Last Updated: April 23, 16:11
Tuesday, April 23, 2024
ރިޕޯޓް

"ބާލިދީ" ހޮސްޕިޓަލް: މި ނޫން ދުވަހެއް ފެންނާނެބާ؟

މާލޭގެ އައިޖީއެމްއެޗް ތަރައްގީކޮށް އެ ތަނުގެ ހިދުމަތް ފުޅާ ކުރާ ވާހަކަ ސަރުކާރުން ދައްކަނީ އެވެ. އެކަމަށް ހާއްސަކޮށްގެން މިހާރު އެހެރީ 11 ބުރީގެ އިމާރާތެއް ވެސް އަޅައިފަ އެވެ.

އެކަމަކު އެވަރުން ވެސް އަދި ފުދުނީކީ ނޫނެެވެ. މިހާރު ބޭނުން ވަނީ 25 ބުރީގެ އިމާރާތެއް އައިޖީއެމްއެޗަށް ހާއްސަކޮށްގެން އަޅާށެވެ.

އަނެއްކޮޅުން މާލެ އާ ބްރިޖްތަކުން ގުޅާލުމަށް ތައްޔާރުވަމުން އަންނަ ހުޅުމާލޭގައި ވެސް އަމިއްލަ ފަރާތަކުން ޓާޝަރީ ހޮސްޕިލަޓެއް ތަރައްގީ ކުރަމުން އަންނަނީ އެވެ، މާލޭގައި އައިޖީއެމްއެޗްގެ އިތުރަށް ވެސް ބޮޑު ޕްރައިވެޓް ހޮސްޕިޓަލެއް އެބަ ހުއްޓެެވެ. ހުރިހާ ކަމެއް މާލެ ސަރަަހައްދަށެެވެ.

މިއިން ދައްކުވައި ދެނީ މާލެ ސަރަހައްދަށް މީހުން ޖަމާ ކުރަން ސަރުކާރުން ބޭނުންވާ މިންވަރެވެ.

އެހެން ނޫން ނަަމަ އަތޮޅުތެރޭގެ ސިއްހީ ދާއިރާގެ އިންފްރާސްްޓަރްޗާ ވެސް ތަރައްގީ ކުރަން ސަރުކާރުން ސަމާލުކަން ދޭނެ އެވެ.

އައްޑޫގައި 100 އެނދުގެ ހޮސްޕިޓަލެއް އަޅަން ބޭރުގެ ފަރާތްތަކުން ލޯން ވެސް ލިބިފައި ވަނިކޮށް، އެ މަޝްރޫއްު ހުއްޓާލުމަކީ އަތޮޅުގެ ތެރޭގެ ތަރައްގި އަށް ސަރުކާރުން ކަމެއް ކޮށް ދޭން ބޭނުންވާ ކަމުގެ ހެއްކެވެ.

ހިތަދޫގައި މިހާރު ހުރި ރީޖަނަލް ހޮސްޕިޓަލްގެ ހާލަތު ސަރުކާރަށް އެނގޭ ބާވަ އެވެ؟ ހެލްތު މިނިސްޓަރު އިރްތިޝާމް އާދަމް ނިކަން އައްޑު އަށް ވަޑައިގެން ކަމަނާގެ ދެ ލޯފުޅުން އެތަން ބައްލަވާލެއްވިއްޔާ ކިއްތޯ އެވެ؟

ވާރޭފޮދެއް ވެހިލާ އިރަށް ފުރާޅު އެހެރަ ލީކްވަނީ އެވެ. ހޮސްޕިޓަލްގެ އެތެރޭގެ އެތަންމިތަނުގައި ބާލިދީ އެވެ. އިމާރާތުގެ މައި ދޮރުގައި ބިއްލޫރި ޖަހައި، ފާރުގައި އޮރިމަސް ވަކަރު ޖަހައި، ތަން އޭސީ ކުރިޔަސް، ތަނުގެ ހާލަތު ރަނގަޅުވީ ކަމަށް ގަބޫލްކޮށްގެން ނުވާނެ އެވެ.

YTKJJK (1)

ބޮޑު އާބާދީއެއް އައްޑޫގައި ހުރި ހޮސްޕިޓަލްގެ ހާލަތަކީ އެންމެ އާދައިގެ ސިއްހީ މަރުކަޒަކަށް ވުރެ ވެސް އެތަނުގެ ހާލަތު ދަށްވުމެވެ.

ޖާގައިގެ ދަތިކަން އިންތިހާ އަށް ބޮޑެވެ. އިމާރާތް ބާވުމުގެ ސަަބަބުން ދިމާވާ މައްސަލަތައް އެހާމެ ގިނަ އެވެ. ބޯކޮށް ވާރޭ ވެހިއްޖެ ނަމަ، ޖަންކްޝަންތައް ފުރިގެން ހޮސްޕިޓަލް ތެރެއަށް ނަޖިސް އަރާކަން ވެސް އެއީ އެންމެން ދަންނަ ހަގީގަތެކެވެ.

ކަމެއް ދިމާވެގެން ހޮސްޕިޓަލަށްދާ އިރަށް ފުރުވާލަނީ މާލެ އެވެ. އެތަނުން ދެވޭ ފަރުވާއެއް އޮންނަ ކަމަކަށް ނުވެ އެވެ. ހަމައަކަށް ޑޮކްޓަރުންނެއް ނުތިބެ އެވެ.

ނިކަމެތި ރައްޔިތު މީހާ ފުރައިގެން ދާން ޖެހިފައި މި އޮންނަނީ މާލެއަށެވެ.

ރައްޔިތުން ބޭނުން ވަނީ މި ނޫން ދުވަހެއް ދެކޭށެވެ. ސިއްހީ ހިދުމަތަކީ ގާނޫނު އަސާސީން ވެސް ކަށަވަރުކޮށް ދީފައިވާ އަސާސީ ހިދުމަތެކެވެ.

އެކަމަކު އައްޑޫގައި މިހިރަ ހޮސްޕިޓަލުން އެވަރު ނުކޮށް ދެވޭ ނަމަ، ސިއްހީ ދާއިރާ އާ ހަވާލުވެގެން ހުންނެވި މިނިސްޓަރު ކުރައްވަނީ ކީއްތޯ ވެސް ބަލަން އެބަ ޖެހެ އެވެ.