Last Updated: April 25, 12:03
Thursday, April 25, 2024
ކުޅިވަރު

އެފްއޭއެމްގެ ރައީސަކަށް ޓޮމް

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ކަަމަށް ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކުޅުންތެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގް (ޓޮމް) އިންތިހާބުކޮށްފި އެވެ.

އެފްއޭއެމްގެ ރައީސް ކަމަށް ކުރިމަތިލާން ހުޅުވާލުމުން ކުރިމަތިލީ ވެސް ޓޮމް އެކަންޏެވެ. އޭނާ އެކަނި ކުރިމަތިލާފައިވާތީ މިއަދު ކުރިއަށް ދިޔަ އެފްއޭއެމްގެ ކޮންގްރެސްގައި ޓޮމް އެ މަގާމަށް ހަމަޖެއްސުމާއި މެދު ގޮތެއް ނިންމުމަށް ނެގީ ފެންނަ ނުފެންނަ ވޯޓެކެވެ.

އެ ވޯޓްގައި އޭނާ އެ މަގާމަށް ގެންނަން ފެންނަ ކަމަށް 21 މެމްބަތުންގެ ތެރެއިން 19 މެންބަރުންގެ ތާއީދު ކުރި އެވެ.

ޓޮމްގެ ނައިބް ރައީސުންގެ ގޮތުގައި ހަަމަޖައްސާފައިވަނީ ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކެޕްޓަން މުހައްމަދު ކަލީމާއި ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ފޯވާޑް އަދި އެފްއޭއެމްގެ ނޮމަލައިޒޭޝަން ކޮމިޓީގެ ކުރީގެ މެންބަރު އަލީ އުމަރެވެ.

ޓޮމް އާ އެކު އެފްއޭއެމްގެ އެގްޒެކްޓިވް ކޮމިޓީގައި ހިމެނޭ އިތުރު ހަ މެންބަރުންނަކީ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން އައްސަދު އަބްދުލް ޣަނީ، އީގަލްސްގެ ޗެއާމަންގެ މަގާމުގައި ހުންނެވި ނައިފަރު ދާއިރާގެ މަޖިލިސް މެމްބަރު އަހްމަދު ޝިޔާމް، ގައުމީ ޓީމުގެ ފިޒީޝަން އަދި އެފްއޭއެމްގެ ނޮމަލައިޒޭޝަން ކޮމިޓީގެ ކުރީގެ މެންބަރު އަހްމަދު ޝަކީބް (ޑޮކް)، ނިރޭޑިއަންޓްގެ ބޯޑް މެމްބަރު އައިޝަތު ނާޒިމާ، އަދި ޓީމުގެ ކުރީގެ ބޯޑު މެންބަރު އަހްމަދު ޒަރީރުގެ އިތުރުން މުހައްމަދު އީސަ އެވެ.