Last Updated: April 24, 20:01
Wednesday, April 24, 2024
ޚަބަރު

ބަރަހަނާ މަންޒަރުތައް ނެގި މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް އަދާލަތު ޕާޓީން ގޮވާލައިފި

ޔޫޓިއުބްގައި އާންމުވެފައިވާ ވީޑިއޯ އިން ކެޕްޗާކޮށްފައިވާ މަންޒަރެއް.

ދިވެހި ސަރުކާރުން ހިންގާ ނޭޝަނަލް އާރޓް ގެލަރީގައި އޮސްޓްރޭލިޔާއާގެ ޑަބްލިޔުބި ޕްރޮޑަކްޝަންއާ ގުޅިގެން ބަރަހަނާ މަންޒަރުތަކެއް ނެގުމަށް ފަހު އާންމުކޮށްފައި ވާތީ އެކަން ތަހުގީގުކޮށް އެކަން ކުރި މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ޕްރޮސެކިއުޓާ ޖެނެރަލް އާއި ފުލުހުންނަށް އަދާލަތު ޕާޓީން ގޮވާލައިފިއެވެ.

އަދާލަތު ޕާޓީން ހޮނިހިރު ދުވަހު ނެރުނު ނޫސް ބަޔާނުގައި ވަނީ ދިވެހި ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމު ގައުމަކަށްވެފައި އިސްލާމީ ޝަރީއަތަކީ ދިވެހިރާއްޖެ ޤާނޫނު އަސާސީގެ އަސްލުކަމުގައި ކަނޑައަޅާފައިވީ ހިނދު މާތްވެގެންވާ އިސްލާމްދީނުގައި ކަނޑައެޅިގެން ނަހީ ކުރައްވާފައިވާ ފާހިޝްކަންކަމާއި މުންކަރާތްތައް އެއްވެސް ފަރާތަކުން ދިވެހި ރާއްޖޭގެ ވެރިކަން ހިނގާ ސަރަހައްދުގައި ހިންގުމަކީ އަދާލަތު ޕާޓީން ބަލައިގަންނަ ކަމެއް ނޫން ކަމަށެވެ.

އަދާލަތު ޕާޓިން ބުނީ މިފަދަ ކަންކަމަކީ ދިވެހިންގެ މެދުގައި އަޚްލާގީ ބަލިމަޑުކަން އުފައްދާ ދިވެހި ރާއްޖޭގެ އިޖުތިމާއީ ފޭރާން އިތުރަށް ހަލާކުކޮށް މާތްވެގެންވާ އިސްލާމްދީނުގެ ތަރަހައިން ބޭރަށް ދިވެހިން ނެރުމަށް ބޭރުގެ ފަރާތްތަކަކާ ގުޅިގެން ދިވެހިންގެ ތެރެއިން ފިނޑިބަޔަކު ހިންގާފައިވާ ދަށުދަރަޖައިގެ މުޑުދާރު އަމަލެއް ކަމަށެވެ.

މީގެއިތުރުން ސަރުކާރެއް ގާއިމުވެފައި އޮތުމުގެ އެންމެ އަސާސީ އެއް ބޭނުމަކީ ދީން ހިމާޔަތްކުރުން ކަމަށް ވީ ހިނދު ރައްޔިތުންގެ ފައިސާއިން ހިންގާ ސަރުކާރުގެ މުއައްސަސާތަކުގައި މިފަދަ ކަންކަން ކުރުމަކީ އިސްލާމްދީނުގެ މަސްލަހަތު ގެއްލިދާނެ ކަންކަން ކަމަށް އަދާލަތު ޕާޓީން ނެރެފައިވާ ބަޔާނުގައި ފާހަގަ ކޮށްފައިވެއެވެ.

އިސްލާމްދީނުގެ ޝިއާރުތަކަށް ގޮންޖަހާ މިފަދަ ބޮޑެތި މުންކަރާތްތައް ހިންގާ ހިނދު އެކަން ހުއްޓުވުމަށްޓަކައި މަސައްކަތް ކުރުމަށް އަދާލަތު ޕާޓީން ވަނީ އިލްމުވެރިންނަށާއި ރައްޔިތުންނަށް އިލްތިމާސް ކޮށްފައެވެ.

އަދާލަތު ޕާޓީން މި ގޮތަށް ބަޔާން ނެރެފައި މި ވަނީ ވިޔަފާރިވެރިންގެ ޖަމިއްޔާގެ ނައިބު ރައީސް އިސްމާއިލް އާސިފްގެ ދައުވަތަކަށް ޑަބްލިޔުބީ ޕްރޮޑަކްޝަންގެ ޓީމެއް ރާއްޖެ އައިސް ނޭޝަނަލް އާޓް ގެލަރީ އާއި ބަނޑޮސް އައިލެންޑް ރިސޯޓުގައި ބަރަހަނާ މަންޒަރުތަކެއް ނަގައި އެ ކަމުގައި އާސިފްގެ އިތުރުން ބައެއް އެހެން ދިވެހިން ބައިވެރިވާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް އާންމުވުމާ ގުޅިގެންނެވެ.