Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު

ރާއްޖޭން ބޭރަށް ނުދިޔުމަށް ޝަރުތުކޮށް އިމްރާން ދޫކޮށްލައިފި

އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲ. ފޮޓޯ: ސަން

މި މަހު 1 ގައި އިދިކޮޅު މީހުން ސަރުކާރާ ދެކޮޅަށް ކުރި މުޒާހަރާގައި ހައްޔަރުކޮށްފައިވާ އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން އަބްދުﷲ، ކުރިއަށް އޮތް އެއް މަސްދުވަސް ތެރޭގައި ރާއްޖޭން ބޭރަށް ނުދިޔުމަށް ޝަރުތުކޮށް އޭނާ ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.

މޭޑޭގެ މުޒާހަރާގައި ޝެއިޚް އިމްރާން ދެއްކި ވާހަކަތަކާ ގުޅިގެން ހައްޔަރުކުރުމަށް ފަހު 27 ދުވަސް ފަހުން އޭނާ މިނިވަން ކުރި އިރު، އޭނާ ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ދެ ވަނަ ފަހަރަށް ދިން 10 ދުވަހުގެ މުއްދަތު އިސްތިއުނާފުކުރުމުން އޭނާ ގޭ ބަންދަށް ބަދަލުކުރުމަށް ހައި ކޯޓުން މިއަދު ވަނީ އަމުރުކޮށްފަ އެވެ.

އެ މުއްދަތު މިރޭ ހަމަވާތީ، އޭނާގެ ބަންދުގެ މުއްދަތު އިތުރުކޮށްދިނުމަށް ފުލުހުން އެދުމުގެ މަތިން ކޯޓަށް ހާޒިރުކުރުމުން، ކްރިމިނަލް ކޯޓުގެ ފަނޑިޔާރު އަލީ ސަމީރު ނިންމެވީ ކުރިއަށް އޮތް އެއް މަސްދުވަސް ވަންދެން ރާއްޖޭން ބޭރަށް ނުދެވޭ ގޮތަށް ޝައިޚް އިމްރާން ދޫކޮށްލުމަށެވެ.

ނަމަވެސް އިމްރާން ދޫކޮށްލަން ކްރިމިނަލް ކޯޓުން މިއަދު ނިންމި ނިންމުމުގައި، އިމްރާން ގޭބަންދަށް ބަދަލުކުރުމަށް މިއަދު ހައި ކޯޓުން ނިންމާފައިވާ ނިންމުމަށް ގާޒީ ވަނީ ރިއާޔަތްކުރައްވައިފައެވެ.