Last Updated: April 20, 17:10
Saturday, April 20, 2024
ކުޅިވަރު

މޮރީނިއޯގެ ކޯޗިން ސްޓާފަކަށް ފާޑިނޭންޑް!

ހުކުރު ދުވަހު މެންޗެސްޓާ ޔުނައިޓެޑްގެ މެނޭޖަރު ކަމާއި ހޯސޭ މޮރީނިއޯ ހަވާލުވި ފަހުން އޭނާ ވަނީ އަންނަ ސީޒަނަށް ތައްޔާރު ވާން ފަށައިފި އެވެ.

އެގޮތުން އެންމެ ފަހަކަށް އިވިފައިވާ ޚަބަރަކީ އޭނާގެ ކޯޗިން ސްޓާފުންގެ ތެރޭގައި އަންނަ ސީޒަނުގައި ޓީމާ ބައިވެރިވުމަށް މެންޗެސްޓާ ޔުނައިޓެޑުގެ ކުރީގެ ޑިފެންޑަރު ރިއޯ ފާޑިނެންޑަށް ފުރުސަތު ހުށައެޅި ހަބަރެވެ.

ފާޑިނެންޑަކީ 12 އަހަރު ވަންދެން ޔުނައިޓެޑަށް ކުޅެދީފައިވާ ކުޅުންތެރިޔެކެވެ.

އޭނާ މިހާރު މަސައްކަތް ކުރަނީ ބީޓީ ސްޕޯޓްސްގައި ކުޅިވަރު އެނަލިސްޓެއްގެ ގޮތުގަ އެވެ. ނަމަވެސް އަދިވެސް އޭނާއަކީ ޔުނައިޓެޑުގެ ސަޕޯޓަރެއް ކަން އެއީ އެންމެންނަށްވެސް އެނގޭ ކަމެކެވެ.

ފާޑިނެންޑަކީ މޮރީނިއޯ ޔުނައިޓެޑާ ހަވާލުވިކަން އެންމެ ފުރަތަމަ އިއުލާން ކުރި ފަރާތް ވެސްމެ އެވެ. އޭނާ ކުރި ޓުވީޓެއްގައި މޮރީނިއޯ އަށް މަރުހަބާ ކިޔައި އޭނާއަކީ ކާމިޔާބު ލިބޭނެ ފެންވަރުގެ ކޯޗެއް ކަމަށް ބުނެ ތައުރީފު ވެސް ކޮށްފަ އެވެ.

މެންޗެސްޓާ ޔުނައިޓެޑުގެ ކުރީގެ މެނޭޖަރު އެލެކްސް ފާގަސަން ގެ އިރުޝާދުގައި ކުޅެފައިވާ އެތައް ކުޅުންތެރިންނެއް ވަނީ ރިޓަޔާ ކުރުމަށް ފަހު ކޯޗިން ދާއިރާ އަށް ނިކުމެފަ އެވެ.

ބައެއް ކުޅުންތެރިން ދުނިޔޭގެ އެކި ގައުމުތަކުގެ އެއްވަނަ ލީގުގެ ޓީމުތަކުގެ މެނޭޖަރު ކަމުގައި ތިބި އިރު އެސިސްޓެންޓު ކޯޗުންގެ ގޮތުގަ އާއި ކޯޗިން ޓީމުގެ އެކި މަގާމުތަކުގައި ގިނަ ކުރީގެ ކުޅުންތެރިންނެއް މަސައްކަތް ކުރަމުންދެ އެވެ.

މެންޗެސްޓާ ޔުނައިޓެޑްގެ އެސިސްޓެންޓު ކޯޗު ރަޔަން ގިގްސް 29 އަހަރު ޔުނައިޓެޑުގައި ހުރުމަށް ފަހު ކުލަބު ދޫކޮށް ދާން އުޅޭ ހަބަރު ވަނީ ފެތުރިފަ އެވެ.

މޮރީނިއޯގެ ދަށުގައި ގިގްސް އަށް ފުރުސަތު އޮތް ކަމަށް އޭނާ ވަނީ ބުނެފައެވެ. ނަމަވެސް އެސިސްޓެން ކޯޗުގެ މަގާމުގައެއް ނޫނެވެ.

ގިގްސް މިކަމާ ބެހޭ ގޮތުން ބަހެއް ބުނެފައި ނުވާ އިރު ބޮޑަށް ބެލެވެނީ އޭނާ އަންނަ ސީޒަނުގައި ފެނިގެން ދާނީ އެހެން ޓީމަކުން ކަމަށެވެ.