Last Updated: March 29, 16:45
Friday, March 29, 2024
ކުޅިވަރު

ގޯދިއްޔާ ފުޓްސަލް 2015- މެއިން ސްޕޮންސަރަކަށް މިޓިސުބުޝީ. އޮފިޝަލް ޑްރިންކަކަށް އެޕިކް

އައްޑޫގައި ބާއްވާ އެންމެ ފޯރިގަދަ އަދި އެންމެ އަގުބޮޑު ފުޓްސަލް މުބާރާތް ގޯދިއްޔާ ފުޓްސަލް ކަޕްގެ މިފަހަރުގެ މެއިން ސްޕޮންސަރަކަށް ޖަޕާނުގެ މަޝްހޫރު މިޓިސުބުޝީ ހަމަޖައްސައިފިއެވެ.

މިމަހުގެ 24އިން އަންނަ މަހުގެ 16 އަށް ކުރިއަށްގެންދާ މުބާރާތް މިޓިސުބުޝީން ސްޕޮންސާރ ކުރުމާއި ގުޅިގެން މިބާރާތުގެ ނަން ވަނީ މިޓިސުބުޝީ ގޯދިއްޔާ ފުޓްސަލް ކަޕް 2015 ނަމަ ބަދަލުކޮށްފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މަރަދޫގެ ކުރީގެ މެމްބަރު ހަސަން އާދިލްގެ ހިއްސާ އޮންނަ މެރިން ޕަވާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން މާކެޓް ކުރާ “މިޓްސުބިޝީއިން މުބާރާތް ސްޕޮންސާރ ކޮށްފައިވާތީ އޭނާއަށް މަރަދޫގެ ޒުވާނުން ވަނީ ތައުރީފްކޮށް ޝުކުރު އަދާކޮށްފައެވެ.

ޖުމްލަ 20 ޓީމްއަށް ފުރުސަތުދޭ މި މުބާރާތުގެ އޮފިޝަލް އެނާޖީ ޑްރިންކްވެސް ވަނީ ހަމަޖައްސާފައެވެ. އެގޮތުން މިފަހަރު މުބާރާތުގެ އޮފިޝަލް އެނާޖީ ޑްރިންކަކީ މިހާރު ޒުވާނުންގެ މެދުގައި މަގްބޫލް ވަމުން އަންނަ އެޕިކް އެނާޖީ ޑްރިންކްއެވެ.

ގޯދިއްޔާ ފުޓްސަލް މުބާރާތް ފެށުމަށް ތައްޔާރުވަމުން އަންނަ އިރު ގިނަ ޓީމްތަކުން ވަނީ ކުޅުންތެރިން ހޯދައި ޕްރެކްޓިސް ފަށާފައެވެ.

މިފަހަރު ޗެމްޕިއަން ޓީމަށް ހުށަހަޅާފައިވަނީ 60،000 ރުފިޔާއެވެ. މިދިޔަ އަހަރު މި މުބާރާތް ކާމިޔާބް ކޮށްފައިވަނީ ހިތަދޫ އެފްސީ ރެސްޕެކްޓްއެވެ.