Last Updated: April 23, 23:56
Tuesday, April 23, 2024
ޚަބަރު

ރޯދައިގެ ކުރިން މިސްކިތްތައް މަރާމާތު ކުރާނެ!

އައްޑޫގެ މިސްކިތްތައް ކުރިއަށް އޮތް ރޯދަ މަހާ ދިމާކޮށް މަރާމާތުކޮށް، އާބާތުރަ ފިލުވުމުގެ މަސައްތް ލަސްވިޔަސް، އެެކަން ރޯދައިގެ ކުރިން ފަށައި، ނިންމާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

މިސްކިތްތައް މަރާމާތު ނުކުރެވިގެން އައްޑޫ ސިޓީ ކައުންސިލުން ފާޅު ކުރި ކަންބޮޑުވުންތަކާ ގުޅިގެން އިސްލާމިކް މިނިސްޓްރީގެ އައްޑޫ ކޯޑިނޭޓަރު ހިޝާމް އަހުމަދު ވިދާޅުވީ މިސްކިތްތައް މަރާމާތުކޮށް އާބާތުރަ ފިިލުވުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ.

އެ މަސައްކަތް ކުރަން މޯލްޑިވްސް ރޯޑް ޑިވެލޮމަންޓް ކޯޕަރޭޝަން (އެމްއާރްޑީސީ) އާ ހަވާލުކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން މިސްކިތްތައް ފޮޅައި ސާފު ކުރަން ބޭނުންވާ މީހުން އެސްޓީއޯ މެދުވެރިކޮށް ހަމަޖެއްސުމާއި މަސައްކަތަށް ބޭނުންވާ ސާމާނު ވަރަށް އަވަހަށް ލިބޭނެ ކަމަށް ހިޝާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އައްޑޫގައި 64 ވަރަކަށް މިސްކިތް ހުރި އިރު، މިސްކިތްތަކުގައި ކުރަން ޖެހޭ މަރާމާތުތައް، އަވަށު އޮފީސްތައް މެދުވެރިކޮށް ހޯދާފައިވާ ކަމަށެވެ.

އައްޑޫގެ ބައެއް މިސްކިތްތަކަކީ ދީލަތި ފަރާތްތަކުގެ އެހީތެރިކަމާ އެކު އަބަދު ވެސް މަރާމާތިކޮށް ބަލަހައްޓަމުން އަންނަ މިސްކިތްތަކެވެ.

ހިޝާމް ވިދާޅުވީ ރޯދައިގެ ކުރިން މަސައްކަތް ފަށައި ނިންމާލެވޭނެ ކަމަށެވެ.

ކުރިން އައްޑޫ ސިޓީ ކައުންސިލްގެ ދަށުގައި ހުރި މިސްކިތްތައް އިސްލާމިކް މިނިސްޓްރީގެ ދަށަށް މިދިޔަ ޖެނުއަރީ މަހު ބަދަލު ކުރުމާ ގުޅިގެން ކައުންސިލުން ވަނީ މިސްކިތްތައް މިހާރު އެކަށީގެންވާ ގޮތަށް ނުބެލެހެއްްޓޭ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އެހެން ނަމަވެސް ކައުންސިލުން އެކަން ވަރަށް ރަނގަޅަށް ކުރިން ކުރަމުން ދިޔަ ކަމަށް ކައުންސިލުން ބުންޏެވެ.

ކައުންސިލުން ވަނީ ރޯދަ މަހު އައްޑޫގައި ކުރިއަށް ގެންދާ ދަރުސް ޕްރޮގްރާމްތަކާއި އިހްޔާ ޕްރޮގްރާމްތަކާއި ތަރާވީހު ނަމާދު ކުރާ ހާފިޒުންގެ ކަންކަން ވެސް ކުރިއަށް ގެންދާނެ ގޮތެއް ސާފުވެފައި ނެތުމުން އެކަމާ ވެސް ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ހިޝާމް ވިދާޅުވީ ކުރީ އަހަރުތަކެެކޭ އެއްގޮތަށް މި އަހަރު ވެސް ދަރުހާއި އިހްޔާ ޕްރޮގްރާމް ފަދަ ކަންކަން އައްޑޫގައި ވަަރަށް ރަނގަޅަށް ކުރިއަށް ދާނެ ކަމަށެވެ.

އަދި އެ މައުލޫމާތު ވަރަށް އަަވަހަށް ހިއްސާ ކުރާނެ ކަމަށް ވިދާޅުވި އެވެ.