Last Updated: April 24, 23:11
Wednesday, April 24, 2024
ކުޅިވަރު

ނެޓްބޯލް އަމްޕަޔަރިން ކޯސް ނިންމާލައިފި

އައްޑޫ ސިޓީ ޕޮލިހާއި މޯލްޑިވްސް ނޭޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް ގުޅިގެން ހުޅުމީދޫގައި ކުރިއަށް ގެންދިޔަ ނެޓްބޯޅަ އަމްޕަޔަރިން ކޯސް ލެވެލް އެކެއް ނިންމާލައި ބައިވެރިންނަށް ހަނދާނީ ލިޔުން ދީފި އެވެ.

ހުޅުމީދޫ ޕޮލިސް ސްޓޭޝަނުގައި ބޭއްވި މި ރަސްމިއްޔާތުގައި ބައިވެރިންނަށް ހަނދާނީ ލިޔުން ހަވާލުކޮށް ދެއްވީ ހުޅުމީދޫ ދާއިރާގެ ކައުންސިލް މެމްބަރު އަބްދުﷲ މުހައްމަދާއި ސައުތު ޕޮލިސް ޑިވިޝަންގެ ކޮމާންޑަރު އިންސްޕެކްޓަރު އޮފް ޕޮލިސް އަހުމަދު ސަމީރެވެ.

މި މަހުގެ 20 ވަނަ ދުވަހުން ފެށިގެން ހަފްތާއެއްގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ކޯހުގައި ހުޅުމީދޫ ސްކޫލުތަކުގެ މުދައްރިސުންނާއި ދެ އަވަށުގެ އާއްމު ރައްޔިތުންގެ ތެރެއިން 27 ފަރާތަކުން ބައިވެރިވެފައިވެ އެވެ.

ކޯހުގައި ނެޓްބޯޅައިގެ ޤަވާއިދާއި ނެޓްބޯޅަ އަމްޕަޔަރިން ބޭނުންވާ އެހެން ބައިތައް ކިޔަވައި ދީފައިވާ އިރު ކޯހުގައި ކިޔަވައިދީފައި ވަނީ މޯލްޑިވްސް ނޭޝަނަލް އިންސްޓިއުޓް ފޮ ސްޕޯޓްސްގެ ތަޖުރިބާ ހުރި މުދައްރިބުންނެވެ.