Last Updated: April 19, 22:45
Friday, April 19, 2024
ސިޔާސީ

ޔާމީނަކަށް ގަދީމީ ވެރިކަމެއް ނުކުރެވޭނެ: ނިޒާރު

ރައީސް މައުމޫން އަބްދުލް ގައްޔޫމް 30 އަހަރުގެ ވެރިކަން ކުރެއްވި ގޮތަށް ރާއްޖޭގައި ގަދީމީ ވެރިކަމެއް ރައީސް އަބްދުﷲ ޔާމިނަކަށް ނުކުރެއްވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު އަލީ ނިޒާރު ރޭ ވިދާޅުވެއްޖެ އެވެ.

އެމްޑީޕީން ހަރުގޭގައި ބޭއްވި ޖަލްސާގައި އޭނާ ވިދާޅުވީ ދިގު 30 އަހަރުގައި ވެރިކަން ކުރެއްވި ރައީސް މައުމޫނުގެ ދަރިވަރެއް ކަމަށް ވިދާޅުވެ ރައީސް ޔާމިން މަސައްކަތްޕުޅު ކުރައްވަނީ އެގޮތަށް ވެރިކަން ކުރައްވަން ކަމަށެވެ،

އެހެން ނަމަވެސް މިއަދު ރާއްޖޭގެ ރައްޔިތުން އެފަދަ ފުރުޞަތެއް ރައީސް ޔާމިނަށް ނުދޭނެ ކަމަށް ވިދާޅުވި އެވެ.

"ރައީސް ޔާމިން ދައްކަވަމުން ގެންދަވާ ވާހަކަތަކުއިގެ އެއްވެސް މަޤްޞަދެއް ނެތުމުން ގޮވެނީ ކޮސް. އެފަދަ ވާހަކަ ދެއްކުމުން ވެސް އެއީ ނުދައްކާ ވާހަކައަކަށް ހަދައި ދީނީ އިލްމުވެރިން އެކަން ފޮރުވުމަށް މަސައްކަތް ކުރުމަކީ ނާތަހުޒީބް އަމަލެއް،" ނިޒާރު ވިދާޅުވި އެވެ.

އޭނާ އަދި ވިދާޅުވީ ރައީސް ޔާމިން އެންމެ ފަހުން އިސްލާމް ދީނާ ޚިލާފަށް ދެއްކެވި ވާހަކަތަކަށް ބަލާ އިރު ބެންކޮކަށް ފިރިހެނުން ގޮސް ފައިސާދީގެން ކަންތައް ކުރާ ވާހަކަ ދެއްކުމާއި އަޅުގަނޑުމެންނަކީ ﷲ ގެ ދެވަނަ ދަރިންނެއް ނޫން ކަމަށް ވިދާޅުވެ ވާހަކަފުޅު ދައްކަވާފައިވާއިރު މިފަދަ ވާހަކަ ދައްކަމުން ދާތަން ބަލަން މަޑުން ތިބެން ނުޖެހޭ ކަމަށް ނިޒާރު ވިދާޅުވި އެވެ.

"ގައުމެއްގެ ވަލިޔުލްއަމްރު ދީނާއި ޚިލާފް ވާހަކަ ދައްކަމުންދާ އިރު އެންމެ ދުވަހަކަށް ވެސް މިގައުމުގެ ވެރިކަމުގައި ބަހައްޓަން ނުޖެހޭ ކަމުގެ ހެކި ފެންނަމުން މި ދަނީ، ރައީސް ޔާމިންގެ ވެރިކަމުގައި ރައްޔިތުންނަށް އުފާވެރިކަން ހޯދައި ދޭނެ ސިޔާސަތެއް ނެތް."

އޭނާ އަދި ވިދާޅުވީ އެމްޑީޕީން ރައްޔިތުންނަށް އުފާވެރިކަން ހޯދައި ދިނުމަށް ކުރަމުންދާ މަސައްކަތުގެ އެންމެ ބޮޑު ހުރަހަކަށް ވަނީ ޕީޕީއެމްގެ ފިކުރު ކަމަށެވެ.

"އަޅުގަނޑުންގެ ފިކުރަކީ އަދުލު އިންސާފާއި ޤާނޫނޫ އަސާސީ ކަށަވަރު ކުރާ ހައްގުތައް." ނިޒާރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަބުރަކީ އެ މީހަކު އަމިއްލައަށް ރައްކާތެރި ކުރަންޖެހޭ އެއްޗަކަށްވާ އިރު އެމްޑީޕީން ދައްކާ ވާހަކަތަކަކީ އަމިއްލައަށް ހަދަހަދައިގެން ދައްކާ ވާހަކަތަކެއް ނޫން ކަމަށެވެ.

ރައީސް ޔާމިން ކަންތައް ކުރައްވާ ގޮތުގެ ރައްޔިތުން އެ ވާހަކަ ނުދައްކާ މަޑުން ނުތިބޭނެ ކަމަށް ވެސް ނިޒާރު ވިދާޅުވި އެވެ.