Last Updated: April 18, 16:45
Thursday, April 18, 2024
ރިޕޯޓް

ރައީސް ޔާމީންގެ އުފަންދުވަހު ދޭން އެންމެ ރަނގަޅު 3 ހަދިޔާ !

މިއަދަކީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ އުފަންދުވަހެވެ.

ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި އެމަނިކުފާނަށް ތާއީދު ކުރައްވާ ފަރާތްތަކުން ގެންދަނީ ކޭކު ފެޅުމުގެ ހަރަކާތްތައް ކުރިއަށް ގެންދާއިރު އަނެއް ބަޔަކު އަވަދިނެތި ގެންދަނީ ޓްވިޓާ އާއި ފޭސްބުކް މެދުވެރިކޮށް އެމަނިކުފާނަށް އުފަންދުވަހުގެ ތަހުނިޔާގެ މެސެޖްތައް ފޮނުވަމުންނެވެ.

އެއްވެސް ބޭފުޅަކު ރައީސް ޔާމީނަށް އުފަންދުވަހުގެ ހަދިޔާއެއް ދެއްވި ކަމަށް އަދި އެނގިފައެއް ނެތެވެ. އެހެން ކަމުން އެމަނިކުފާނަށް އުފަންދުވަހުގެ ހަދިޔާ ދެއްވުމަށް ނިންމަވައިގެން ތިއްބެވި ބައެއް ބޭފުޅުން މިިވަގުތު ވިސްނަމުން ގެންދާނީ "ރައީސް ޔާމީން އަށް ދޭންވީ ކޯޗެއްބާއެވެ ؟

ތިރީގައި މިވަނީ ފުދުންތެރި ރައްޔިތަކަށް ވީނަމަ، އަޅުގަނޑުގެ ފަރާތުން ރައީސް ޔާމީނަށް ދޭނެ 3 ހަދިޔާއެކެވެ.

1- ދުރުމި

810xNZJieaL._SL1500_

އަޅުގަނޑުގެ ނަޒަރުގައި މިވަގުތު ރައީސް އަބްދުﷲ ޔާމީން އަށް އެންމެ މުހިއްމު ވާނެ އެއްޗަކީ ދުރުމިއެކެވެ. ރާއްޖޭގެ އެކި ކަންކޮޅުގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ރައީސް ޔާމީނަށް އެނގި ނުލައްވަނީ އެމަނިކުފާނަށް ރައްޔިތުން އުުޅެމުންގެންދާ ހާލު ފެނިވަޑައިނުަގަންނަވާތީ ކަމަށް ވެދަނެއެވެ. އެހެން ކަމަުން ފެންވަރު ރަނގަޅު ދުރުމި އެއް ލިބިއްޖެ ނަމަ މާލޭގައި ހުންނަވައިގެން އެބޭފުޅާއަށް ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ހާލު ބަލާލެވޭނެއެވެ.

2- ފިސްތޯލައެއް

http://www.dreamstime.com/stock-photo-toy-gun-rubber-bullets-image4570630

އެއްގޮތަކަށް ވެސް އަސްލު ފިސްތޯލައެއް ނޫނެވެ. ކުޅެން ކުޑަކުދިން ގެންގުޅޭ ކަހަލަ ފިސްތޯލައެއްގެ ވާހަކައެވެ. ރާއްޖޭގައި މިއަހަރުގެ ތެރޭގައި ހިނގާފައިވާ ކަންތަކަށް ބަލާއިރު ރައީސް ޔާމީން އަށް ކުޅޭނެ ފިސްތޯލައެއް ބޭނުންފުޅުވާ ހެން އަޅުގަނޑަށް ވަރަށް ބޮޑަށް ޤަބޫލުކުރެވެއެވެ. މިކަހަލަ ކުޅެން ގެންގުޅޭ ފިސްތޯލައެއް ރައީސް ޔާމީނުގެ އަތްޕުޅުގައި އޮވެއްޖެ ނަމަ އޭގެ ފައިދާ އެންމެ ބޮޑު ވާނީ ޚުދު ރައީސް ޔާމީނަށެވެ. ސިޔާސީ ބައެއް ބޭފުޅުން ވިދާޅުވާ ގޮތުން ނަމަ ނާޒިމްގެ ގޭގައި ފިސްތޯލަ ބޭއްވީ ރައީސް ޔާމީނެވެ. އަޅުގަނޑަށް ޤަބޫލުކުރެވޭ ގޮތުގައި ރައީސް ޔާމީނަށް ވަކިން ހާއްސަ ހަނގުރާމަވެރި ހަތިޔާރަކަށް ނުވާ ފިސްތޯލައެއް ދެވިއްޖެނަމަ ސިޔާސީ ފަރާތްތަކަށް ހަމަގައިމުވެސް ރައީސް ޔާމީން ގެއެއްގައި ފިސްތޯލައެއް 'ޕްލާންޓް' ކުރެއްވި އެކޭ ނުބުނެވޭނެއެވެ.

3- 1 ޓީބީގެ ހާޑް ޑިސްކެއް

1416758497894062512wd 1TB hard drive
ސަރުކާރުން ތަފާތު ކަންކަމުގައި ގެންގުޅޭ ސިޔާސަތުތަކާއި ބެހޭ މައުލޫމާތު ކުޑަ ކުޑަ ޕެންޑްރައިވް އެއްގައި ރައްކާކުރުމަކީ ވަރަށް އުނދަގޫ ކަމެކެވެ. ޕެންޑްރައިވް ތަކުގައި މައުލޫމާތު ތައް ގެންގުޅުމުގެ ސަބަބުން ޑިިފެންސް މިނިސްޓަރަކަށް ވެގެންދިޔަ ގޮތް ވެސް އަޅުގަނޑުމެންނަށް ވަނީ ވަރަށް ފަހުން ފެނިގެން ގޮސްފައެވެ. އެހެންކަމުން ރައީސް ޔާމީން ވަޑައިގަންނަވާ ހުރިހާ ތަނަކަށް ގެންދެވޭނެ ފަދަ ހާޑް ޑިސްކެއް އެމަނިކުފާނުގެ އަތްޕުޅުގައި އޮތުމަކީ ދައުލަތުގެ ސިއްރުތައް ރައްކާތެރި ކުރުމަށާއި އެމަނިކުފާނުގެ އަމިއްލަ ސިއްރުތައް ވެސް ރައްކާތެރި ކުރުމަށް އެހީތެރިވެދޭނެ އެއްޗެކެވެ.

މިއީ އަޅުގަނޑުގެ ނަޒަރުގައި ރައީސް ޔާމީން އަށް އެމަނިކުފާނުގެ އުފަންދުވަހު ދޭން އެންމެ ރަގަޅު 3 ހަދިޔާއެވެ. ތިބޭފުޅުންގެ ޚިޔާލަކީ ކޮބައިތޯ އެވެ ؟