Last Updated: April 25, 21:20
Thursday, April 25, 2024
ޚަބަރު

ހައްޔަރު ކުރި ތިނަދޫ މެޖިސްޓްރޭޓް ސަސްޕެންޑްކޮށްފި

ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އިބްރާހިމް ރަޝީދު މަސްތުގެ ހާލަތުގައި މަސްތުވާތަކެއްޗާ އެކު ހައްޔަރު ކުރުމަށްފަހު އޭނާގެ ބަންދުގެ މުއްދަތު އިތުރުކޮށް ދިނުމަށް އެދި ހައިކޯޓަށް ހާޒިރު ކުރުމުން ހައިކޯޓުން އޭނާ ދޫކުރި ފަހުން ވަޒީފާ އިން ސަސްޕެންޑުކޮށްފި އެވެ.

އިބްރާހިމް ރަޝީދު ސަސްޕެންޑުކޮށްފައި ވަނީ މިއަދު ޖުޑީޝިއަލް ސާވިސް ކޮމިޝަނުން ބޭއްވި ބައްދަލުވުމެއްގައެވެ.

"ގދ.ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަލްފާޟިލް އިބްރާހީމް ރަޝީދުއާ ގުޅޭގޮތުން މޯލްޑިވްސް ޕޮލިސް ސަރވިސްއިން ތަޙްޤީޤުކުރަމުންދާ މައްސަލައަކާ ގުޅިގެން، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ހިންގާ ޤަވާޢިދުގެ 42 ވަނަ މާއްދާގެ ދަށުން، މިކޮމިޝަނުން ވަކިގޮތެއް ކަނޑައަޅަންދެން، މިއަދު (30 މެއި 2016) ން ފެށިގެން މަޤާމުގެ މަސްޢޫލިއްޔަތުތަކާއި، ވާޖިބުތަކުން އެކަހެރިކޮށް ބެހެއްޓުމާއި، އަދި ވަޒީފާއަށް ނުނިކުމެ މަޑުކުރުމަށް އެންގުމަށް ކޮމިޝަނުން ނިންމައިފިއެވެ." ކޮމިޝަނުން ނެރެފައިވާ ބަޔާނުގައި ބުނެފައިވެ އެވެ.

އިބްރާހިމް ރަޝީދުގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ހައިކޯޓަށް ހާޒިރުކުރުމުން އޭނާ ދޫކޮށްލާފައިވަނީ ހައްޔަރުކުރި އިރު ފުލުހުން އަދާ ކުރަން ޖެހޭ މަސްއޫލިއްޔަތުތަށް ފުރިހަމައަށް އަދާކޮށްފައި ނުވާތީ ކަމަށް ކޯޓުން ވަނީ ނިންމާފައެވެ.

ނަމަވެސް ހޯމް މިނިސްޓަރު އުމަރު ނަސީރު ވަނީ ހައިކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރާނެ ކަމަށް ބުނެފައިވެއެވެ.