ރާއްޖޭގެ ނޫސްވެރި ކަމަށް ކުރިމަތިކޮށްފައިވާ ހުރަސްތަކަށް އޮތް ހައްލަކީ ބިރު ފަހަނައަޅާފައި ލިޔުން ކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލްގެ މެމްބަރު އަދި "މިހާރު" ނޫހުގެ ޑެޕިއުޓީ އެޑިޓަރު އަހްމަދު ހަމްދޫން ރޭ ވިދާޅުވެއްޖެ އެވެ.
ޓްރާންސްޕޭރަންސީ މޯލްޑިވްސްއިން އިންތިޒާމްކޮށްގެން ރޭ "ޑަގަނާ" ގެ ނަމުގައި ބޭއްވި ޕެނަލް ޑިސްކަޝަންގައި އޭނާ ވިދާޅުވީ މިނިވަންކަމާ އެކު ނޫސްވެރިކަން ކުރުމުގެ ނަތީޖާ ރާއްޖޭން ފެންނަނީ ހުޅު ޖެހުމާއި، ވަގަށް ނެގުން އަދި ޖިނާއީ ދައުވާކޮށްގެން ކަމަށެވެ.
ހަމްދޫން ވިދާޅުވީ ރާއްޖެޓީވީގައި ހުޅުޖެހުމާއި، މިނިވަން ނިއުސްގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލުމާއި އަދި މިހާރު ރާއްޖެ ޓީވީގެ ނޫސްވެރިންނާ ދެކޮޅަށް ކުރަމުންދާ ޖިނާއީ ދައުވާތަކަކީ މިނިވަން ނޫސްވެރި ކަމަށް ހުރަސް އެޅުމަށް ކުރަމުންދާ މަސައްކަތްތަކެއް ކަމަށެވެ.
އޭނާ ވިދާޅުވީ ކުރަމަތި ކުރުވަމުންދާ ހުރަސްތައް އެއްކައިރި ކޮށްފައި ގާނޫނު އަސާސީން ލިބި ދީފައިވާ ނޫސްވެރިކަމުގެ ހައްގުގެ ބޭނުން ކުރެވެން އޮތް ގޮތަކަށް ކުރަންވީ ކަމަށެވެ.
"މިކަން ހައްލު ކުރެވޭނެ ވަރަށް ސިމްޕަލް ގޮތެއް އޮތީ. ހަމަ ބިރު ފަހަނައަޅާފައި ލިޔަންވީ، ބިރު ފަހަނައަޅާފައި ނޫސްވެރިކަން ކުރަންވީ. އެ ނޫން ގޮތެއް ނުފެނޭ" ހަމްދޫން ވިދާޅުވި އެވެ.