ. މިހާދުވަސް ވާންދެން މިތާގައި ތިބެގެން ތިޔަކުރަނީ ކީއްހެއްޔެވެ. އަލިމަނިކުފާނު އަނގައިން މިބަސް އަދި ރަނގަޅަށް ބޭރު ނުވަނީސް ފަޅުވެރިން ރުޅިވެރިކަމާއެކު ނުކިޔާކަށް އެއްޗެއް ނެތެވެ. އައުގުރާނައަށް ދާންދެން ގޮވައިފިއެވެ. އަލިމަނިކުފާނު ދެން އިތުރަށް އެއްޗެކޭ ނުބުނެ ހުރެފައި ހިގައްޖެއެވެ.

އަލިމަނިކުފާނު ދިޔައީ ގާލީ އަށެވެ. އެތަނަށް ގޮސް ފުލުހުންގެ ވެރިޔަކަށް ގުޅައިގެން ފަޅުވެރިން ހައްޔަރު ކުރުވިގޮތަށް އެމީހުން މިނިވަންވެސް ކުރުވައިފިއެވެ. ހަފުތާއެއް ވަންދެން ބަންދުގައި ތިބެން ޖެހުމުން ހުރިހާ ފަޅުވެރިން ތިބޭނީ ހިތްވަރު އެލި ބަލިކަށިވެފައި ކަމަށް އަލިމަނިކުފާނު ހީކުރިއެވެ. ކޮންމެއަކަސް ފަޅުވެރިން މިނިވަންވުމުން އެންމެން ދިޔައީީ އޮޑިއަށެވެ. ދެތިން ދުވަހެއްގެތެރޭގައި އެބަނދަރުން ފުރައިފިއެވެ. ދެން ގޮސްވަނީ ގާލީގެ ބަނދަރަށެވެ. އޮޑީގައި ބާކީ ދެން ހުރި މުދާތައް ވިއްކައިލީ ގާލީއަށެވެ. އެހާތަނަށް ދިޔައިރު ވިޔަފާރިކަންތައް އޮތީ މުޅިން ނިމިފައެވެ.
(ނުނިމޭ)
ނޯޓް:މި ތާރީހީ ލިއުމަކީ http://meedhoo.com ގެ ފަރާތުން "އައްޑޫލައިވް"ގެ ކިއުންތެރިންނަށް ގެނެސްދެއްވި އަގުހުރި ލިއުމެކެވެ.