Last Updated: March 29, 10:52
Friday, March 29, 2024
ޚަބަރު

ފޭދޫ ސާފު ކުރަން ފަށައިފި

"ނަލަނަލަ ފޭދޫ-އެންމެންގެ ޒިންމާ" ގެ ޝިއާރުގެ ދަށުން ފޭދޫ ސާފު ކުރުމުގެ މަސައްކަތް މިއަދު ފަށައިފި އެވެ.

ހައުސިން މިނިސްޓްރީން އިންތިޒާމުކޮށްގެން ފޭދޫ ހޭޅި ފަށް ސަރަަހައްދު ސާފު ކުރަން ހާއްސަކޮށްގެން ކުރިއަށް ގެންދާ ސާފު ކުރުމުގެ ޕްރޮގްރާމް ފެށީ ހެނދުނު 8:30 ގަ އެވެ.

މި މަސައްކަތުގައި އެމްއެންޑީއެފާއި ޕޮލިހާއި އެމްއާރްޑީސީ އާއި ފޭދޫ ސްކޫލް ދަރިވަރުންނާއި އަވަށުގެ ރައްޔިތުން ވެސް ބައިވެރި އެވެ.

ސާފު ކުރުން ކުރިއަށްދާ އިރު އެކަމުގައި އުޅޭ މީހުންނަށް ސަޔާއި ޖޫސް ފޯރުކޮށް ދިނުމުގެ އިންތިޒާމު ވެސް ވަނީ ހަމަޖައްސައިފަ އެވެ.

ފޭދޫ ހޭޅި ފަށް ސާފު ކުރަން ހާއްސަ ޕްރޮގްރާމެއް މިއަދު މި ފެށީ ފޭދޫ ބިން ހިއްކައި ވެސް ނިމުމާ ގުޅިގެންނެވެ.

އެކަމަށް ވެސް ރައްޔިތުންގެ ފަރާތުން ވަަރަށް ބޮޑު އެހީތެރިކަމަކާއި އެއްބާރުލުމެއް ލިބިފައިވެ އެވެ.

ހައުސިން މިނިސްޓްރީގެ އައްޑޫ ކޯޑިނޭޓަރު މުހައްމަދު ފައިސަލް ވިދާޅުވީ ފޭދޫ ސާފު ކުރަން މިއަދު ހިންގާ ޕްރޮގްރާމަކީ ތިމާވެށީގެ ދުވަހާ ވެސް ގުޅުވައިގެން ހިންގާ ހަރަކާތެއް ކަމަށެވެ.