Last Updated: April 23, 23:56
Tuesday, April 23, 2024

މަޝްވަރާކުރުމަށް އަދާލަތުން ހުށަހެޅި މަންދޫބުންގެ ތެރޭގައި ޖަލުގައި ހުންނެވި ޝެއިހް އިމްރާން ވެސް ހިމަނައިފި

އަދާލަތު ޕާޓީގެ ބައެއް އިސްވެރިން ނޫސް ކޮންފަރެންސެއްގައި. ފޮޓޯ: ވީނިއުސް

ސަރުކާރުން އެދިފައިވާ މަޝްވަރާތަކުގައި ބައިވެރިވުމަށް އަދާލަތު ޕާޓީއިން ހުށަހެޅި ނަންތަކުގެ ތެރޭގައި ޖަލުގައި ބަންދުކުރެވިފައި ހުންނެވި އެޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ ހިމަނައިފި އެވެ.

އަދާލަތު ޕާޓީއިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ ސަރުކާރުން މަޝްވަރާއަށް ދިން ދައުވަތަށް މަރުހަބާ ކިޔާ ކަމަށާއި ގައުމުގައި މިވަގުތު އުފެދުފައިވާ މައްސަލަތައް ހައްލު ކުރެވޭނީ އަދާލަތު ޕާޓީ އާއި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އާއި ޖުމްހޫރީ ޕާޓީ އާއި އެކު ސަރުކާރުން އެއްމޭޒު ދޮށުގައި ތިބެ މަޝްވަރާ ކޮށްގެން ކަމުގައި އެޕާޓީން ދެކޭ ކަމަށެވެ.

ސަރުކާރާ އެކު ކުރާ މަޝްވަރާތަކުގައި އެޕާޓީ ތަމްސީލް ކުރާނެ މަންދޫބުންގެ ތެރޭގައި ހިމަނާފައި ވަނީ އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ ގެ އިތުރުން، އެޕާޓީގެ ނައިބް ރައީސް ޑރ. މައުރޫފް ހުސައިން، ސެކްރެޓެރީ ޖެނެރަލް މުހައްމަދު އިޔާދު ހަމީދު، އިލްމްވެރިންގެ މަޖިލީހުގެ މެމްބަރު ޝެއިހް މުހައްމަދު ދީދީ އަދި އަދާލަތު ޕާޓީގެ ދިރާސާ ކުރުމާއި ބެހޭ ކޮމިޓީގެ ރައީސާ ޝިދާތާ ޝަރީފް ކަމަށެވެ.

ޖުމްހޫރީ ޕާޓީ އަދި އަދާލަތު ޕާޓީއާއެކު ކުރެވޭ މަޝްވަރާތަކުގައި ސަރުކާރުގެ ފަރާތުން ‏‏ބައިވެރިވެވަޑައިގަންނަ ވާނެ މަންދޫބުންގެ ގޮތުގައި ސަރުކާރުން ހުށަހަޅާފައި ވަނީ މިނިސްޓަރ އޮފް ޓޫރިޒަމް އަހުމަދު އަދީބު، ‏‏ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ މުހައްމަދު ހުސައިން ޝަރީފް، މިނިސްޓަރ އޮފް ‏‏ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑޮކްޓަރ މުހައްމަދު މުއިއްޒުގެ އިތުރުން މިނިސްޓަރ އޮފް ‏‏އެންވަޔަރަންމަންޓް އެންޑް އެނަރޖީ ތޯރިގު އިބްރާހީމް އެވެ.