Last Updated: April 25, 18:52
Thursday, April 25, 2024
ރިޕޯޓް

އައްޑޫގެ ތަރައްޤީ އަށް މަސައްކަތް ކުރެއްވި ބޭފުޅުންނަށް ދިމާވި "ހިތްދަތިކަން" އެއީ ރޭވުމެއް ބާ ؟

2011 ވަނަ އަހަރުގެ ސާކް ސަމިޓަށް 200 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ސަރުކާރުން ހިތަދޫގެ ވަލުތެރޭގައި ގެއްލިފައި އޮތް ސަރަހައްދެއްގައި ބިނާކޮށްދެއްވި ކޮންވެންޝަން ސެންޓަރަކީ ފަހުގެ ތާރީޚެއްގައި އައްޑޫގައި ވެސް ކުރިއަށް ގެންދިޔަ އެންމެ ބޮޑު އެއް މަޝްރޫޢު ކަމުގައި ދެންނެވުން ދޮގަކަށް ނުވާނެއެވެ.

އައްޑޫ ސިޓީގެ ގިނަ ރައްޔިތުން ރައީސް ނަޝީދަށް ތާއީދު ކުރެއްވުމުގެ އަސްލަކީ އީސީސީ ކަމަށް ގިނަ ސިޔާސީ ފަރާތްތަކުން ބުނަމުން ގެންދާއިރު މިއަދު އެތަން ބިނާކުރުމުގެ މަސައްކަތް ހިނގާގޮތް ބެއްލެވުމަށް އެތައް ފަހަރަކު އައްޑޫ އަށް ވަޑައިގެންނެވި ބޭފުޅާ މިވަގުތު ހުންނެވީ ޖަލުގައެވެ.

އީސީސީގެ ތަރައްޤީ އަށް އައްޑޫ ސިޓީ ކައުންސިލުން ހުޅުވާލައި، އެތަން ބަޔަކާ ހަވާލު ކުރަން ތައްޔާރު ވަމުން ދަނިިކޮށް، ފެބްރުއަރީ 7، 2012 ގައި ނަޝީދުގެ ވެރިކަން ބަދަލުވުމުން، އެ މަސައްކަތް މައި ސަރުކާރުން ހުއްޓުވި ހިސާބުން އަދިވެސް ވަނީ ކުރިއެރުމެއް ނުލިބިފައެވެ.ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި އީސީސީގައި ބޭރުގެ ޔުނިވަސިޓީއެއްގެ ގޮއްޕެއް ހުޅުވާ ވާހަކަ ދެކެވުނު އިރު މިހާރުގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެ ތަނަށް ހަރަދުކޮށް ހިންގައި މަރާމާތުކޮށް ބެލެހެއްޓުމާއި އަދި އީސީސީ ހުރި ސަރަހައްދުގައި ޓޫރިޒަމާއި އެކިއެކި ސިނާއީ ހިދުމަތްދޭ ތަންތަން ތަރައްގީކޮށް ހިންގާނެ ބަޔަކު ހޯދަން ބީލަމަށްލި ނަމަވެސް އަދިވެސް އީސީސީގެ ތަރައްޤީ އަށް އެއްވެސް މަސައްކަތެއް ކުރެވިގެން ނުދާކަން ފާހަގަކޮށްލެވެއެވެ.

ހިތަދޫގެ ވަލުތެރެއިން މާސިންގާ ބޮޑު ކޮންވެންޝަން ސެންޓަރެއް އައްޑޫގެ ރައްޔިތުންނަށް ބިނާކޮށްދެއްވި ރައީސް ނަޝީދުގެ އިތުރުން އައްޑޫގެ ތަރައްޤީއަށް ކަންތައް ކޮށްދެއްވާ އެހެން ބޭފުޅުންނަށް ވެސް ދަނީ "ހިތްދަތިކަން" ކުރިމަތިވަމުންނެވެ.

ޖަލަށް ނުލެވުނު ކަމުގައި ހިތްދަތިކުރުވުމަށް ފަހު ވިޔަސް ޔޫތު މިނިސްޓަރ ކަމުން ވަކިކުރެވުނު މަލީހް އަކީ ވެސް އައްޑޫގައި މިދިޔަ އަހަރު ބޭއްވުނު އޭއެފްސީ ޗެލެންޖް ކަޕަށް ހިތަދޫ ސްޓޭޑިއަމް ތަރައްޤީ ކުރުމުގެ މަސައްކަތުގައި އަމަލީގޮތުން ބައިވެރިވެވަޑައިގެންނެވި ސަރުކާރުގެ ހަމައެކަނި މިނިސްޓަރެވެ. ފުޓްސަލް ދަނޑުތަކެއް އައްޑޫގައި ހުޅުވިގެން ދިޔައިރު އެކަމުގައި ވެސް އިސްކޮށް ހަރަކާތްތެރިވީ މަލީހެވެ.

ރައީސް ނަޝީދު ސަރުކާރުން އިމާރާތްކުރި ކޮންވެންޝަން ސެންޓަރު (އީސީސީ) ވިރާނާ ވެގެން ދިޔަ ގޮތަށް ހިތަދޫ ޒޯން ސްޓޭޑިއަމް ވިރާނާވެގެން ނުދާނެ ކަމަށް ވިދާޅުވި މަލީހެއް މިވަގުތު ނެތެވެ. ސްޓޭޑިއަމް އެހަރަ ބޮލަށް ވެއްޓެނީއެވެ.

ކުއްލިގޮތަކަށް މިނިސްޓަރު ކަމުން ވަކި ކުރުމުން ލިބުނު ހިތްދަތިކަމުގައި މަލީހު އެއްވެސް މީޑިޔާ އަކާއި ވާހަކައެއް ވެސް ނުދައްކަވައެވެ. އެހެންނަމަވެސް ފެންނަ މަންޒަރުތަކުން، "ތިމަންނާގެ ކުށަކީ ކޮބާހޭ ". މަލީހު ސުވާލު ކުރައްވާހެން ހީވެއެވެ.

އައްޑޫގައި އިމާރާތް ކުރުމަށް ނިންމާފައިވާ 100 އެނދުގެ ހޮސްޕިޓަލްގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ބާރު އެޅުއްވުމުގެ އިތުރުން، އަމިއްލަފުޅު އިސްނެންގެވުމުގެ މަތީން ކެންގަރޫ ކިޑްސް އައްޑޫގައި ހުޅުވައި ދެއްވައި އަދި އަމިއްލަ ހިއްސާ އޮންނަ ކުންފުންޏަކުން ހިތަދޫގައިި ޕްރައިވެޓް ހޮސްޕިޓަލެއް ހިންގަވަމުން ދަނިކޮށް ޑރ. ޝަކީލާ ވެސް ވަނީ ވަރަށް ހިތްދަތި ކުރުވުމަށް ފަހު މިނިސްޓަރު ކަމުން ވަކިކޮށްފައެވެ.

އައްޑޫ ތަރައްޤީ އަށް މަސައްކަތް ކުރެއްވާި ބޭފުޅުންނަށް ހިތްދަތި ގޮތްތަކެއް ދިމާވުމަކީ ބައެއްގެ ރޭވުމެއް ހެއްޔެވެ ؟ ނުވަތަ އެއީ އިއްތިފާގެއް ހެއްޔެވެ ؟