Last Updated: April 24, 11:51
Wednesday, April 24, 2024
ސިޔާސީ

"ރައީސް އިޝާރާތް ކުރީ ޔަހޫދީންނާއި ނަސާރާއިންނަށް"

"އަޅުގަނޑުމެންނަކީ ﷲ ގެ ދެވަނަ ދަރިން" ނޫން ކަމަށް ރައީސް އަބްދުﷲ ޔާމީން ދެއްކެވި ވާހަކަފުޅުގައި އިޝާރާތް ކުރައްވާފައި ވަނީ އެ ވަނީ ރާއްޖޭގެ ދާހިލީ ކަންކަމާ ބެހި ރާއްޖެ ތަރައްގީވެ ކުރިއެރުމަށް ހުރަސް އަޅަން މަސައްކަތްތަކެއް ކުރަމުންދާ ޔަހޫދީންނާއި، ނަޞާރާއިންނަށް ރައްދު ދެއްވުމުގެ ގޮތުންކަމަށް މޯލޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން މިއަދު ބުނެފި އެވެ.

އޭޕްރިލް 19، 2016 ވަނަ ދުވަހުގެ ރޭ "ގެދޮރުވެރި ކުރުން" ގެ ނަމުގައި ބޭއްވި ޖަލްސާގައި ރައީސް ދެއްކެވި ވާހަކަފުޅާ ގުޅިގެން ބްރޯޑްކޮމް އަށް ހުށަހަޅާފައިވާ ޝަކުވާއަކާ ގުޅިގެން އެ ކޮމިޝަނުން ބުނީ އެ މައްސަލައާ ގުޅޭ ކޮންޓެންޓް ދައުލަތުގެ އިން ހިންގާ ޓީވީއެމާއި ޗެނަލް 13 އިން ބްރޯޑްކާސްޓްކޮށްފައި ވަނީ ބްރޯޑްކާސްޓް ކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ އެއްވެސް ހަމަޔަކާ ހިލާފަށް ކަމަށް ބެލެވޭނެ ޖާގައެއް ނެތް ކަމަށެވެ.

ކޮމިޝަނުން ބުނީ ރައީސް އިޝާރާތް ކުރެއްވީ ޔަހޫދީންނާއި ނަޞާރާއިންނަށް ރައްދު ދެއްވުމުގެ ގޮތުން ކަމަށެވެ.

އަދި އަލް މަޞީޙު (އީސާގެފާނު) އަކީ ﷲގެ ދަރިކަލެއް ކަމަށް ކީރިތި ގުރުއާނުގެ އައްތައުބާ ސޫރަތުގެ 30 ވަނަ އާޔަތުގައި މާތްﷲ ވަހީކުރައްވާފައިވާ ކަމަށް ބްރޯޑްކޮމް އިން ބުންޏެވެ.

"ޔަހޫދީންނާއި ނަސާރާއިން އެކުވެގެން ބުނެފައި ވަނީ ތިމަންމެންނީ ﷲގެ ދަރިންނެވެ. އަދި ތިމަންމެންނީ ﷲ ލޯބިވެވޮޑިގަންނަވާ މީހުންނެވެ." މިވާހަކަ މިގޮތަށް އަލްމާއިދަތު ސޫރަތުގެ 18 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވާފައި ވާކަން ބަޔާންކޮށް، އިސްވެ ބަޔާންވެ ދިޔަ ދެ އާޔަތުގެ އަލީގައި ރައީސް ޢަބްދުﷲ ޔާމީން، ޔަހޫދީންނާއި ނަޞާރާއިންނަށް ރައްދު ދެއްވުމުގައި ވިދާޅުވެފައިވާ ވާހަކަފުޅަކީ، އިސްލާމްދީނުގެ އަސްލަކާ ޚިލާފު ވާހަކަފުޅެއްނޫން ކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ދެއްވި ޜައުޔުގައި ބުނެފައިވާތީ، އެ ރަޢުޔު އަށް ރިއާޔަތްކޮށް، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް ދެއްކެވި ވާހަކަފުޅު ހިމެނޭ މައްސަލައާ ގުޅޭ ކޮންޓެންޓް ބްރޯޑްކާސްޓްކޮށްފައި ވަނީ ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ އެއްވެސް ހަމަޔަކާ ޚިލާފަށް ކަމަށް ބެލެވޭނެ ޖާގައެއް ނެތްކަމަށް ކޮމިޝަންގެ ޖަލްސާގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުން ނިންމީއެވެ." ބްރޯޑްކޮމް އިން ބުންޏެވެ