Last Updated: March 28, 21:55
Thursday, March 28, 2024
ރިޕޯޓް

މާލީ ހާލަތު ދަށުގައި އޮތް މިފްކޯ އަށް ދަތުރުފަތުރުގެ ޚިދުމަތް ދެވިދާނެތަ؟

އެމްވީކޭ އިން އައްޑު އާއި ފުވައްމުލަކާ ދެމެދު ކުރި ފެރީގެ ދަތުރުތަކާއި އައްޑޫގައި ދެމުން ދިޔަ ބަހުގެ ހިދުމަތް އެންމެ ރަނގަޅަށް ދެވިގެން ނުދިޔައީ އެކުންފުނީގެ މާލީ ހާލަތު ދަށް ވުމުގެ ސަބަބުން ކަމަށް އެމްވީކޭއިން އަބަދުވެސް ގެންދިޔައީ ބުނަމުންނެވެ.

މުސާރަ ނުލިބިގެން އެމްވީކޭގެ މުވައްޒަފުން ކުރި ހަޅުތާލުތަކާއި އެ މުވައްޒަފުންނާއި ތަނުގެ އިސްވެރިންގެ ދެމެދުގައި ހިނގައި ދިޔަ މާރާމާރީ ތަކުގެ ވާހަކަ އަކީ އައްޑޫގެ ރައްޔިތުންނަށް އާ ވާހަކަތަކެއް ނޫނެވެ. އެމްވީކޭ އަށް ދަތުރުފަތުރުގެ ޚިދުމަތް އެކަށީގެންވާ ގޮތެއްގައި ޚިދުމަތްތައް ނުދެވުމުގެ ޝަކުވާ އައްޑޫގެ ރައްޔިތުން ކުރަމުން ގެންދާތާ އަހަރެއްހާ ދުވަސް ފަހުން މިމަހުގެ 20 ވަނަ ދުވަހުސަރުކާރުން ވަނީ އައްޑޫ އާއި ފުވައްމުލަކުގެ ދަތުރުފަތުރުގެ ޚިދުމަތް ދިނުމަށް މިފްކޯ އާއި ހަވާލުކޮށްފައެވެ.

އެމްވީކޭ އަށް ދަތުރުފަތުރުގެ ޚިދުމަތް ނުދެވުމުން އެ އެގްރީމެންޓް ބާތިލްކޮށް، އެ ހިދުމަތް ދިނުމަށް މިފްކޯއާ ހަވާލުކުރުމަށް ފަހު ބޭއްވުނު ނޫސް ކޮންފަރެންސެއްގައި ، އެއާ ކޮންޑިޝަން ބަސް ފަދަ ޒަމާނީ އުޅަނދުތައް ގެންނަ ވާހަކަ މިފްކޯގެ ސީއީއޯ ވިދާޅުވެފައިވާއިރު، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވެސް ވަނީ ފުވައްމުލަކުގެ ކަނޑުދަތުރުފަތުރާއި ބަހުގެ ހިދުމަތް މިފްކޯއާ ހަވާލުކުރުމުން، ކުރިއަށް ވުރެ ފުރިހަމަކޮށް ޔަގީންކަމާއެކު އެ ހިދުމަތް ފޯރުކޮށްދެވޭނެ ކަމަށެވެ.

އަމިއްލަ ފަރާތަކުން ހުޅުމީދޫ ރައްޔިތުންނަށް ހާއްސަކޮށްގެން ހުޅުދޫ  އާއި ފޭދޫ  ދެމެދު ދަތުރުކުރާ ލޯންޗެއް.
އަމިއްލަ ފަރާތަކުން ހުޅުމީދޫ ރައްޔިތުންނަށް ހާއްސަކޮށްގެން ހުޅުދޫ އާއި ފޭދޫ ދެމެދު ދަތުރުކުރާ ލޯންޗެއް.

