Last Updated: March 29, 17:30
Friday, March 29, 2024
ޚަބަރު

އައްޑޫ އާއި ފުވައްމުލަކުގެ ދަތުރުފަތުރުގެ ޚިދުމަތް ދިނުމަށް މިފްކޯ އާއި ހަވާލުކޮށްފި

އެމްވީކޭ އިން އައްޑު އާއި ފުވައްމުލަކާ ދެމެދު ކުރި ފެރީގެ ދަތުރުތަކާއި އައްޑޫގައި ދެމުން ދިޔަ ބަހުގެ ހިދުމަތުގެ އެގްރީމެންޓް ބާތިލްކޮށް، އެ ހިދުމަތް ދިނުމަށް މިފްކޯއާ މިއަދު ހަވާލުކޮށްފި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ އައްޑު އާއި ފުވައްމުލަކާ ދެމެދު ކުރަމުން ދިޔަ ފެރީގެ ދަތުރުތައް ހުއްޓިފައި އޮންނަތާ މިހާރު އަހަރެއް ވެއްޖެ ކަމަށާއި އެކަމާ ގުޅޭ ގޮތުން ރައްޔިތުންގެ ޝަކުވާ ކެނޑިނޭޅި ލިބެމުންދާ ކަމަށެވެ.

މީގެ އިތުރުން އައްޑޫ ގަމުގައި ދެމުން ދިޔަ ބަހުގެ ދަތުރުތައް ވެސް މެދުކެނޑެމުން އައިސް މިހާރު، އެ ހިދުމަތް އެއްގޮތަކަށް ވެސް ނުދޭތީ އެ ހިދުމަތް ދިނުމަށް ވެސް މިފްކޯއާ ހަވާލުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ އައްޑު އާއި ފުވައްމުލަކުގެ ކަނޑުދަތުރުފަތުރާއި ބަހުގެ ހިދުމަތް މިފްކޯއާ ހަވާލުކުރުމުން، ކުރިއަށް ވުރެ ފުރިހަމަކޮށް ޔަގީންކަމާއެކު އެ ހިދުމަތް ފޯރުކޮށްދެވޭނެ ކަމަށެވެ.

މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިފްކޯގެ ސީއީއޯ އަދުލީ އިސްމާއީލް ވިދާޅުވީ އައްޑު އާއި ފުވައްމުލަކާ ދެމެދު ކުރަމުން އައި ދަތުރުތައް މިހާރުން މިހާރަށް ވެސް ފެށިދާނެ ކަމަށާއި އެކަމަކު އައްޑޫގެ ބަހުގެ ހިދުމަތް އެންމެ ފުރިހަމަ އަށް ދިނުމަށް އަދި ކުޑަ ދުވަސްކޮޅެއް ނަގާނެ ކަމަށެވެ.