Last Updated: April 20, 17:32
Saturday, April 20, 2024
ޚަބަރު

ރައްޔިތުންގެ ކަންބޮޑުވުންތައް ހައްލުކޮށް ދޭނެ: ސީޕީ

މުޖުތަމައުގެ ހަމަޖެހުން ދަމަހައްޓައި ރައްޔިތުންގެ ކަންބޮޑުވުންތައް ބަލައި އެކަންކަން ޙައްލުކޮށް ދެއްވަން މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަން އަރުވާ ކަމުގައި ކޮމިޝަނަރު އޮފް ޕޮލިސް އަޙްމަދު ޢަރީފް ވިދާޅުވެއްޖެ އެވެ.

ދ. މީދޫގައި ފުލުހުންގެ ޚިދުމަތް ފަށައި އެ ރަށު ޕޮލިސް ސްޓޭޝަން ހުޅުވުމުގެ ރަސްމިއްޔާތުގައި ޢަރީފް ވިދާޅުވީ މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަން ދެމި އޮތުމަކީ ރައްޔިތުން އެންމެ ބޮޑަށް އެދޭ ކަންކަން ކަމުގައި ޤަބޫލުފުޅު ކުރައްވާ ކަމަށެވެ.

އެހެންކަމުން ދިވެހި ފުލުހުން އަބަދުވެސް މަސައްކަތް ކުރަމުން އަންނަނީ އެފަދަ ކަންކަން ޙައްލުކޮށް ޤައުމުގައި ރައްކާތެރިކަން ކަށަވަރުކުރުމަށް ކަމަށް ވިދާޅުވި އެވެ.

ސީޕީ ވިދާޅުވީ މި މަސައްކަތަކީ ހަމައެކަނި ފުލުހުން ކުރަން ދޫކޮށްލައިގެން ތިބެވޭ ވަރަށްވުރެ ބޮޑު އަދި ބުރަ މަސައްކަތެއް ކަމަށާއި މި މަސައްކަތުގައި މުޅި މުޖުތަމަޢު އެކުގައި އަތު ގުޅާލައި އިޚްލާޞްތެރި ކަމާއެކު މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

ވަކިން ޚާއްޞަކޮށް ކައުންސިލްތަކާއި މަދަނީ ޖަމާޢަތްތަކާއި ރައްޔިތުންނާ ފުލުހުން ގުޅިގެން މި މަސައްކަތް ކުރާނަމަ މުޖުތަމަޢުގައި ހަމަޖެހުން ޤާއިމް ކުރެވި ކުށުގެ ނުރައްކަލުން މުޅި މުޖުތަމަޢު ސަލާމަތް ކުރެވޭނެ ކަމަށް ވިދާޅުވި އެވެ.

އަރީފް އަދި ވިދާޅުވީ މިއަދުގެ މުޖުތަމަޢުގައި ފުލުހުންގެ ޚިދުމަތް ބޭނުން ކުރުމުގައި ވެސް، ވަކި ބަޔަކު ބޭނުންވާ ކަންކަން ޙާޞިލް ކުރަން ނޫނީ ވަކި ބައެއްގެ މަަޤްޞަދު ޙާޞިލް ކުރަން ނޫން ނަމަ ވަކި ބަޔަކަށް މަންފާ ލިބޭ ގޮތަށް ކަންކަން ކުރަން އޮންނަ ޚިދުމަތެއްގެ ގޮތުގައި ހަދަން މަސައްކަތްކުރާ މަންޒަރު ފެންނަމުންދާ ކަމަށެވެ.

ހަމަ އެއާ އެކު ފުލުހުންގެ ޚިދުމަތް ވަކި ގޮތަކަށް ދައްކުވައި ދޭން މަސައްކަތްކުރާތީ ފެންނަ ކަމަށާއި ވަކި ބައެއްގެ ނިވާ ފަތްގަނޑެއްގެ ގޮތުގައި މި ޚިދުމަތް ބާއްވަން މަސައްކަތް ކުރާ ތަން ފެންނަމުންދާ ކަމަށް ވެސް ވިދާޅުވި އެވެ.

އެހެން ނަމަވެސް އެފަދަ ގޮތަކަށް ކަންކަން ކުރަން ފުރުޞަތު ނުދެއްްވާނެ ކަމަށާއި ފުލުހުންގެ ޚިދުމަތުގެ ތަޞައްވުރު ހުތުރުކޮށް ޚިދުމަތާ މެދު ރައްޔިތުންގެ އިތުބާރާއި ލޯބި ނަގާލަން ކުރެވޭ މަސައްކަތަށް ފުރުޞަތު ނުދެއްވާނެ ސީޕީ ކަމަށެވެ.