Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު

އައްޑޫގައި ބަހުގެ ޚިދުމަތް ދިނުމަށް އެއާކޮންޑިޝަން ބަސް ގެންނާނެ : މިފްކޯ

އައްޑޫގައި ބަހުގެ ޚިދުމަތް ދިނުމަށް މިއަދު ސަރުކާރުން ހަވާލުކުރި، މިފްކޯގެ އަމާޒަކީ އެ ޚިދުމަތް ދިނުމަށްޓަކައި އެއާކޮންޑިޝަން ބަސް ފަދަ ޒަމާނީ އުޅަނދުތައް ގެނައުން ކަމަށް މިފްކޯގެ ސީއީއޯ އަދުލީ އިސްމާއީލް ވިދާޅުވެއްޖެއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އަދްލީ ވިދާޅުވިގޮތުގައި ބަހުގެ ހިދުމަތް ދިނުމަށް އަދި ބޭރުން ވެހިކަލްތަކާ އެއްޗެހި ގެންނަން ޖެހޭ ކަމަށާއި އެހެންވެ އެކަމަށް ކުޑަ ދުވަސްކޮޅެއް ނަގާފާނެ ކަމަށެވެ.

" ބަހުގެ ހިދުމަތް ދިނުމަށް އަދި ބޭރުން ވެހިކަލްތަކާ އެއްޗެހި ގެންނަން ޖެހޭ. އަޅުގަނޑުމެންގެ އަމާޒަކީ އެއާކޮންޑިޝަން ބަސް ފަދަ ޒަމާނީ އުޅަނދުތައް ގެނައުން،" އަދުލީ ވިދާޅުވި އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން އައްޑޫ އާއި ފުވައްމުލަކުގެ ދަތުރުފަތުރުގެ ހިދުމަތް އެމްވީކޭ އާ ހަވާލު ކުރީ ސަބްސިޑީއެއްގެ ގޮތުގައި، ގަމުގެ ދޫގަސް (ގޭން އައިލެންޑް ރިޓްރީޓް) ވެސް 50 އަހަރަށް ދިނުމަށް ފަހު އެވެ.

އެހެން ނަމަވެސް އެމްވީކޭ އަށް އެ ޚިދުމަތް އެންމެ އެކަށީގެންވާ ގޮތެއްގައި އެއްވެސް އިރެއްގައި ދެވިފައި ނުވާ ކަމަށް ބުނެ އައްޑޫގެ ގިނަ ރައްޔިތުން ވަނީ ސަރުކާރަށް ޝަކުވާ ހުށަހަޅާފައެވެ.