Last Updated: April 23, 23:56
Tuesday, April 23, 2024

މަޢުމޫންގެ މަސައްކަތުން ވުޖޫދުކުރެވުނު 2000 ރުފިޔާ ނަޝީދު ނެގީ ވަގަށް : ނިހާން

ރައީސް މަޢުމޫންގެ މަސައްކަތްޕުޅުން، ދުވަސްވީ މީހުންނަށް ދޭން ވުޖޫދުކުރި 2000 ރުފިޔާ ރައީސް ނަޝީދު ނެންގެވީ ވަގަށް ކަމަށް ރައްޔިތުންގެ މަޖިޅިހުގެ މެޖޯރިޓީ ލީޑަރު އަހްމަދު ނިހާން ހަސަން މަނިކު ވިދާޅުވެއްޖެއެވެ.

ދިއްގަރު ދާއިރާގެ ބައި އިލެކްޝަންގައި ޕީޕީއެމްގެ ފަރާތުން ވާދަކުރައްވާ ކެނޑިޑޭޓް އަހްމަދު ފާރިސް މަޢުމޫންގެ ކެމްޕޭން ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ނިހާން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގައި ދުވަސްވީ މީހުންނަށް ދޭ އިނާޔަތުގެ ބިލަށް، އޭރުގެ ސޯޝަލް ސެކިއުރިޓީ މިނިސްޓަރު އަދި މީމު އަތޮޅުގެ މެމްބަރު، މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްއާއި މީމު އަތޮޅުގެ އޭރުގެ މެމްބަރު އަނީސާ ބުރަ މަސައްކަތްތަކެއް ކުރެއްވި ކަމަށެވެ.

“މިއީ ރައީސް މަޢުމޫން ނިންމެވި ނިންމެވުމަކަށް އޭރުގެ ސޯޝަލް ސެކިއުރިޓީ މިނިސްޓަރު ކުރެއްވި މަސައްކަތެއް. އެކަންތައް ކޮމިޓީއިން ނިމިގެން ދިޔައީ 2008 ވަނަ އަހަރުގެ އޭޕްރިލް މަހު. 2008 ވަނަ އަހަރުގެ ނޮވެމްބަރު 11ގެ ކުރިއަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަކީ މިއިންނެވި މއ.ކިނބިގަސްދޮށުގޭ އަލްއުސްތާޛު މަޢުމޫން އަބްދުލްޤައްޔޫމް. އެމަނިކުފާނުގެ މަސައްކަތްޕުޅުން ވުޖޫދުމިކުރެވުނު ދެހާސް ރުފިޔާ، ކެނެރީގޭ މުޙައްމަދު ނަޝީދު ނެގީ ވަގަށް،” ނިހާން ވިދާޅުވިއެވެ

ނިހާން އިތުރަށް ވިދާޅުވީ އިސްވެދެންނެވުނު ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގައި އޭރުގެ ތ އަތޮޅުގެ މެމްބަރު އަފީފް މިވާހަކަތައް އަޑުއެހުމަށްފަހު އެކަން އެމްޑީޕީގެ މެނިފެސްޓޯގައި ހިމެނީ “ވައްކަން” ކޮށްގެން ކަމަށް ނިހާން ތުހުމަތު ކުރެއްވިއެވެ.