Last Updated: April 18, 22:36
Thursday, April 18, 2024
ޚަބަރު

ކާނަލް ނާޒިމްގެ އިސްތިއުނާފް މައްސަލައިގެ އިބްތިދާއީ އަޑު އެހުން މާދަމާ ހެނދުނު

ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް މުހައްމަދު ނާޒިމްގެ ފަރާތުން ހައި ކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފް މައްސަލައިގެ އިބްތިދާއީ އަޑު އެހުން މާދަމާ ހެނދުނަށް ތާވަލް ކޮށްފިއެވެ.

'އައްޑޫލައިވް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މާދަމާ ހެނދުނަށް އިބްތިދާއީ އަޑުއެހުން ތާވަލް ކޮށްފައިވި ނަމަވެސް ކާނަލް ނާޒިމް އަދިވެސް ހުންނެވީ ބޭސްފަރުވާ އަކަށް ސިންގަޕޫރުގައެވެ. ނާޒިމް އަށް ބޭސްފަރުވާ އަށް ރާއްޖެއިން ބޭރަށް ދިއުމަށް ކަރެކްޝަނަލް ސާވިސް އިން ދީފައިވާ 45 ދުވަހުގެ މުއްދަތު ހަމަވާނީ މެއި މަހުގެ 24 ވަނަ ދުވަހުއެވެ.

މިމަހުގެ 5 ވަނަ ދުވަހު ކަރެކްޝަނަލް ސާވިސް އިން ވަނީ ކާނަލް ނާޒިމު އެނބުރި ރާއްޖެ އައުމަށް އެންގި ނަމަވެސް ނާޒިމުގެ އާއިލާއިން ބުނާގޮތުގައި ނާޒިމްގެ އެޕޮއިންޓްމެންޓެއް މިމަހުގެ 23 ވަނަ ދުވަހަށް ހަމަޖެހިފައި އެބައޮތް ކަމަށާއި އެއަށްފަހު ދީފައިވާ މުއްދަތު ހަމަވުމުގެ ކުރިން އެނބުރި ރާއްޖެ ވަޑައިގަންނަވާނެ ކަމަށެވެ.

ޝަރީއަތް ފެށުމުގެ ކުރިން ބާއްވާ އިބްތިދާއީ އަޑުއެހުމަކީ ޝަރީއަތް އަވަހަށް ނިންމުމަށްޓަކައި ގާޒީ ސާފުކުރަން ޖެހޭ ބައެއް މައުލޫމާތުތައް ސާފުކޮށް ކަށަވަރު ކުރަން ޖެހޭ ކަންކަން ކަށަވަރުކުރުމަށް ޓަކައި ބާއްވާ އަޑުއެހުމެކެވެ.