ކިތަންމެ ފޮނި ހުވަފެންތަކެއް ދެއްކި ނަމަވެސް ސަރުކާރުތަކުން ދައްކާ އެ ހުވަފެންތަކާއި، ސިޔާސީ ބޭފުޅުން ހައްދަވާ އިތުރުފުޅުތައް އެންމެ ރަގަޅަށް ތަޖުރިބާކޮށްފައިވާ އަދި ތަޖުރިބާ ކުރަމުން ގެންދާ ބަޔަކީ އައްޑޫ ސިޓީގެ ރައްޔިތުންނެވެ.

މިފްކޯ އަށް އައްޑޫ އާއި ފުވައްމުލަކުގެ ދަތުރުފަތުރުގެ ޚިދުމަތް ދެވިދާނެތޯއެވެ ؟

މާލީ ހާލަތު މިދިޔަ އަހަރުގެ އިތުރުން މި އަހަރު ވެސް ވަރަށް ދަށުގައި އޮތް ކުންފުންޏަކުން ބޭރުން ބަސްތައް ގެނެސްގެން ދަތުރުފަތުރުގެ ޚިދުމަތް ފަށާ ވާހަކަ ދެއްކުމުން އައްޑޫގެ ރައްޔިތުންނަށް ވެގެންދާނީ ބޮޑު ޖޯކަކަށް ނޫންތޯއެވެ. ފައިދާވާން ފަށާނީ އަންނަ އަހަރުން ކަމަށް ބައެއް މީޑިޔާތަކަށް ދެއްވި އިންޓަވިއުއެއްގައި މިފްކޯގެ މެނޭޖިން ޑިރެކްޓަރު އަދުލީ އިސްމާއީލް ވިދާޅުވެފައިވާއިރު އިތުރު މުވައްޒަފުންތަކެއް ނަގައިގެން ދަތުރުފަތުރުގެ ޚިދުމަތެއް ފޯރުކޮށްދޭނެ ފެންވަރު މިފްކޯއަށް ލިބިގެންވޭތޯ ވެސް ސުވާލު އުފެދެއެވެ.

މީގެ އިތުރުން އައްޑޫ އާއި ފުވައްމުލަކުގެ ދަތުރުފަތުރުގެ އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަދުލީ ވިދާޅުވި ގޮތުގައި އެބޭފުޅުންގެ އެންމެ ބޮޑު އިސްކަމެއްދެނީ، މިހާރު ވެސް ދަތުރުފަތުރުގެ ނިޒާމް ހުރި ވަރަށް ހިދުމަތް ފަށަން ކަމަށެވެ. ހަމަ މިބޭފުޅާއެވެ. ރާއްޖޭގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި މި ވިދާޅުވަނީ މިފްކޯއިން މިހާރު އެންމެ އިސްކަންދެނީ ފެލިވަރު މަސް ކާރުހާނާ އިތުރަށް ތަރައްގީ ކުރުމަށް ކަމަށެވެ.

ބޮޑު ކުންފުންޏެކެވެ. ތަފާތު އަމާޒުތައް ހުރުމަކީ މައްސަލައެއް ނޫންތާއެވެ. އެހެން ނަމަވެސް ތަފާތު އަމާޒުތަކަށް ވާސިލްވާ ކުންފުންޏަކަށް ވުރެ އެއް އަމާޒަކަށް ވާސިލްވުމަށް މަސައްކަތް ކުރާނެ ކުންފުންޏަކާއި އައްޑޫ އާއި ފުވައްމުލަކުގެ ދަތުރުފަތުރުގެ ޚިދުމަތްދިނުމަށް ހަވާލު ނުކުރީ ކީއްވެގެން ބާއެވެ ؟

ފެންނަ ފެނުމަށް ހީވަނީ މިފްކޯ އަކީ 2 ވަނަ އެމްވީކޭ އަށް ވެދާނެ ހެންނެވެ. އައްޑޫ އަދި ފުވައްމުލަކުގެ ރައްޔިތުން ހަމަގައިމުވެސް އެހެންވާކަށް ބޭނުމެއް ނުވާނެއެވެ. އެހެން ވެއްޖެ ނަމަ އެއީ އައްޑޫ އަދި ފުވައްމުލަކުގެ ރައްޔިތުންނަށް ދެވޭ ވަރަށް ބޮޑު އަނިޔާއެކެވެ.