Last Updated: March 28, 19:01
Thursday, March 28, 2024
ޚަބަރު

މަގުމައްޗަށް ނިކުމެ އަޑު އުފުލިޔަސް ހައްލެއް ނުލިބޭނެ – ރައީސް ޔާމީން

ގެއްލިފައިވާ ހައްގުތައް ހޯދުމަށް ހަމައެކަނި މަގުމައްޗަށް ނުކުމެ އަޑު އުފުލިއަސް އެކަމަށް ބޭނުންވާ ހައްލެއް ނުލިބޭނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ޕީޕީއެމްއަށް 3 ކައުންސިލަރަކު ސޮއި ކުރުމަށް މިއަދު މުލިޔާގޭގައި އޮތް ހާއްސަ ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމިން ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ކިތަންމެ ވަރަކަށް މަގުމައްޗަށް ނުކުމެ އަޑު އުފުލިކަމުގައި ވިޔަސް ގާނޫނީ އިމުގެ ތެރެއިން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ނުކުރައްވާނަމަ އެބޭފުޅުން އެބޭނުންވާ ފަރުވާ ނުލިބޭނެ ކަމަށެވެ.

“އިދިކޮޅު ފަރާތްތަކުން އެބޭނުންވާ ފަރުވާއެއް ނުލިބޭނެ އަދި ހަމައެކަނި މަގުމައްޗަށް ނުކުމެ މަގުމަތީ އަޑު އުފުލިއަސް، ފަރުވާ ލިބޭނީ ގާނޫނީ އިމުގެ ތެރެއިން ހުރަސް ކުރަން ޖެހޭ ހަރުފަތްތައް ހުރަސް ކުރީމަ. އެންޓި ކޮރްޕްޝަނުގެ މައްސަލަ އެއް ވެއްޖެއްޔާ އޭސީސީ އަށް އެކަން ހުޅަހަޅައިގެން ވާނީ. ހައްގު ހޯދުމަށް ކޯޓުތައް ކަހަލަ ކަމާބެހޭ ފަރާތްތަކާ ހަމައަށް މައްސަލަ ގެންދަން ޖެހޭނެ” ރައީސް ޔާމީން ވިދާޅުވިއެެވެ.

ރައީސް ވިދާޅުވީ މިސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނީ ރައްޔިތުންގެ މަސްލަހަތަށް ކަަމަށާއި ރައްޔިތުންނަށް ދެރައެއް ލިބޭނެ ފަދަ އެއްވެސް ގޮތަކަށް މިސަރުކާރުން އެއްވެސް ކަމެއް ނުކުރާނެ ކަމަށެވެ.

މީގެ އިތުރުން މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް އޮތް ކަމުގައި ވިޔަސް މިސަރުކާރުން ރައްޔިތުންނަށް ބޭނުންހާ ގޮތެއް ނުހަދާނެ ކަމަށާއި ސަރުކާރުން މަސައްކަތް ކުރަނީ މަޖިލިސް މެދުވެރިކޮށް ރައްޔިތުންނަށް ފައިދާ ވާގޮތަށް ކަންތައްތައް ކުރުމަށް ކަމަށްވެސް ވިދާޅުވިއެެވެ.